ދުވާފަރު

އާމިރު ވަކިކުރިގޮތް ދުވާފަރު މެމްބަރު ސާފުކޮށްދެއްވައިފި

ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމުގައި ހުރި އާމިރު އަހްމަދު މަގާމުން ވަކިކުރަން ޖެހުނު ސަބަބުން އެ ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއިލް އަހުމަދު ސާފުކޮށްދެއްވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލަ މަޖިލީހަށް ވެސް މިއަދު ހުށަހަޅާފައިވާ އިރު އާމިރު މަގާމުން ވަކިކުރުމުން އެމްޑީޕީީގެ ބައެއް މެމްބަރުން އިސްމާއިލަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ނަަމަވެސް އިސްމާއިލް މިއަދު ވިދާޅުވީ އާމިރު ވަކިކުރީ އޭނާ އިސްވެ ހުރެގެން ނޫން ކަމަށެވެ. އަދި އާމިރު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވި ގޮތް ވެސް ތަފްސީލު ކޮށް ދެއްވި އެވެ.

އިސްމާއިލް ވިދާޅުވީ އެމްޑީޕީގައި އަމަލުކުރަން ޖެހޭ އަސާސީ ގަވައިދެއް އޮންނަ ކަމަށާއި އަދި އެމްޑީޕީގެ މަގާމުތަކުގައި ތިބޭ މީހުން ހަމައާ އުސޫލުން ނެއްޓުމުން އަމަލުކުރަން ޖެހޭ ތަރުތީބެއް ވެސް އޮންނަ ކަމަށެވެ. އަދި އާމިރު ވަކިކުރީ ވެސް އެ އުސޫލާ އެއްގޮތަށް އެމްޑީޕީގެ އާންމު މެމްބަރުންގެ އެދުމަކަށް ހިންގާ ކޮމިޓީން ފާސްކޮށް ކަން ހިނގާދިޔަ ގޮތް ތަފްސީލުކޮށް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހުށަހެޅުއްވި ފަހުން ރައީސް އޮފީހުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ.

"[ރައީސް އޮފީހުން] ބެލިއިރު މަހަކު ފަސް ދުވަހު އޮފީހަށް ނުނުކުންނަވާ. ތަނުގެ ކުރިއެރުމަށް މަސައްކަތެއް ނުކުރައްވާ ކަންކަމާ ހަވާލުވެ ހުންނަވާ ޒިންމާ އަދާނުކުރައްވާ. ދުވާފަރުގައި ހަމައެކަނި ސިޔާސީ ބޭފުޅެއް ހުންނަ ތަނަކީ ސިއްހީ މަރުކަޒު. އެކަމު ދުވާފަރުގައި އެންމެ ދަށްކޮށް ބަދަލެއް ނާންނަ އަދި ކުރިއަށް ނުހިނގާ ހަމައެކަނި މުއައްސަސާއަކީ ވެސް ސިއްހީ މަރުކަޒު" އިސްމާއިލް ވިދާޅުވި އެވެ.

އާމިރު ވަކިކުރީ ދުވާފަރުގެ ރައްޔިތުންނާއި އެރަށުގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންގެ ކަންބޮޑުވުމާއެކު ތަރުތީބު ކުރެވިފައިވާ އުސޫލުތަކުގެ ތެރެއިން ރައީސްއަށް ގާނޫނުގެ ދަށުން ލިބޭ ބާރުގެ ދަށުން ކަމަށެވެ.

"މިއަށް އެމްޑީޕީގެ ބައެއް މެމްބަރުން ފާޑު ވިދާޅުވަނީ. ލިޔެވިފައި ހުންނަ އުސޫލާއި ތަރުތީބުން ކަންކަން ކުރެވުނީމާވެސް ގޯސްވާތަން މި ފެންނަނީ." އިސްމާއިލް ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގައި ވިދާޅުވީ އާމިރު ވަކިކުރި ނަމަވެސް ދުވާފަރު މެމްބަރު އިސްމާއިލްއަށް ވެސް މެމްބަރުކަމުގެ މަގާމަށް އާދެވުނީ އާމިރު ފަދަ ރައްޔިތުންގެ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އާޚިރުގައި ގަދަ ވާނީ އުސޫލުތަކުގައި ހިފަހައްޓާ ކޮޅު ކަމަށާއި އެއީ އާމިރުމެންގެ ކޮޅު ކަމަށެވެ