"ޒަކާތު ނަފާ'ގެ ނަމުގައި ފަގީރުންނަށް ޒަކާތު ފަންޑުން އެހީދޭ ޕްރޮގްރާމެއް ފަށަން އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރް އަލީ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ.
މި ޕްރޮގްރާމަކީ ޒަކާތު ފަންޑުން ޒަކާތުގެ ފައިދާ އޭގެ އެންމެ ހައްގު ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށްދިނުމަށާއި އަދި ފުދުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި ދުރާލައި ރޭވިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަމިއްލައަށް މަސައްކަތްކޮށްގެން ފުދުންތެރި ދިރިއުޅުމެއް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އަމިއްލައަށް މަސައްކަތްކޮށްގެން ޝަރަފުވެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމާއެކު އިގްތިސާދު ކުރިއެރުވުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ. ޒަކާތު ފަންޑުގެ އެހީތެރިކަން ފޯރުކޮށްދެވޭ ފަގީރުން އެމީހުންގެ ދިރިއުޅުން ތަނަވަސްވެ ކުރިމަގުގައި މުދަލު ޒަކާތް ދެއްކުމާ ހަމައަށް ވާސިލުކޮށްދިނުމަކީ ވެސް ޕްރޮގްރާމުގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ.
މި ޕްރޮގްރާމުގައި އެހީތެރިކަން ފޯރުކޮށްދޭނީ އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. އެމީހުންނަށް ފަސް އަހަރު ވަންދެން ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ޒަކާތު ނަފާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިންގާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ގެދޮރުން އާމްދަނީ، ޕޯލްޓްރީ ފާމިންގް، ހައިޑްރޯފޯނިކްސް ދަނޑުވެރިކަން، ފަރުމަސްވެރިކަން، ފެހުން، ތަމްރީން ޕްރޮގްރާމްތަކުން ފުރުސަތުތަށް ހޯދައިދިނުން ހިމެނެ އެވެ. މިޕްރޮގްރާމްތަކަށް މި އަހަރު ފުރުސަތުތައް ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ.