ޒަކާތް

ޒަކާތު ނަފާ ޕްރޮގްރާމަށް ފެޝަން ޑިޒައިނަރެއް ހޯދަނީ

"ޒަކާތު ނަފާ" ޕްރޮގްރާމްގެ ދަށުން ފެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް ބޭނުންވާ ޑިޒައިންތައް ތައްޔާރުކޮށްދޭނެ ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނުކޮށްފި އެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް ގުޅިގެންނެވެ. ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނު ކުރީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުންނެވެ.

މި މަގާމަށް ފެޝަން ޑިޒައިނަރެއް ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޝައުގުވެރިކަންފާޅު ކުރަންޖެހެ އެވެ.

ޒަކާތު ނަފާ ޕްރޮގްރާމް ތައާރަފުކުރީ ފަގީރުންނާއި މިސްކީނުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް އަމާޒުކޮށްގެން ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށެވެ.

"ޒަކާތު ނަފާ"ގެ ދަށުން އެހީ ދެވޭ ދާއިރާތައް

  • ގެދޮރުން ނަފާ
  • ޕޯލްޓަރީ ފާމިން
  • ހައިޑްރޯޕޯނިކް ދަނޑުވެރިކަން
  • ފަރުމަސްވެރިކަން
  • ފެހުން
  • ޓްރެއިނިން / އޮންދަ ޖޮބް ޓްރެއިންނިން / އެޕްރެންޓިސްޝިޕް
  • ވަޑާމުގެ މަސައްކަތް
  • މަސް ކައްކާ ހިއްކުން

ޒަކާތު ނަފާ ޕްރޮގްރާމުގައި ބައިވެރިވާ އެހީދޭ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، މައުލޫމާތު ބައްދަލުވުންތަކާއި ތަމްރީން ތަކުގައި ބަައިވެރިވުމާއި، ފޯރުކޮށްދެވޭ ވަސީލަތްތައް ރަނގަޅަށް ބެލެހެއްޓުމާއި، އެހީދެވޭ މަގުސަދާއި އެއްގޮތަށް ރަނގަޅަށް އެހީގެ ބޭނުންކުރުން ހިމެނެ އެވެ.

ޒަކާތު ނަފާ ޕްރޮގްރާމަށް ޒަކާތު ފަންޑުގެ ތެެރެއިން އާއިލާއަކަށް ހަރަދު ކުރެވޭނީ ގިނަވެގެން 150،000 ރުފިޔާ އެވެ.