ޒަކާތް

ފިތުރު ޒަކާތް ދެއްކުމުގައި ބަދަލެއް

ފިތުރު ޒަކާތް ދައްކާއިރު މިއަހަރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާއިރު މިއަހަރު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން، ޒަކާތް ދައްކާއިރު އެމީހަކު ޒަކާތް ދައްކަން ބޭނުންވާ ވަކި ރަށެއް އިހުތިޔާރު ނުކުރެވޭ ކަމަށެވެ. އެކަމަކު މިއަހަރު މާލޭގައި ހުންނަ މީހާއަށް ވެސް އޮންލައިންކޮށް އެމީހެއްގެ އަމިއްލަ ރަށް އިހުތިޔާރުކުރުމަށްފަހު އެރަކަށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެގޮތަށް ވަކި ރަށަކަށް ޒަކާތް ދައްކާނަމަ އެ ފައިސާ އެރަކަށް ފޮނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އޮންލައިންކޮށް ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ.

އިތުރު ބަދަލަކީ ފިތުރު ޒަކާތުގެ ގޮތުގައި ހުރިހާ ރަށަކަށް ވެސް އެއް އަދަދުތަކެއް ކަނޑައެޅުމެވެ. ޒާހިރު ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފިތުރު ޒަކާތުގެ ގޮތުގެ ގޮތުގައި ބަލައިގަންނާނީ އެއް މިންވަރަކަށެވެ.

މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަ މިންވަރު

  • އާދައިގަ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 77 ރުފިޔާ
  • ރަތް ހަނޑޫ: 72 ރުފިޔާ
  • އާދައިގެ ބާސްމަތީ ހަނޑޫ: 77 ރުފިޔާ
  • މޮޅު ބާސްމަތީ ހަނޑޫ: 90 ރުފިޔާ
  • އެންމެ މޮޅު މާސްމަތީ ހަނޑޫ: 132 ރުފިޔާ
  • އާދައިގެ ފުށް: 12 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

މިއަހަރު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އަދި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ނުވަތަ ފަހު ދިހަޔަކުން ފެށިގެންނެވެ. ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުގެ ހޯލުންނެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަހަރު ފަގީރުންގެ ދަފްތަރުގައި 9041 މީހުން ރަޖިސްޓްރީ ވެފައިވެ އެވެ. އޭގެތެރޭގައި އަތޮޅުތެރެއިން 7245 މީހުން އަދި މާލެއިން 1799 މީހުން ރަޖިސްޓްރީވެފައިވެ އެވެ. 42 ރަށެއްގައި އެއްވެސް ފަގީރަކު ނެތެވެ. މިދިޔަ އަހަރު އެއްވެސް ފަގީރަކު ނެތް ކަމަށް މިނިސްޓްރީ އިން ބުނެފައި ވަނީ 45 ރަށެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ ޒަކާތް ނެރޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.5 ކިލޯ އާއި 3 ކިލޯއާ ދެމެދުގެ މިންވަރެކެވެ. ޒަކާތް ނެރެން ޖެހެނީ އެބަޔަކު އާންމުކޮށް ކެއުމުގައި ބޭނުންކުރާ މައިގަނޑު ގޮވާމުގެ ބާވަތުންނެވެ. ރާއްޖޭގައިނަމަ ހަނޑުލުން ނުވަތަ ފުށުން ނެރުން ހުއްދަ ވެގެން ވެއެވެ.