ފަގީރުންނާއި މިސްކީނުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް އަމާޒުކޮށްގެން ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްޓަކައި ކުރިއަށް ގެންދަން ނިންމާފައިވާ "ޒަކާތުގެ ނަފާ" ޕްރޮގްރާމް ހދ. ނޮޅިވަރަމުގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމް މެނޭޖްކޮށް ތަންފީޒުކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ ހދ. ނޮޅިވަރަމުގައި މި ޕްރޮގްރާމް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މިގޮތުން ނޮޅިވަރަމުގެ ފަސް އާއިލާއަކުން ޒަކާތު ނަފާ ޕްރޮގްރާމުގައި ބައިވެރިވާނެ އެވެ. މީގެތެރެއިން ހަތަރު އާއިލާއަކަށް ދަނޑުވެރިކަން ކުރުމުގައި އިސްލާމިކް މިނިސްޓްރީން އެހީތެރިވެދޭނެ އެވެ. އަދި އެއް އާއިލާއަކަށް ފެހުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
"މި ޕްރޮގްރާމުގެ އަމާޒަކީ ފަގީރުންގެ ދަފްތަރުގައި މިހާރު ތިބި މީހުން މަދުކޮށް އެމީހުނަކީ ވެސް ޒަކާތް ދެއްކޭނެ ފަދަ ބަޔަކަށް ހެދުން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
"ޒަކާތު ނަފާ"ގެ ދަށުން އެހީ ދެވޭ ދާއިރާތައް
- ގެދޮރުން ނަފާ
- ޕޯލްޓަރީ ފާމިން
- ހައިޑްރޯޕޯނިކް ދަނޑުވެރިކަން
- ފަރުމަސްވެރިކަން
- ފެހުން
- ޓްރެއިނިން / އޮންދަ ޖޮބް ޓްރެއިންނިން / އެޕްރެންޓިސްޝިޕް
- ވަޑާމުގެ މަސައްކަތް
- މަސް ކައްކާ ހިއްކުން
"ޒަކާތު ނަފާ" ޕްރޮގްރާމު ފަށާނެ ތާރީހެއް ވިދާޅުނުވި ނަމަވެސް ވަރަށް އަވަހަށް މި ޕްރޮގްރާމް ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ. ޕްރޮގްރާމު ފައްޓަވައި ދެއްވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯހިލެވެ.
ޒަކާތު ނަފާ ޕްރޮގްރާމަށް ޒަކާތު ފަންޑުގެ ތެެރެއިން އާއިލާއަކަށް ހަރަދު ކުރެވޭނީ ގިނަވެގެން 150،000 ރުފިޔާ އެވެ. ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 2022ގެ ނިޔަލަށް ޖުމްލަ 8،984 މީހުން ރަޖިސްޓްރީވެފައިވެ އެވެ. ހިލޭ އެހީއެއް ގޮތަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 98 ރަށަކުން 350 އާއިލާއެއްގެ ޖުމްލަ 1،098 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު ރާއްޖޭގެ 96 ރަށެއް ފަގީރުންގެ ލިސްޓުން އުނިވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.