ހަބަރު

ޖޮނީ ޑެޕް މަސައްކަތެއްގައި ރާއްޖެއަށް

Dec 23, 2015
1

ހޮލީވޫޑްގެ މަޝްހޫރު ތަރި، ޖޯން ކްރިސްޓޮފާ މަޝްހޫރު ނަމުން ނަމަ ޖޮނީ ޑެޕް މިއަދު ހެނދުނު ރާއްޖެ އައިސްފި އެވެ.

ޕައިރޭޓްސް އޮފް ދަ ކެރީބިއަންގައި ކުޅުނު ލީޑް ރޯލުން އެތައް ބައެއްގެ ސަމާލުކަން އަތުލި ޖޮނީ ޑެޕް ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައި ފްލެޓަކުން ކަމަށް އަވަސް އަސް ވަނީ ޔަގީންވެފަ އެވެ. އޭނާ ރާއްޖެ އައީ ޑޮކިމަންޓްރީ އެއްގެ މަސައްކަތެއްގައި ނޫނީ އިޝްތިހާރެއް ޝޫޓް ކުރުމަށް ކަމަށް އެނގިފައިވެ އެވެ. އެހެން ނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެވެ އެވެ.

އޭނާ ރާއްޖޭގައި ހޭދަ ކުރާ ދުވަސްތައް ހޭދަ ކުރަނީ ސަފާރީއެއްގައި ކަމަށް ވެސް، "އަވަސް" އާ މައުލޫމާތު ހިއްސާ ކުރި ފަރާތްތަކުން ބުންޏެވެ. އެހެން ނަމަވެސް ސަލާމަތީ އެކި ސަބަބުތަކަށް ޓަކައި ސަފާރީ އަކީ ކޮބައިކަން ހާމަ ކުރަން އެ ފަރާތްތަކުން ދެކޮޅު ހެދި އެވެ. އަދި އޭނާ ރާއްޖޭގައި ހޭދަވާނެ މުއްދަތެއް ވެސް ނޭނގެ އެވެ.

ޖޮނީ ޑެޕް ވަނީ ގިނަ މަޝްހޫރު ފިލްމްތަކެއްގައި އެކްޓް ކުރުމުގެ އިތުރަށް، އޭނާ އަކީ މިޔުޒީޝަނެއް އަދި ޕްރޮޑިއުޝަރެކެވެ. އޭނާއަށް ވަނީ ގޯލްޑަން ގްލޯބް އެވޯޑްސް ވެސް ހާސިލް ކޮށްފަ އެވެ.

އަންނަ އަހަރު ނިކުންނަން ތައްޔާރުވަމުން އަންނަ ސްޓާވޯޒް ފިލްމްގެ 20 މިނެޓް ވެސް، ލ އަތޮޅުގެ އެކި ރަށްރަށުގައި ވަނީ ޝޫޓްކޮށްފަ އެވެ. އަދި އެއާ އެކު ރާއްޖެއަށް ލިބޭ ސަމާލުކަން ވަނީ ބޮޑުވެފަ އެވެ. ދޭތެރެ ދޭތެރެއިން ޗުއްޓި ހޭދަ ކުރުމަށް ދުނިޔޭގެ މަގުބޫލު މީހުން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކަށް ޓަކައި އެ މީހުންގެ ޗުއްޓީގެ މައުލޫމާތުތައް ގިނަ ފަހަރު އޮންނަނީ ސިއްރުކޮށްފަ އެވެ.