ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓުގެ ވެރިޔަކަށް ހަބީބް

Mar 2, 2022

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓާ އަލުން ހަވާލުވެ އެތަނުގެ ވެރިޔަކަށް ބޭފުޅަކު ހަމަޖައްސައިފި އެެވެ.

އެގޮތުން ކާޑެއްދޫ އެއާޕޯޓުގެ އެންމެ އިސްވެރިޔަކަށް ހަމަޖައްސާފައިވަނީ ގދ. ތިނަދޫ، ޝިފާ، އަހްމަދު ހަބީބް އެވެ.

ވިލާ އެއާގެ ފަރާތުން އެކަން ހާމަކުރީ ކާޑެއްދޫ އެއާޕޯޓާ އެ ކުންފުނިން ހަވާލުވުމަށްފަހު ގާސިމް އިބްރާހީމް އަންގާރަ ދުވަހު ކާޑެއްދޫ އަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިބައްދަލުކުރެއްވުމުގައި ވިލާ އެއާގެ އިސްވެރިންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވިލާ އެއާ އިން މީގެކުރިން ކާޑެއްދޫ އެއާޕޯޓް ހިންގިއިރު ވެސް އެތަނުގެ ވެރިޔަކަށް ހުންނެވީ ހަބީބް އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަބީބް ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. ނަމަވެސް އޭރުގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރައީސް ޔާމީން ވަނީ ހަބީބް މަގާމުން ވަކިކުރައްވާފަ އެވެ.