ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުމާ އަލުން ހަވާލު ވާނީ އެ އެއާޕޯޓާއެކު ސަރުކާރުން ދޭން އެއްބަސްވި ރަށް ނުވަތަ ފަޅު ހަމަޖައްސައި ދިނުމުން ކަމަށް ވިލާ އެއާ އިން ބުނެފި އެވެ.
ވިލާ އެއާ އިން މިހެން ބުނެފައި މިވަނީ އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލު ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ އެއާޕޯޓް އަންނަ މަހު ވިލާ އެއާ އާއި ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނުމާ ގުޅިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު އިއްޔެ އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިލާ އެއާއެކު ކުރި މަޝްވަރާތަކަށް ފަހު ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލު ކުރުމާ ހިސާބަށް މަސައްކަތްތައް ގެންދެވިފައިވާ ކަމަށެވެ. މިނިސްޓްރީއާއި ވިލާ އެއާ އާއި ދެމެދު ސޮއި ކުރަންޖެހޭ އެއްބަސްވުން ޑްރާފްޓްކޮށް ނިންމާލުމަށް ފަހު ބަންޑާރަނައިބުގެ ލަފައަށް ފޮނުވާފައިވާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ވާހަކަތަކާ ގުޅިގެން އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ ވިލާ އެއާ އަށް ސަރުކާރުން ހަމަޖައްސައިދޭން ޖެހޭ ރަށް ލިބުމާއެކު އެއްބަސްވުމުގައި ސޮއި ކުރަން އެ ކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ. ކާޑެއްދޫ އެއާޕޯޓް ކުރިން އެ ކުންފުންޏާ ހަވާލުކުރީ ވެސް ރަށެއް ދޭ ގޮތަށް ކަމަށާއި ނަމަވެސް ކުރީގެ ސަރުކާރުން ރަށް ހަވާލު ނުކުރުމުން ކާޑެއްދޫ އެއާޕޯޓާ ހަވާލުވެ، ވިލާ އެއާ އަށް ލިބުނީ މުޅިން ވެސް ގެއްލުން ކަމަށެވެ.
"ހަގީގަތަކީ އޭގެ ޒާތުގައި އެއާޕޯޓްތަކަކީ ފައިދާވާ ތަންތަނެއް ނޫން. އެހެންވެ ރާއްޖޭގައި އެއާޕޯޓްތައް ހަދައި މެނޭޖުކުރަން ހަވާލު ކުރަނީ ރިސޯޓް ހަދަން ދެ ރަށް ނުވަތަ ރަށަކާއި ސިޓީ ހޮޓަލެއް އަޅަން ބިމެއް ދީފައި. އޭރުން އެއާޕޯޓުން ގެއްލުންވި ނަމަވެސް އެ ރަށެއްގައި އިންވެސްޓްކޮށްގެން ލިބޭ ފައިދާ އިން އެއާޕޯޓް ހިންގޭނެ. އެހެންވީމާ އަޅުގަނޑުމެންނަށް ރަށެއް ނުލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ނާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިސޯޓު ހަދަން ވިލާ އެއާ އިން ދެ ފަހަރެއްގެ މަތިން ދެ ރަށެއް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް ތަފާތު ސަބަބުތަކާ ހެދި އެ ދެ ރަށް ވެސް ނުލިބުނު ކަމަށެވެ. ރަށެއް ހޯދަން ދަތިވުމުން މިހާރު ފަޅެއް ހޯދައި އެ ފަޅު ހަމަޖައްސައިދޭން ޓޫރިޒަމް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި ނަމަވެސް ފަޅާ ގުޅިގެން މިނިސްޓްރީގެ ޖަވާބެއް އަދި ނުލިބޭ ކަމަށެވެ. އެކަމަކު ފަޅެއް ހަމަޖައްސައިދޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާގެ ފިރިކަލުން ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ ޖެނުއަރީ 1، 2014 ގައެވެ. ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
ނާޝިދު މިއަދު ވިދާޅުވީ ވިލާ އެއާގެ އަތުން ކާޑެއްދޫ އެއާޕޯޓް އަތުލީ އެތަން ތަރައްގީކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ކާޑެއްދޫ އަށް ގެނެސް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ވިލާ އެއާގެ އަތުން ކާޑެއްދޫ އަތުލި ފަހުން އެތަން ތަރައްގީކުރުމަށް ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށާއި ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެކަމަށް ހެކިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަންވޭގެ މަރާމާތުގެ މަސައްކަތްތަކެއް ވެސް އޭރު ކުރިން. އެއާޕޯޓް ސެކިއުރިޓީ ފެންސްގެ ބައެއް ވެސް ނިންމިން. ކާޑެއްދޫ ޕަވާ ހައުސްގައި ވެސް އަޅުގަނޑުމެން ގެނެސްފައި ހުރި އިންޖީނު ވެސް ހުންނާނެ. ކާޑެއްދޫ އެއާޕޯޓްގައި މިއަދުވެސް ބޭނުންކުރަމުން އެދަނީ އަޅުގަނޑުމެން އޭރު ގެންދިޔަ އެކްސްރޭ މެޝިން. އަނެއްކާ ތަނުގެ ހާލަތު އިތުރު ގޯސްވީކަން މި އެނގެނީ ހުކުރު ދުވަހު އެރަށުގެ ޖެޓީ ވެއްޓުނީމާ،" ނާޝިދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިލާ އެއާ އިން ސަރުކާރަށް ހުށަހަޅާފައިވަނީ އެއާޕޯޓް ހަވާލުކުރާތާ ހަތް އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމަށް ކަމަަށެވެ. އެ މަސައްކަތް ވިލާ އެއާގެ ހަރަދުގައި ކުރާއިރު އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާނުލައި ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ކަމަށާއި ވިލާ އެއާގައި އެ ގާބިލްކަން ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ. ކާޑެއްދޫ އެއާޕޯޓް، އިންޓަނޭޝަނަލް ކުރުމަކީ ގޮންޖެހުން ބޮޑު މަސައްކަތަކަށްވީ ނަމަވެސް އެ ރަށް ހިއްކާ، އާ ރަންވޭ އަޅައި، އާ ޓާމިނަލެއް ހެދުމަށްފަހު ޕަސެންޖަރުންނަށް ފުރިހަމަ ހިދުމަތެއް ދޭ އެއާޕޯޓަކަށް، ކާޑެއްދޫ އެއާޕޯޓް ބަދަލުކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"އަޅުގަނޑުމެން ނޭދޭ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުންވީ ގޮތް ކާޑެއްދޫ އެއާޕޯޓަށް ވާކަށް. މާނައަކީ އެއާޕޯޓް ތަރައްގީއާ އެކު އެ ސަރަހައްދުގެ ބެޑް ކެޕޭސިޓީ އިތުރުވާނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް ފެންނަ ހިޔާލުތައް އަޅުގަނޑުމެން ވެސް ސަރުކާރާ ހިއްސާކުރާނަން. ކާޑެއްދޫ ސަރަަހައްދުގައި މިވަގުތު ހުރީ 1800 ބެޑް ކެޕޭސިޓީ،" ނާޝިދު ވިދާޅުވި އެވެ.