ކާޑެއްދޫ އެއާޕޯޓް

ކާޑެއްދޫ އެއާޕޯޓް އަންނަ މަހު ވިލާއާ ހަވާލުކުރަނީ

Jan 23, 2022
1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ތަންފީޒު ކުރުމުގެ ގޮތުން އެ އެއާޕޯޓް އަންނަ މަހު ވިލާ އެއާ އާއި ހަވާލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވިދާޅުވީ ވިލާ އެއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރުމާ ހިސާބަށް މަސައްކަތްތައް ގެންދެވިފައިވާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ވިލާއާ ދެމެދު ސޮއި ކުރަންޖެހޭ އެއްބަސްވުން ވެސް ޑްރާފްޓްކޮށް ނިންމާލުމަށްފަހު ބަންޑާރަނައިބްގެ ލަފާފުޅަކަށް ފޮނުވާފައިވާނެ ކަމަށެވެ. ބަންޑާރަނައިބް ދެއްވާ ލަފާ ފުޅަށްފަހު އަންނަ މަހުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ހަވާލުކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިނިސްޓްރީން އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްގެން މިތިބީ. މާލަސްތަކެއް ނުވެ އެ އެއާޕޯޓް ވިލާއާ ހަވާލުކުރެވޭނެ،" ޒުހައިރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާގެ ފިރިކަލުން ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭންޖެހޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.

ކާޑެއްދޫ އެއާޕޯޓް މިހާރު ހިންގަނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ކުންފުނިން ކުރިން ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސަރުކާރުން އަންގާ ގޮތެއްގެ މަތިން އަމަލުކުރާނެ ކަމަށެވެ.

ވިލާ ގުރޫޕްގެ އިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ހަވާލުވުމުގެ ކުރިން ވިލާ އެއާގެ ބޭފުޅުން ކާޑެއްދޫ އަށް ދަތުރުކޮށް އެ އެއާޕޯޓް މިހާރު އޮތް ހާލަތު ބަލައި ވަޒަންކޮށްފައިވާ ކަމަށެވެ. އަދި އެއާޕޯޓާ ހަވާލުވުމުގެ ކުރިން ސަރުކާރުން ވިލާ އަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާތައް ޓޫރިޒަމް މިނިސްޓްރީއާ އެކު ހިނގަމުންދާ ކަމަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ބަހެއް އެކަމުގައި ލިބޭ ގޮތެއް ނުވި އެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ ޖެނުއަރީ 1، 2014 ގައެވެ. ސަރުކާރުން ވިލާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.

ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން މީގެ ކުރިން ނިންމާފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓްގައި ހުރި މައްސަލަތަކެއް އިސްލާހު ކުރަން ފުރުސަތު ދިން ނަމަވެސް އެއްބަސްވުން ބާތިލުކުރީ އެއާޕޯޓް ހިންގުން ހުއްޓާލަން ނޯޓިސް ނުދީ ކަމަށެވެ. އަދި މައްސަލަތައް އިސްލާހު ކުރަން ފުރުސަތު ދިނުމަށްފަހު އެއާޕޯޓް ހިންގަން ވިލާ އެއާ އަށް ދީފައި އޮތް ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދިން ކަން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުން ވަނީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގިއިރު އުސޫލުތަކާ ހިލާފަށް ކަންތައްތަކެއް ކުރިކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެސެސްމަންޓް ރިޕޯޓެއް ހުށަހަޅާފަ އެވެ. އެކަމަކު އެ ރިޕޯޓުން އެއްވެސް ކަމެއް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައި ބުނެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ރިޕޯޓްގައި ހުރި ކަންތައްތަކަކާ މެދު ހުކުމްގައި ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ވިލާ އެއާ އިން އުސޫލާ ހިލާފުވި ކަމަށް ބުނާއިރު މޯލްޑިވިއަންގެ ފްލައިޓް ޖައްސަން ހުއްދަ ދިނުމާއި، އެއާޕޯޓް ހިންގަން ވިލާއަށް ފުރުސަތު ދީގެން ސިވިލް އޭވިއޭޝަނުން ދެމިތިބުން ފާހަގަކޮށްފައިވެ އެވެ. ކަމެއް އިސްލާހުކުރަން އެންގުމަކީ އެއްބަސްވުމެއް ބާތިލު ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.