ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓާ ހަވާލުވާން ތައްޔާރު ކަމަށާއި އެކަން ލަސްވަމުން ދަނީ ސަރުކާރުން އެ ކުންފުންޏަށް ކޮށްދޭން ޖެހޭ ކަންކަން އަދި ހަމަޖައްސައިދީފައި ނުވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ވިލާ ގެ ވެރިޔަކީ ގާސިމް އިބްރާހީމެވެ. ޓްރާންސްޕޯޓް މިނިސްޓަރަކީ ގާސިމްގެ އަނބިކަބަލުންނެވެ.
ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށްވާތީ ވިލާއަށް އެއާޕޯޓް އަނބުރާ ދޭން ސުޕްރީމް ކޯޓުން ކުރީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު ސަރުކާރުން ވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ނަމުގައި ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ފަހު އެ ކުންފުނީގެ ދަށަށް ސަރުކާރުގެ އެއާޕޯޓްތައް ބަދަލު ކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމް އިއްވިއިރު ކާޑެއްދޫ އެއާޕޯޓް ވެސް އޮތީ ރީޖަަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފަ އެވެ. ހުކުމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ކާޑެއްދޫ އެއާޕޯޓާ ހަވާލުވެ ހުކުމްގައިވާ ކަންކަން ހަމަޖައްސައިދޭން އެދިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެއާޕޯޓާ ވިލާއިން ހަވާލުވެފައި ނުވާތީ އެއާޕޯޓުގެ ހަރަދުތައް ހަމަޖައްސަނީ ދައުލަތުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓާ ހަވާލު ނުވާން ވިލާއިން ނޫޅޭ ކަމަށެވެ. ވިލާއިން އެއާޕޯޓާ ހަވާލުވުން ލަސްވަނީ ސަރުކާރުން އެ ކުންފުންޏަށް ވެފައިވާ ވައުދުތަކެއް ހުރުމުން އެކަންކަން ސަރުކާރުގެ ތެރެއިން ހަމަޖެއްސުން ލަސްވަމުންދާތީ ކަމަށެވެ.
"ޕްރޮމިސްއެއްގެ ގޮތުގައި ދެކެވެނީ ރަށެއް ނުވަތަ ފަޅެއް ދޭންޖެހޭ ވާހަކަ. އެކަންކަން ހަމަޖައްސާނީ ފިނޭންސާއި ޓޫރިޒަމް މިނިސްޓްރީން. އެ މައުލޫމާތުތައް ވެސް އެނގޭނީ އެ ދެ މިނިސްޓްރީއަށް. ވިލާގެ ޗެއާމަނާއެކު ވެސް އަޅުގަނޑުމެން މަޝްވަރާ ކޮށްފިން. ވިލާ އިން އެއާޕޯޓާ ހަވާލު ނުވާކަށް ނޫޅެން. ހަވާލުވުމުގެ ކުރިން އެބޭފުޅުން ވެސް ފުރިހަމަކުރަންޖެހޭ ކަންކަން ހުންނާނެ ނޫންތޯ؟ އެކަންކަން މިހާރު ހިނގަމުން އެދަނީ،" ޒުހައިރު ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓުގައި ކަމެއް ރަނގަޅު ކުރަން ހުރި ނަމަ އަދި ހިދުމަތް ދިނުމަށް އެއްޗެއް ހޯދަން ޖެހޭނަމަ އެކަބް ވިލާ އެއާގެ އަމިއްލަ ހަރަދުގައި ކުރަން ވެސް އެ ކުންފުނިން އޮތީ ތައްޔާރަށް ކަމަށް ޒުހައިރު ވިދާޅުވި އެވެ. އެހެންވެ އެއާޕޯޓުގެ އޮޑިޓެއް ހަދާ ރަނގަޅު ކުރަން ހުރި ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
"މިކަންކަން ބަލައި އެނގިގެން ދެއްތޯ ވިލާ އަށް ވެސް އެއާޕޯޓާ ހަވާލުވެވޭނީ. މަޝްވަރާތައް ހަގީގަތުގައި ދަނީ ވަރަށް ރަނގަޅަށް. ސަރުކާރުގެ ޕްރޮމިސްތައް ހަމަޖެހުމުން ވިލާ އިން އެއާޕޯޓާ ހަވާލުވާނެ ކަމަށް ބެލެވެނީ،" ޒުހައިރު ވިދާޅުވި އެވެ.
ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާގެ ފިރިކަލުން ކަމަށްވާތީ ކާޑެއްދޫ އެއާޕޯޓާ ވިލާ އިން ހަވާލުވުމާ ގުޅޭ އެއްވެސް ކަމެއްގައި މިނިސްޓަރު ނަހްލާ ބައިވެރިވެވަޑައިނުގަންނަވާ ކަމުގައިވެސް ޒުހައިރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ރީޖަނަލް އެއާޕޯޓްސް އިން ބުނީ ކާޑެއްދޫ އެއާޕޯޓާ މެދު ސަރުކާރުން ގޮތްތަކެއް ނިންމުމަށްފަހު އަންގާ ގޮތަކަށް އެކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވިލާ އިން ކާޑެއްދޫ އެއާޕޯޓު ހިންގުމާ ހަވާލުވެފައި އޮތީ އެއާޕޯޓާއި އެކު މެންދޫ ކިޔާ ރަށެއް ވިލާ އަށް ދިނުމުން ކަމަށެވެ. އެކަމަކު މެންދޫ އަކީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ އެންމެ މުހިއްމު އޭރިއާގައި ހިމާޔަތް ކުރެވިފައި އޮތް ރަށަކަށް ވާތީ އެ ރަށް މިހާރު ވިލާ އަށް ދެވެން ނެތް ކަމަށެވެ. މެންދޫގެ ބަދަލުގައި ވިލާ އިން އިތުރު ރަށްތަކެއްގެ ނަން ވެސް ސަރުކާރަށް ހުށަހެޅި ކަމަށާއި އެކަމަކު އެ ރަށްތައް ވެސް ހުރީ އެކިއެކި ފަރާތްތަކަށް ދީފައި ކަމަށްވެސް ވިދާޅުވި އެވެ.
"މީގެ ދެ ހަފްތާ ކުރިންވެސް އަޅުގަނޑުމެން ވިލާއާ އެކު ބައްދަލުވުމެއް ބޭއްވިން. އެބައްދަލުުވުމުގައި ވާނީ އަނެއްކާ ވެސް ވިލާ އަށް ފެންނަ ރަށްތަކެއްގެ ނަންތައް ހުށަހެޅުމަށް އެދިފައި. ވިލާގެ ހުށަހެޅުމެއް އަދި ނެތް ލިބިފައި. އެ ހުށަހެޅުންތައް ލިބުމުން އަލުން މަޝްވަރާތައް ފަށާނަން،" އޮފިޝަލް ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ އިން ހަވާލުވީ 2013 ވަަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރަސްމީކޮށް އެ ކުންފުނިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ ޖެނުއަރީ 1، 2014 ގައެވެ. ސަރުކާރުން ވިލާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.
ވިލާ އެއާ އަށް ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ. އެކަމަކު ދައުލަތަށް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓާއި ހައިކޯޓުން ވެސް މީގެ ކުރިން ނިންމާފައިވެ އެވެ. ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށްވާތީ އެއްބަސްވުން އިއާދަކޮށް ވިލާއަށް އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ފަހުން މިހާރު ވަނީ ހަތަރު މަސް ފާއިތުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ވެސް ވިލާ އަށް ލިބިފައިވެ އެވެ.