އިރުގެ އަލިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ނިޒާމުތައް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ކ. ހުރާގެ ފެނާއި، ނަރުދަމާ އާއި، ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ ހުރާގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފުރަތަމަ ފަސް އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި ދެމުންދާ ކަރަންޓްގެ 26 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ގުޅިގެން ކުރިއަށް ގެންދާ ހޯމް ސޯލާ ޕްރޮގްރާމް ކާމިޔާބު ވާނެ ކަމަށް ބެލެވޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 1،000 ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކުރުން ކަމަށްވެސް ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ އެތައް ގޮތެއް ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ކަމަށެވެ. އެގޮތުން ފެނަކައާއި ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އަޅުގަނޑުމެންނަށް އެބަ އިރުގެ އަލި އެބަ ލިބޭ. އިރުގެ އަލިން ހަކަތަ އުފެއްދޭ މިންވަރާއި ހަކަތަ އުފެއްދޭ އަގު މިއަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ހަރަދު ކުޑަވަމުން. އަދި ޓެކްނޮލޮޖީ އަޅުގަނޑުމެންނާ ހަމައަށް މިއަދު މިވަނީ އުފެދި ތަރައްގީވެ އަޅުގަނޑުމެންނާ ހަމައަށް މިވަނީ ވާސިލްވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ކަރަންޓާއި ހަކަތައަށް އޮތް ޑިމާންޑް ބޮޑުވުމުން ދައުލަތުން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދައުލަތުން ތެޔޮ އިމްޕޯޓް ކުރުމަށް އަހަރަކު 400 މިލިއަން ޑޮލަރު ވަރު ހަރަދު ކުރާ ކަމަށާއި އެހާ ބޮޑު ހަރަދެއް ކުރަންޖެހޭއިރު ކަރަންޓާއި ހަކަތަ އިގްތިސޯދު ކޮށްގެން އެ ހަރަދު ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހޭދަކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ތިމާވެށީގެ މައްސަލަތަކުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބޭ އެއް ގައުމަށް ރާއްޖެ ވެގެންދާއިރު ދިވެހި ސަރުކާރުން ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުގެ ފެންވަރުގައި އަޅަމުންނެވެ. އެގޮތުން ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ހާއްސަ ސިޔާސަތުތަކެއް ވަނީ އެކުލަވާލާފަ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންދަނީ ވަކި އަމާޒަކަށް މަސައްކަތް ކުރަމުންނެވެ.