މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

22 ރަށެއްގެ ކުނި މެނޭޖުކުރުމާ ގުޅޭ ސާމާނު ގެންނަން ލަންކާ ބަޔަކަށް

ފަސް އަތޮޅެއްގެ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އާލާތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޖިނިއަރިންއާ ހަވާލުކޮށްފި އެެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ. ސޯ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ބަނޑުލަ ޖަޔަރަތުނަ އެވެ.

‎މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.6 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގެ ދަށުން މ، ފ، ދ، ތ އަދި ލ އަތޮޅުގެ ޖުމްލަ 22 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އާލާތްތައް ފޯރުކޮށްދޭނެ އެވެ. އެގޮތުން ފޯރުކޮށްދޭ ތަކެތީގެ ތެރޭގައި މަލްޓި-ޕާޕަސް މިނީ ބޭލަރާއި، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝާ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީޕީއީ ކިޓު އަދި އެހެނިހެންވެސް ބައެއް އާލާތްތައް ހިމެނެ އެވެ. މިއީ ހަތަރު މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެއްކޮށް ނިންމާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

‎އާލަތްތައް ފޯރުކޯށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑު ގޮތެއްގައި މިހާރު ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުންދާ ނުވަތަ ޕްރޮކިއުމަންޓް މަރުހަލާގައިވާ ރަށްތަކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ތަސައްވަރަކީ މި މަޝްރޫއުތައް ނިމިގެންދާއިރު މި ރަށްތަކަކީ ރަށުފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރުމަށް ގާބިލު ރަށްތަކަކަށް ވެގެންދިއުން ކަމަށެވެ. އަދި މިމަޝްރޫއުގެ ސަބަބުން ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ އަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރެޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ބިއްލޫރި ފުޅި ފަދަ ކުނިތައް މެޝިނުން މުގުރާ އެހެނިހެން ކަންކަމަށް އެ ބޭނުންކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

‎"ހަމަ މިއާއެކު މިނިސްޓްރީން މިދަނީ އެހީދޭ އެކި ފަރާތްތަކާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުން،" މިނިސްޓްރީން ބުނެފައިވެ އެވެ.

‎ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން މިހާރު ވަނީ ފަށާފަ އެވެ. މިހުރިހާ ތަކެއްޗަކީވެސް ރަށްރަށަށް ފޯރުކޮށްދޭ ތަކެތި ކަމުން މި އާލާތްތައް ހިންގާ ބެލެހެއްޓުމާއި އަދި ރަނގަޅަށް މެއިންޓެއިން ކުރުމަކީ ރަށްރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން މިކަން ކުރުމަށްޓަކައި މިހާރު ސަރުކާރުން ވަނީ ރަށު ކައުންސިލްތަކަށް ގްރީން ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ނިންމާފަ އެވެ.