ހަބަރު

ފިނޭންސްގެ މުވައްޒަފުންތަކެއް ވަކި ކުރާތީ އެމްޑީޕީ ކަންބޮޑުވެއްޖެ

ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމަވާފައިވާ ކަމަށް ބުނެ އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފިނޭންސްގެ މުވައްޒުން މަދުކުރާ މައްސަލައާ ގުޅިގެން އެމްޑީޕީއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުސްތަގިއްލު ހިދުމަތެއްގެ ގޮތުގައި ގާނޫނު އަސާސީއާއި ގާނޫނުން ސިވިލް ސާވިސް އެއް އުފައްދަވައި، އަދި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މިނިވަން ގާނޫނީ ޝަހްޞެއްގެ ގޮތުން ސިވިލް ސާވިސް ކޮމިޝަނާ ޤާނޫނީ ގޮތުން މަތިކުރެވިފައިވަނިކޮށް، ރައީސް 75 މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން ކުށްވެރިކުރާ ކަމަށެވެ.

"ގާނޫނު އަސާސީން ލިބިދޭ ހަޅުތާލުކުރުމުގެ ހައްގު އެ މުވައްޒަފުން ބޭނުންކޮށްފިނަމަ މުސާރަ ކަނޑުއްވާލުމާއި އެނޫން ގޮތްތަކަށް ވެސް އަމަލުކުރައްވާނޭކަމުގެ ބިރުދައްކަވައި އިންޒާރުދެއްވައި، ޤާނޫނު އަސާސީއާ ބީރައްޓެހި ވާހަކަފުޅުދައްކަވައި، ޤާނޫނު އަސާސީއާ ހިލާފަށް ރައީސް ޔާމީން އަމަލުކުރައްވަމުން ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީއިން ބުނީ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ރައީސް ޔާމިން ހަރުކަށި ބަސްފުޅު ރައްދުކުރައްވައި، ސިވިލް ސާވިސްގެ ވަޒީފާތަކަކީ އެމަނިކުފާނު ދެއްވާ އެއްޗެއްގެ ގޮތުގައި ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ޝަރުތު ހަމަވެގެން ސިވިލް ސާވިސްގެ ވަޒީފާ ލިބި އެ ވަޒީފާތަކުގައި ދެމިތިބި މުވައްޒަފުން ކަމުގައި ވިޔަސް އެވަޒީފާތަކުގައި ތިބުމުގެ ހައްގަކީ އެ މުވައްޒަފުންނަށް ލިބިގެންވާ ހައްގެއް ނޫންކަމާއި އެ މުވައްޒަފުން ވަޒީފާ އަދާކުރަންޖެހޭ ތަންތަން އެނގިވަޑައިގަންނަވާނީ ސަރުކާރަށްކަމަށް ރައީސް ޔާމިން ވިދާޅުވުމަކީ ގާނޫނުތަކާ ހިލާފު ކަމަށް އެމްޑީޕީއިން ބުނެއެވެ.

"މިކަމުން ފެންނަން އޮތް އަނެއް ބިރަކީ 2008 ވަނަ އަހަރުގައި އަމަލުކުރަންފެށި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިމެނޭ ޕަބްލިކް ސާވިސް ޑިޕާޓްމެންޓުން މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރަމުންދިއަ ގޮތަށް އަލުން އަނބުރާ ބަދަލުވަމުންދާކަމުގެ ބިރު،" އެމްޑީޕީއިން ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފުން އެ މިނިސްޓްރީގެ ވަޒީފާއިން ވަކިކުރެއްވުމުގައި ރައީސް ޔާމިން އެއްފަހަރު ދައްކަވާ ވާހަކަފުޅަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު ގިނަ ކަމުގެ ވާހަކަފުޅު ކަމަށާއި އެ އަދަދު މަދުކުރެވިގެން ނޫނީ މުސާރައާއި އިނާޔަތްތައް ބޮޑުކުރެވެން ނެތްކަމުގެ ވާހަކަފުޅު ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ. "ނަމަވެސް އެއާ ވިދިގެން އެމަނިކުފާނު ދައްކަވާ އަނެއް ވާހަކަފުޅަކީ އެ 75 މުވައްޒަފުން ސަރުކާރުގެ އެހެން އިދާރާތަކުގެ ވަޒީފާތަކަށް ބަދަލުކުރައްވާނޭކަމުގެ ވާހަކަފު، އެހެންކަމުން އެމަނިކުފާނު ދައްކަވާ އެއް ވާހަކަފުޅާއި އަނެއް ވާހަކަފުޅު ތައާރަޒުވާކަން ފާހަގަކުރެވޭ،"

ސިވިލް ސާވިސް ގެ މުވައްޒަފުންގެ އަދަދު ގިނަ ކަމުގައި ވީނަމަވެސް ހިޔުމަން ރިސޯސް އޯޑިޓެއް ނުހައްދަވައި، ހަމައެކަނި އެއްވުޒާރާއަކަށް އަމާޒުކުރައްވައިގެން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭކަމެއް ނޫން ކަމަށް އެމްޑީޕީއިން ބުނެއެވެ.

ރައީސް ޔާމިން ގެ އަމުރުފުޅަށް ފިނޭންސް މިނިސްޓްރީން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމުގެ މައްސަލާގައި އެ މުވައްޒަފުން އިހުތިޖާޖުކުރުމުގެ ގޮތުން ހަޅުތާލުކުރުމުން އެކަމުގައި ރައީސް ޔާމިން އެ މުވައްޒަފުންނަށް ހަރުކަށި ބަސްފުޅުތައް ރައްދުކުރައްވާފައިވާ ކަމަށް އެމްޑީޕީއިން ބުނެއެވެ. މުސާރަ ކަނޑުއްވާލާނޭކަމަށާއި އަދި އެނޫން ވެސް ފިޔަވަޅު އަޅުއްވާނޭކަމުގެ އިންޒާރުދެއްވި ދެއްވުމުން އެނގެނީ އެމަނިކުފާނު މިރާއްޖޭގެ ގާނޫނު އަސާސީއާ ބީރައްޓެހިކަން ކަމަށް އެމްޑީޕީއިން ސިފަކުރެއެވެ.