ޖޭއެސްސީ

ސިވިލް ކޯޓަށް ދެ ގާޒީއަކު ހަމަޖައްސައިފި

Mar 6, 2022

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުންގެ ތެރެއިން އެ ކޯޓަށް ނެގުމަށް ނިންމާފައިވާ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފި އެވެ.

ޖޭއެސްސީން ބުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގައި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ނެގުމަށް ނިންމި ދެ ބޭފުޅުންނަކީ ސ. ފޭދޫ، ފިތިރޯނުގެ، ޒުލައިހާ ޝީޒާ އާއި ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ކަމަށެވެ.

ޒުލައިހާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަސިޓީން ބެޗްލާސް އޮފް ލޯސް ހާސިލްކުރައްވައި، ބާކްބެކް ކޮލެޖް، ޔުނިވަސިޓީ އޮފް ލަންޑަންއިން މާސްޓާ އޮފް ލޯސް އިން ކޮންސްޓިޓިއުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއާ ސްޓޭޓް އެޓާނީ އަދި ސްޓޭޓް އެޓާނީ މަގާމުގައި ތިން އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ވެސް ކުރައްވާފަ އެވެ.

ނިމާލް ވަނީ ވިލާ ކޮލެޖުން ބެޗެލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ. މީގެއިތުރުން ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.

ޒުލައިހާ އާއި ނިމާލް ފަނޑިޔާރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން ހުޅުވާލުމުން އެ މަގާމަށް 23 ބޭފުޅުން ކުރިމަތިލެއްވި އެވެ.

ސިވިލް ކޯޓުގެ ގާޒީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ލިބެ އެވެ.

ގާޒީކަން ކުރައްވާ ބޭފުޅުންނަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 45،650 ރުފިޔާ ލިބެ އެވެ.

ސިވިލް ކޯޓުގައި މިވަގުތު 14 ގާޒީން މަސައްކަތް ކުރައްވަ އެވެ.