ރިޔާސީ ބަޔާން

ރިޔާސީ ބަޔާނަށް ޖަވާބުދިނުން ބުދަ ދުވަހަށް ތާވަލްކުރަން އެދިއްޖެ

Mar 6, 2022

ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މިހަފްތާގެ ބުދަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްދިނުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ އިދިކޮޅު ޕީޕީއެމްގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން ބުދަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނުރަސްމީކޮށް މަޖިލީހުގެ އިދާރާ އިން އެބައޮތް އަންގަވާފައި އެ ދުވަހަށް ހަމަޖެހޭނެ ކަމަށް. އެހެންކަމުން އަޅުގަނޑުމެން މި ބަލަނީ ބުދަ ދުވަހު ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އޮންނާނެ ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް ރިޔާސީ ބަޔާނުގެ ޖަވާބު ތައްޔާރުކުރައްވާފައިވަނީ މަޖިލީހުގައި ހިމެނޭ ޕާޓީތަކާ މަޝްވަރާކުރެއްވުމަށްފަހު އެ ބޭފުޅުންނާ ބޭނުންފުޅުވާ ބައިތައް ވެސް ހިމަނައިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 32 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެވަގުތު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން (މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު) އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.

ގަވައިދުގެ 32 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކުރާނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެންބަރުން ފިޔަވާ މަޖިލީހުގައި ހިމެނޭ އެހެން ޕާޓީ ތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މެންބަރުންގެ ހިޔާލާއި ފިކުރު ހިމަނައިގެން ކަަމަށެވެ. މިގޮތުން މެންބަރުންގެ ހިޔާލާއި ފިކުރު ހޯދާނީ މިކަމަށް ބާއްވާ ބައްދަލުވުމެއްގައި މަޝްވަރާކޮށްގެން ކަމަށްވެސް ބުނެފައިވެ އެވެ.

އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ތައްޔާރުވުމުން އެ ޖަވާބު ދިނުމަށް އެދޭ ޖަލްސާއެއް މަޖިލީހުގެ ރައީސަށް އެ ޖަވާބުދޭ ފަރާތުން އެންގުމުން އެ ޖަލްސާއެއްގައި އެ ޖަވާބު ދެވޭނެ ގޮތް މަޖިލީހުގެ ރައީސް ހަމަޖައްސައިދޭން ވާނެ ކަމަށެވެ. އަދި ރިޔާސީ ބަޔާން އިއްވުމުގައި ވަގުތުން ދުރަށް ފޮނުވުމަށް ހަރަކާތްތެރިވި ފަރާތްތަކުން ރިޔާސީ ބަޔާނުގެ ޖަވާބު ވެސް ހަމަ އެ އުސޫލުން ވަގުތުން ދުރަށް ފޮނުވައިދޭން ވާނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.

ގަވައިދުގެ 32 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ރިޔާސީ ބަޔާނަށް ދޭ ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ދޭން ވާނެ ކަމަށެވެ. ގަވައިދުގައި ބުނާ 14 ދުވަހުގެ މުއްދަތު ވަނީ ފަހަނައަޅާ ގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އެވެ.