ޑރ. މުހައްމަދު މުއިއްޒު

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ މީހުންނަށް ވަގުތުން ފިޔަވަޅު އަޅާނަން: ރައީސް

ސަރުކާރުގެ މަގާމެއްގައި ހުރެ ޝަރުއީ ދާއިރާއަށް އެއްވެސް މުވައްޒަފަކު ނުފޫޒެއް ފޯރުވާކަން އެނގިވަޑައިގެންފިނަމަ އެ މުވައްޒަފަކާ ދެކޮޅަށް ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ޝަރުއީ ދާއިރާ އަކީ ދައުލަތުގެ އެއް ބާރަށް ވެފައި މިނިވަންކަމާ އެކު ހިންގުމަށް ފުރުސަތު ދިނުމަށްޓަކައި ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި، ޝަރުއީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އަދި ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބުކޮށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމުގައި ދަންނަވާފައިވާނެ ކަމަށާއި ސަރުކާރުން މިއުސޫލު ހިފަހައްޓާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށް އެމަނިކުފާނު ވައުދެވެވަޑައިގެންފައިވާތީ ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ ނުކުރައްވާނެ ކަމެއް ކަމަށެވެ. ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި އެ ރޫހުގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކާ އެއްގޮތަށް ބަހާއި އަމަލު ސީދާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ނޫގާނުގެ ވެރިކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

"އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން. ހަމައެއާއިއެކު، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން. އާދެ 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގާނޫނީގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކަމާ ގުޅޭ ބިލް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ބިލްގެ އިތުރުން މަޖިލީހުގެ މިދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް ބިލް ތަކުގެ މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ.

މަޖިލީހުގެ މިދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތައް

  • ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިލް
  • ޕްރިވެންޓިވް ހެލްތް ކެއާ ބިލް
  • ނަފްސާނީ ދުޅަހެޔޮ ކަމާބެހޭ ބިލް
  • ގެދޮރުވެރިކަމުގެ މިންގަނޑުތަކާ ބެހޭ ބިލް
  • ޓްރެވެލް އެޖެންސީއާ ބެހޭ ބިލް
  • ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލް
  • އާބަން ޕްލޭނިންއާ ބެހޭ ބިލް
  • އާބަން ޑިވެލޮޕްމަންޓާ ބެހޭ ބިލް
  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ބިލް
  • ލޭންޑް ރީއެޖެސްމަންޓާ ބެހޭ ބިލް
  • ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާ ބެހޭ ބިލް
  • ކޮޕީރައިޓާ ގުޅޭ ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމުގެ ބިލް
  • ކޮންވޭޔަންސިން އާއި ބެހޭ ބައިތައް ހިމަނައިގެން ބިމާބެހޭ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާ ބިލް

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި ބިލްތަކުގެ އިތުރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލް އަވަހަށް ފާސްކޮށްދެއްވުމަށް މަޖިލީހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރަން ހުށަހަޅާފައިވަނީ މާލޭގެ ވަކި ތަނެއްގައި އެކަނި މުޒާހަރާ ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ. މާލޭގެ ވަކި ތަނެއްގައި އެކަނި މުޒާހަރާ ކުރެވޭ ގޮތް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.