މުހައްމަދު އަސްލަމް

ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނެތް: އަސްލަމް

ދައުލަތުގެ އެއްބާރުން އަނެއް ބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ މޮޅެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމުން އަސްލަމް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ތިން ބާރު ވަކިކޮށް ގާއިމުކޮށްފައިވާއިރު ފާރަވެރިވެ ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.

އަސްލަމް ވިދާޅުވީ ކޮންމެ ބާރަކުންވެސް ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމު ކުރަންޖެހޭ ކަމަށެވެ.

"ކޮންމެ ބާރަކުންވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމުކުރަންޖެހޭ. އެކަން އެގޮތަށް ނުކުރުމަކީ ދައުލަތުގެ ހަމަ ގެއްލިދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށްވާނެ ކަމެއްވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މިހެން ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމުތަކަށް އައްޔަންކުރައްވާފައިވަނިކޮށެވެ.

"މި ދިވެހި ދައުލަތުގެ އެއްބާރުން އަނެއް ބާރަށް، ބާރުގެ ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެންބަރުން ވިސްނާ ވަޑައިގަތުމަށް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ޖެނުއަރީ 29 ވަނަ ދުވަހު ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އަށެވެ. އެ ބޭފުޅުން ވަނީ އަލުން އެ މަގާމުތަކަށް އައްޔަންކުރައްވާފަ އެވެ.