ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުން ނުދެވި ޖަލްސާ ނިންމާލައިފި

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުމަށްޓަކައި މަޖިލީހުގެ ޖަލްސާ އަލުން ފެށުމަށްފަހު ވެސް ކުރިއަށް ނުގެންދެވިގެން ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ ޖަލްސާ މިރޭ ދެވަނަ ފަހަރަށް ފެށިއިރު އަސްލމް އިންނެވީ މަޖިލީހުގައި ވަޒީރުން ވަޑައިގެން ތިއްބަވާ ގޮނޑިކޮޅުތަކުގެ ތެރެއިން ގޮނޑިކޮޅެއްގައެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ފެށުމަށް ވޯޓުގެ ކުރިން ޖަހަންޖެހޭ ރަނގަބީލް ޖެހުމަށް އިދާރީ މޭޒަށް އަސްލަމް އެންގެވި އެވެ.

މަޖިލީހުގައި ދުންމާރި ފުމެ އަޑުގަދަކުރާތީ އަސްލަމް ރަނގަބީލް ޖެއްސެވުމަށް އެންގެވުމުން މަޖިލީހުގެ އިދާރީ މޭޒުން އޭރު އެގޮތަށް އަމަލުކުރި ކަމެއް ސާފެއް ނުވެ އެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއެޅުމަށްޓަކައި ސަރުކާރަށް ތާއީދުކުރައްވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން އޭރު ތިއްބެވީ އިދާރީ މުވައްޒަފުން ތިއްބަވާ ގޮނޑިކޮޅުތަކުގައި އިށީދެވަޑައިގެންނެވެ. ނަމަވެސް އިދާރީ މުވައްޒަފުން ތިއްބަވާ ތަނުގައި މަޖިލީހުގެ އަމީންއާންމާއި ކައުންސެލް ޖެނަރަލް އޭރުވެސް ކޮޅަށް ހުންނެވި އެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވަށައިގެން ސިފައިންނާއި އެމްޑީޕީގެ މެންބަރުން ތިއްބެވިއިރު އަސްލަމް ކައިރިއަށް ވަޑައިގަތުމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތް ކުރައްވާ މަންޒަރު މަޖިލީހުން ދުރަށް ފޮނުވަމުން ދިޔަ ވީޑިއޯ ފީޑުން ފެނުނެވެ.

ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނަށް މަޖިލީހުގެ ރައީސް އަސްލަމް ކައިރިއަށް ވަޑައިގެންނެވޭ ގޮތް ނުވުމުން އެ މެންބަރުން ވަނީ މެދުނުކެނޑި ދުންމާރި ފުމެ، އަޑުގަދަ ކުރައްވާފަ އެވެ. އެހެންވެ މަޖިލީހުގައި ތަޅުމުގައި ޖަލްސާ ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތުމުން އަސްލަމް ވަނީ މިއަދު ހެނދުނު ފެށި ޖަލްސާ ނިންމަވާލެއްވި ކަން އިއުލާންކުރައްވާފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 65 ވަނަ މާއްދާގެ 'އ'ގައި ބަޔާންކުރާ ގޮތުގެ މަތިން މިޖަލްސާ ކުރިއަށް ގެންދެވެން ނެތުމުން ޖަލްސާ ނިންމާލަން،" އަސްލަމް ވިދާޅުވި އެވެ.

މިރޭ ދެވަނަ ފަހަރަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ޖަލްސާ އަކީ މިއަދު ހެނދުނު ފެށި ޖަލްސާގެ ދަންފަޅި އެކެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ ދަންފަޅި މެންދުރުފަހު 1:30 އިން ފެށިގެން އެކި ފަހަރު މަތިން ކުރިއަށް ގެންދިއުމަށް އަސްލަމް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެއްވެސް ފަހަރަކު ޖަލްސާ ނުފެށުނީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން މަޖިލީހުގައި އަޑުގަދަކުރައްވާ ނިޒާމު ގެއްލުވާލުމުންނެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ކުރިއަށް ގެންދިޔަ މިޖަލްސާ އަކީ ދައުރުން ބޭރުގައި ބޭއްވި ޖަލްސާ އެކެވެ.

މިޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސް އެޅުއްވީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުގެ ހެއްދެވުމުގެ ގޮތުންނެވެ.

ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް ރުހުން ނުދޭން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވާލުމަށެވެ.