ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ވަޒީރުންނަށް ރުހުން ދިނުމަށް އިތުރު ޖަލްސާއެއް ބޭއްވުމަށް ހުށަހަޅައިފަނަމަ ޖަލްސާއެއް ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ވަޒީރުންނަށް ރުހުން ނުދީ މިއަހަރުގެ ފަހު ޖަލްސާ މިއަދު ބޭއްވުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާތީ މެންބަރުންނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ކޮމިޓީން އެމަސައްކަތް ނިންމާފައި ނުވާ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ.
އަސްލަމް ވިދާޅުވީ ކޮމިޓީގެ މަސައްކަތް ނިންމާ ކޮމިޓީ ރިޕޯޓް ލިބުމުން ދައުރުން ބޭރުގައި ހާއްސަ ޖަލްސާއެއް ބާއްވައިގެން ވަޒީރުންނަށް ރުހުން ދިނުމަށް މެންބަރުން ހުށަހަޅުއްވައިފިނަމަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހު އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި މިމަހުގެ 18 ވަނަ ދުވަހަށް އެޖެންޑާކުރި ނަމަވެސް ރުހުން ދިނުމުގެ މައްސަލަ ފަސްކުރީ ރައީސް މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށް ބުނެ އެވެ. ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައިނުވާތީ އެ ދުވަހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އެކަން ފާހަގަކުރައްވާފަ އެވެ. ހިސާންގެ ނިޒާމީ މައްސަލަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ބަލައިގަނެފަ އެވެ. އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކޮށް އެ ދުވަހު އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވާލި އެވެ.
މިސަރުކާރުގެ ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވުޒާރާތަކުގެ މަސްއޫލިއްޔަތު ފާސްކުރުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށްދާއިރު ދައުރުން ބޭރުން ނޫން ގޮތަކަށް ދެން އެންމެ އަވަހަށްވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރެވޭނީ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގަ އެވެ.