ލައިފްސްޓައިލް

"ޕްލީޒް" އަދި "ތޭންކް ޔޫ" ބުނީމަ ޑިސްކައުންޓްދޭ ރެސްޓޯރަންޓެއް!

އިންޑިއާގެ ހައިދަރުއާބާދުގެ މި ރެސްޓޯރަންޓުން ޑިސްކައުންޓް ބޭނުމިއްޔާ ކުރަން ޖެހޭހާ ވެސް ކަމަކީ އެތާގެ މުވައްޒަފުންނާ ވާހަކަ ދައްކާއިރު "ޕްލީޒް" އަދި "ތޭންކް ޔޫ" ބޭނުންކުރުމެވެ.

"ދަކްޝިން-5" ނަމަކަށް ކިޔާ މި ބުޓީކް ރެސްޓޯރަންޓުން އެއްޗެއް އޯޑަރު ކުރާއިރު އެ ބޭނުން އެއްޗެއްގެ ނަން ބުނެފައި "ޕްލީޒް" ބުނުމުން ޑިސްކައުންޓް ލިބޭނެ އެވެ. މިސާލަކަށް ވެޖް ތާލީއެއްގެ އަގަކީ 165 ރުޕީސް ނަމަ ޕްލީޒް ބުނީމަ އޭގެން 15 ރުޕީސް ޑިސްކައުންޓް ލިބެ އެވެ. އަދި ރެސްޓޯރަންޓަށް ވަދެފައި އެތާގައި ތިބި ސްޓާފުންނަށް "ގުޑް މޯނިން" ނުވަތަ "އަ ގުޑް ޑޭ" ފަދަ ސަލާމެއް ކޮށްލިޔަސް އެ ރެސްޓޯރަންޓުން ޑިސްކައުންޓް ލިބެ އެވެ.

މި ރެސްޓޯރަންޓް ހިންގުމުގެ މަސައްކަތުގައި އުޅޭ އިސްވެރިން ބުނި ގޮތުގައި މިގޮތަށް ސްޓާފުންނާ ހިތްހެޔޮކަމާއެކު މުއާމަލާތްކުރުމުން އެމީހުން ވެސް އެތަނަށް އަންނަ ކަސްޓަމަރުންނަށް ހިތްހެޔޮކަމާއި ހިނިތުންވުމާ އެކު ވާހަކަ ދައްކަން ހިތްވަރު ލިބެ އެވެ. އަދި މިއީ މިހާރު ނެތެމުންދާ އާދައަކަށް ވާތީ މިކަން ދިރުވާ އާލާކުރުމުގެ ގޮތުން މިކަން ފެށީ ކަމަށް ވެސް ރެސްޓޯރަންޓްގެ ވެރިން ބުނެފައިވެ އެވެ.

މި ރެސްޓޯރަންޓަށް ވަންނަތާ ބޭރުގައި ހުރި ބޯޑެއްގައި މިކަން އިއުލާންކޮށް ލިޔެފައިވާ ލިޔުމެއްވެ އެވެ. ރެސްޓޯރަންޓަށް ވަންނަން އަންނަ ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު އެ ލިޔުން ފެންނަ ގޮތަށެވެ.

ރެސްޓޯރަންޓުގެ ވެރިން ބުނަނީ އިންޑިއާގެ އެހެން އެއްވެސް ރެސްޓޯރަންޓެއްގައި އަދި މިގޮތަށް އަމަލުކުރަން ނުފަށާ ކަމަށެވެ.

މި ރެސްޓޯރަންޓުން މި ނޫނަސް އިތުރު އާކަމެއް ވަނީ ތައާރަފްކޮށްފަ އެވެ. "އެލްޑާ ދަ ބެޓާ" (އުމުރުން ދުވަސްވީވަރަކަށް ރަނގަޅެވެ).

މިއީ އުމުރުން ދުވަސްވީ މީހުން ރެސްޓޯރަންޓަށް އައުމަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފްކުރި ކަމެކެވެ. މިފަދަ މީހުންނަށް ވެސް މި ރެސްޓޯރަންޓުން ހާއްސަ ޑިސްކައުންޓެއް ދެ އެވެ. އަދި އެމީހުންނާ އެކު އަންނަ ޒުވާނަކަށް ވިއްޔާ އަދި މާރަނގަޅު ޑިސްކައުންޓެއް ލިބެ އެވެ. އެގޮތުން ދުވަސްވީ މީހާއާ އެކުގައި އައި އެންމެންގެ އެވްރެޖް އުމުރު ވަރުގެ އަދަދެއްގެ ޑިސްކައުންޓް މިފަދަ މީހުންނަށް ލިބޭނެ އެވެ.