ލައިފްސްޓައިލް

މަންމަ ކާން ގެންގުޅުނު ތަށީގެ ސިއްރު އެނގުނީ މަރުވި ފަހުން

ޓުވިޓާގައި އިއްޔެ އިންޑިޔާ މީހެއް ކަމަށްވާ ވިކްރަމް އެސް ބުއްދަނޭސަން ޝެއާ ކުރި ވާހަކައެއް ކިޔާފައި ގިނަ ބަޔަކަށް ވަރަށް އަސަރުކޮށްފި އެވެ. އޭނާގެ މި ޕޯސްޓްގައި ޒިންކު ތަށްޓެއްގެ ފޮޓޮއެއް ވެސް ހިމަނާފައި ވެއެވެ. މި ބަތްކާ ތަަށްޓާއި އޭނާ އަދި އޭނާގެ މަންމަ އާ އޮތް ގުޅުން މި ވާހަކައިގައި އޭނާ ކިޔައިދީފައިވެ އެވެ.

"މީ އަހަރެންގެ މަންމަ ކާން ގެންގުޅުނު ތަށި. ގާތްގަނޑަކަށް ވިއްސަކަށް އަހަރަށް ވުރެ ގިނަ ދުވަހު މަންމަ މި ތަށީގައި ކަނިކޮށް އަހަރެންނަށް ފެނިފައިވޭ. މަންމަ އެއްވެސް އެއްޗެއް ކާކަށް މި ނޫން ތަށްޓެއް ބޭނުމެއް ނުކުރޭ. އަދި ކޮންމެ ކޮންމެ މީހަކު މި ތަށީގައި ކެޔަކަވެސް ނުދޭ. މި ތަށީގައި ކާން ހުއްދަ އޮންނަނީ އަހަންނަށާއި އަހަރެންނަށް ބޮޑުބޭބެކިޔާ ކުއްޖެއް ކަމަށްވާ ޗުލްބުލީ (ޝްރޫތީ) އަށް. އެނޫން މީހަކަށް މި ތަށީގައި އަތްލުން ވެސް މަނާވާނެ،" ވިކްރަމް ލިޔެފައި ވެއެވެ.

އޭނާ ލިޔެފައިވާ ގޮތުގައި އޭނާގެ މަންމަ އެހާ ލޯބިން މި ތަށި ގެންގުޅުނު ސަބަބާއި މި ތަށީގެ ހާއްސަކަން އޭނާއަށް އެނގުނީ މަންމަ މި ދުނިޔެއަށް އަލްވަދާއު ކީ ފަހުންނެވެ.

"މަންމަ މަރުވި ފަހުން އަހަރެންގެ ދައްތަ އަހަރެންނަށް މި ތަށީގެ ވާހަކަ ކިޔައިދިން. ދައްތަ ބުނި ގޮތުގައި އެ ތައްޓަކީ އަހަރެން ކުޑައިރު ސްކޫލުން ބޭއްވި ކޮންމެ މުބާރާތަކުން ވަނައަކަށް ގޮސްގެން އިނާމަކަށް ލިބުނު ތަށްޓެއް. އެކަމަކު އަހަރެން އެ ތަށި ލިބުނުކަން އެއްގޮތަކަށް ވެސް ހަނދާނެއް ނެތް. އެއީ 1999 ވަނަ އަހަރު ލިބުނު ތަށްޓެއް ކަމަށް ވަނީ. އޭގެ ފަހުން ފާއިތުވީ 24 އަހަރު މަންމަ ކާން ބޭނުންކުރީ އެ ތަށި. އެއީ އަހަރެން ދެކެ ވާ ލޯބިން މަންމަ ކުރިކަމެއްކަން އެނގުނީ މާ ފަހުން. މަންމަ ދުވަހަކުވެސް އަހަރެން ކައިރީގައި އެ ވާހަކައެއް ނުބުނޭ. މަންމަ މަތިން ވަރަށް ހަނދާންވޭ،" ވިކްރަމް ލިޔެފައި ވެއެވެ.

ޑެންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ވިކްރަމް ލިޔެފައިވާ ގޮތުގައި މައިވަންތަ ލޯތްބަކީ އެފަދަ ދެވަނަ އެއް ނެތް އަދި އެއާ އެއްފަދަ އެހެން އެއްވެސް އެއްޗެއް ނެތް ލޯތްބެކެވެ.

"މަންމަ އޭނާގެ ދަރިފުޅު ދެކެ އެވީ ކިހާ އަގުމާތް، ކިހާ މުގައްދަސް ލޯތްބެއް. އެ ލޯބީގެ ބަދަލުގައި މަންމަ ދެކެ ލޯބިވާނެ މަންމައަށް އޯގާތެރިކޮށް ހިތާނެ ފުރުސަތު އަދިވެސް ލިބޭނެ ނަމައޭ ހިތަށް އަރާ،" ވިކްރަމް ލިޔެފައި ވެއެވެ.