ލައިފްސްޓައިލް

ފްލައިޓަކުން ގެނައި ކާއެއްޗެތީގައި ބޮޑު ހިލައެއް!

އެއާ އިންޑިއާ އަށް މި ވަގުތު ވަރަށް ގިނަ މައްސަލަތަކާ ވަނީ ކުރިމަތިވެފަ އެވެ.

އެ އެއާލައިންގެ ފްލައިޓްތަކުން ދަތުރުކުރާ މީހުންގެ ޝަކުވާތައް ގިނަ ވެގެންނެވެ. ދާދިފަހުން ވަރަށް ބޮޑު މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 26 ވަނަ ދުވަހު ނިއު ޔޯކް އިން ދިއްލީ އަށް ދަތުރުކުރި ފްލައިޓެއްގެ ބިޒިނަސް ކްލާހުން ދަތުރުކުރި ފިރިހެނަކު މަސްތުވެފައި ހުރެގެން އޭނާއާ ޖެހިގެން އިން ގޮނޑީގައި އިން އުމުރުން ދުވަސްވީ އަންހެނެއްގެ ގަޔަށް ކުޑަކަމުގޮސްގެންނެވެ.

އަނެއްކާވެސް ހަމަ މި އެއާލައިންގެ ފްލައިޓެއްގައި ހިނގި ކަމަކާ ގުޅިގެން އަންހެނަކު ސޯޝަލް މީޑީއާގައި ވަރަށް ޝަކުވާ ކޮށްފި އެވެ. ޓުވިޓާގައި އެމީހާ ޕޯސްޓްކުރި މި ޚަބަރުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ގެނައި ކާއެއްޗެތީގެ ތެރޭގައި ބޮޑު ހިލައެއް އޮތެވެ.

"މިއީ ގަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއް ނޫން،" ވަރަށް ރުޅިއައިސްފައި އަންހެންމީހާ ބުނެފައި ވެއެވެ.
ސަރްވަޕްރިޔާ ސަންގްވަން ނަމަކަށް ކިޔާ މި އަންހެންމީހާ ބުނި ގޮތުގައި އޭނާއަށް ގެނައި ކާއެއްޗެތީގެ ތެރޭގައި ހުރި ބަތުގައި ހިލައެއް އޮއްވާ ފެނިގެން ކެބިން ކުރޫ އަކަށް ވެސް މި ހިލަ ދައްކާ އެކަމުގެ ޝަކުވާ އޭނާ ވާނީ ކޮށްފަ އެވެ.

މި މީހާގެ ޓުވީޓަށް ވަރަށް ގިނަ ބަޔަކު ކޮމެންޓުކޮށްފައި ވެއެވެ. އަދި އެއާ އިންޑިއާއަށް މިހާރަކަށް އައިސް ދިމާވަމުންދާ ގިނަ ހާދިސާތަކަކީ ފަރުވާ ކުޑަކަމުން ކުރިމަތިވާ ކަންތައްތައް ކަމަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.

އެ އެއާލައިންގެ ފްލައިޓްތަކުން ގިނައިން ދަތުރުކުރާ މީހެއް ކަމަށް ބުނެ މީހަކު ކުރި ކޮމެންޓެއްގައި ބުނީ ފައިސާ ދީގެން ގަނެފައި ހުންނަ ކާއެއްޗެތީގައި ތަފާތު މައްސަލަތައް އަބަދުވެސް ހުންނަކަން އޭނާއަށް ފާހަގަ ކުރެވޭ ކަމަށެވެ.

މި މީހާގެ ޓުވީޓް ވައިރަލްވުމުން އެއާ އިންޑިއާ އިން ނެރުނު ބަޔާނުގައި އެކަން އެ އެއާލައިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާތީ މައާފަށް އެދިފައި ވެއެވެ.

އަދި ކޭޓަރިންގެ ޚިދުމަތްދޭ ފަރާތަށް މި ކަން ބެލުމަށް ހުށަހަޅާފައިވާ ކަމަށާއި ކުރިމަގުގައި އެފަދަ ކަންތައްތައް ދިމާނުވާނެ ކަން ޔަގީންކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް ބުނެފައި ވެއެވެ. އެމީހާ ބުނި ގޮތުގައި އޭނާއަށް ގެނައި ކާއެއްޗެތީގެ ތެރޭގައި ބޮޑު ހިލައެއް އޮތެވެ.