ރަޝިއާ އިން ތެޔޮ ގަތުން ހުއްޓާލަން އެމެރިކާ އާއި ޔޫރަޕުގެ އިއްތިހާދުގެ ބައިވެރިން މަޝްވަރާ ފެށުމާއެކު ދުނިޔޭގެ ދުނިޔޭގެ ތެލުގެ ބާޒާރު މިވަނީ އިތުރަށް ރޫރޫ އަޅަން ފަށާފަ އެވެ. މިހާރު ވެސް ރޮކެޓު އިސްޕީޑުގައި އަރަމުންދާ ތެލުގެ އަގު މިކަން ތަންފީޒުކުރާ ހިސާބުން ގޯސްވެ މަތިވެގެންދާނެ އެވެ. ސަބަބަކީ ރަޝިއާއަކީ ދުނިޔެއަށް ތެލާއި ގޭސް ފޯރުކޮށްދޭ މުހިންމު ބައިވެރިއަކަށްވުމެވެ. އެހެންވެ، މިހާރު ތެލުގެ ބާޒާރު ދިރާސާ ކުރާ ފަރާތްތަކުގެ އަންދާޒާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 130 ޑޮލަރު ފަހަނަ އަޅައި ދިއުމެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ މަތިވުމަކީ ރާއްޖެއަށް އޮތް މޮޅެއް ނޫނެވެ؛ ދުނިޔޭގައި މަތިވަމުންދާ ދިއުމާއެކު ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު މިދަނީ ދުނި ޖަހާފައި މައްޗަށެވެ. ރާއްޖެ އަށް ތެޔޮ ގެންނަ ކުންފުނިތަކުން ކޮންމެ ޝިޕްމަންޓެއް ގެންނައިރު އެތަށް ގުނައެއް ބޮޑުވެފައި ހުރުމަކީ ތެޔޮ އަގު މަތިކުރަން މަޖުބޫރު ވާނެ ކަމެކެވެ. އެހެންވެ މިހާރުގެ އަންދާޒާއަކީ ޔޫކްރޭން- ރަޝިއާ ތަޅާފޮޅުން "ކޮޅެއްގައި ނުޖެހި" މަހަކަށް ދިގު ދެމިއްޖެނަމަ ރާއްޖޭގައި ޕެޓްރޯލް ލިޓަރެއްގެ އަގު 16ރ. އަށް އަދި ޑީސަލްގެ އަގު 17ރ. އަށްވުރެ މަތިވެގެން ދިއުމެވެ.
"ބޭރުން ގެންނަ ކޮންމެ ޝިޕްމަންޓަކާއެކު ބޮޑުތަން މި އޮންނަނީ މަތިވެފަ. އެހެންވެ ހަނގުރާމަ ދިގު ލައިގެން ގޮސްފިނަމަ ތެލުގެ އަގު އަތް ނުފޯރާ ފަށަން ދާނެ،" ރާއްޖެ އަށް ތެޔޮ އެތެރެކުރާ ކުންފުންޏެއް ވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރާއްޖޭގެ ހަކަތައިގެ ބޮޑުބައި ތެލަށް ބަރޯސާވެފައިވާއިރު ތެޔޮ އެތެރެކުރަން އަހަރު 500 މިލިއަން ރުފިޔާވަރު ހަރަދު ކުރެ އެވެ. މިހާރު ތެލުގެ އަގު މަތިވާ ގޮތަށްބަލާއިރު ކޮންމެ ދެ ޝިޕްމަންޓެއްގެ ދެމެދުގައި ލިޓަކުން 10 ޑޮލަރު ވަރު އުފުލިގެންދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިއީ ތެޔޮ އަތްނުފާރާ ފަށަން އުފުލިދާނެކަމުގެ ބިރުވެރި ނިޝާނެކެވެ.
އޯޕެކަށް މާވަހަރު ލެއްގުން
ކޮވިޑް-19 އަށްފަހު އެންމެ އަގުދަށް އެއް ބާވަތުގެ ގޮތުގައި ތެޔޮ ވެގެން ދިއުމަށްފަހު ޔޫރަޕުގައި ފެށިފައިވާ ޔޫކްރޭން- ރަޝިއާ ހަނގުރާމައިގެ ސަބަބުން ތެޔޮ މިވަނީ ރަނަށްވެފަ އެވެ. ކޮވިޑުގެ ސަބަބުން މަތިންދާ ބޯޓުތައް ބިންމަތިކޮށް ބޮޑެތި ސިޓީތައް ފުރަ ބަންދު ކުރުމާއެކު ތެލަށް އޮތް ޑިމާންޑު ނެތިގެން ދިޔަ އެވެ. ނަތީޖާއަކަށްވީ ތެޔޮ ފީފާއެއްގެ އަގު 16 ޑޮލަރަށް ތިރިވެގެން ދިއުމެވެ. ނަމަވެސް މިހާރު މިވަނީ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށް އުފުލިފަ އެވެ. ތަޖުރިބާކާރުންގެ އަންދާޒާއަކީ ހަފުތާއެއްގެ ތެރޭގައި ތެޔޮ 130 ޑޮލަރު ފަހަނަ އަޅައި ދިއުމެވެ. މިކަމަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އޯޕެކް ފަދަ ގައުމުތަކަށް މާވަހަރު ލެއްގުމަށް ވިޔަސް މިއީ ރާއްޖެ ފަދަ ތެލަށް ބަރޯސާވެފައިވާ ގައުމު ތަކަށް ބޮޑު ވޭނެކެވެ.- މުދަލާއި ހިދުމަތުގެ އަގު މިކަމުގެ ސަބަބުން ބޮޑުތަނުން އުފުލިގެންދާނެ އެވެ. އިންފްލޭޝަން މަތި ވެގެން ދާނެ ކަމެކެވެ.
ތިން އަހަރުތެރޭ ލިޓަރަކުން 6ރ. ގެ ބޮޑުވުމެއް
ރާއްޖޭގައި މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކަނީ 14:60ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާ އަގަކީ 14:80 ރ. އެވެ. އެސްޓީއޯ އިން މި މަހަށް އެކަނި ބެލި ނަމަވެސް ތެލުގެ އަގު ތިން ފަހަރެއްގެ މަތިން ވަނީ މަތިކޮށްފަ އެވެ. މިއީ 2018 އަށްފަހު ތެލުގެ އަގު އެންމެ މަތިވި ފުރަތަމަ ފަހަރެވެ. އެ އަހަރު ނިމުނުއިރު ޕެޓްރޯލް ލިޓަރެއް ލިބެން
ހުރީ 11.19ރ. އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު އުޅުނީ 11.99ރ. ގަ އެވެ. އަދި މިހާރުގެ އަގަކީ ކޮވިޑް-19 އާ ގުޅިގެން ތެލުގެ ޕެޓްރޯލް ލިޓަރެއް 8.07ރ. އަށް އަދި ޑީސަލް ލިޓަރެއް 8.71ރ. އަށް ވެއްޓުމަށްފަހު މިވަރަށް ތެލުގެ އަގު މަތިވެގެން ދިޔަ ފަހަރެވެ.
ތެލުގެ އަގަށް މި އަންނަ ބޮޑު ބަދަލުގެ ސަބަބުން އާއްމުންގެ ޖީބަށް ބޮޑު އަސަރެއް ކުރާނެ އެވެ. ކުރިން 30ރ.އަށް ސައިކަލަށް ފުލްޓޭންކް އެޅޭނަމަ މިހާރު ޓޭންކް ފުލް ކޮށްލެވެވޭނީ 70ރ. އިންނެވެ.
އަވަސް އާ ވާހަކަދައްކަމުން ރާއްޖޭގައި ތެޔޮ ސަޕްލައިކުރާ، ފިއުލް އެކްސްޕްރެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު
ޝިހާބް ވިދާޅުވި ގޮތުގައި މިހާރުގެ އަގުން ބަލާނަމަ ރާއްޖޭގައި ތެޔޮ ފީފާއެއްގެ އަގަކީ 160 ޑޮލަރު ކަމަށާ ހަނގުރާމަ ދިގުލައިގެންދާނަމަ ލިބޭ ގެއްލުން ބޮޑުވާނެ އެވެ.
"ބެލެވެނީ ތެޔޮ ލިޓަރަކުން އަދި 1.25ރ. ވަރު ބޮޑުވާނެ ކަމަށް. މިއަދަދަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ،" ރާއްޖޭގެ އެކި ހިސާބުތަކަށް ތެޔޮ ސަޕްލައި ކުރާ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.
ތެލުގެ ބާޒާރު އަންދާޒާ ކުރާ މާހިރުން ގަބޫލު ކުރާ ގޮތުގައި ތެޔޮ ލިޓަރެއް 150ރ. ޑޮލަރަށް މަތިވުމުގެ ފުރުސަތު އެބައޮތެވެ. މިވަރަށް ތެލުގެ އަގު މަތިވެއްޖެނަމަ ރާއްޖޭގެ އިގްތިސޯދަށް ފޫބަށްދަން ދަތި ގެއްލުމާ ކުރިމަތިލާން ޖެހޭނެއެވެ.