އެމްޓީސީސީގެ ކާމިޔާބު ދަތުރުގެ ވާހަކައަކީ ހަމަގައިމުވެސް ތީގެތެރެއިން އެއްވެސް ބޭފުޅަކަށް އައު ވާހަކައަކަށް ނުވާނެއެވެ. ހާއްސަ ގޮތެއްގައި ވޭތުވެދިޔަ ތިން އަހަރުދުވަހު އެމްޓީސީސީން ހޯދި ކުރިއެރުމާއި ކާމިޔާބީއަކީ އަދުގެ ސަރުކާރާއި ހަމައިން ފެށިގެން އާންމު ރައްޔިތުންގެ ދޫތަކުންވެސް އިވިވަޑައިގެންފައިވާނެ ވާހަކަތަކެއްކަން ކަށަވަރެވެ. ކުންފުނީގެ މިހާރުގެ ސީއީއޯ އާދަމް އާޒިމްގެ ނަޒަރުގައި ކުންފުނިން ހޯދާފައިވާ ކޮންމެ ކާމިޔާބީއަކީވެސް ކުންފުނީގެ މުވައްޒަފުންގެ ބުރަ އަދި މިންނަތް މަސައްކަތުގެ ނަތީޖާކަން ހާމަކުރައްވައެވެ. "މުވައްޒަފުންނޭ" އެވިދާޅުވަނީ ކުންފުނީގެ ގިނަ ފިރިހެން މުވައްޒަފުންނަށް ނިސްބަތްކޮށް ކަމަށް ތިޔައިގެތެރެއިން ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. 1980 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ.
ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާއި ހަމައަށް ފެންނަ މޫނުތަކުގެތެރޭގައި އަންހެން މުވައްޒަފުން ހިމެނެއެވެ. ހަމައެކަނި އިދާރީ މުވައްޒަފުންގެ ގޮތުގައެއް ނޫނެވެ. ޓެކްނިކަލް މުވައްޒަފުންގެ ގޮތުގައިވެސް އަންހެން މުވައްޒަފުން ހަރަކާތްތެރި ވެއެވެ. ޕްރޮޖެކްޓް މެނޭޖަރުންނާއި، ސައިޓް ސުޕަވައިޒަރުންނާއި، ސަރވޭއިންގ އޮފިސަރުންގެ ގޮތުގައެވެ. ބަސް އެޓެންޑެންޓުންނާއި، ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައެވެ. މިވަގުތު ކުންފުނީގައި 290 އަންހެން މުވައްޒަފުން ވަޒީފާ އަދާކުރައްވަމުން ގެންދަވައެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، 2019 ވަނަ އަހަރު 36 އަންހެން މުވައްޒަފުން، 2020 ވަނަ އަހަރު 41 އަންހެން މުވައްޒަފުން އަދި 2021 ވަނަ އަހަރު 140 އަންހެން މުވައްޒަފުން ކުންފުނީގެ އެކި އެކި މަޤާމުތަކަށް ރެކްރޫޓް ކުރެވިފައިވެއެވެ. އަދި އެގްޒެކެޓިވް މެނޭޖްމަންޓް ލެވެލްގައި ކުންފުނީގެ ވަރަށް ހީވާގީ 4 ކަނބަލަކު ހަރަކާތްތެރި ވެވަޑައިގަންނަވަމުން އެބަގެންދަވައެވެ. މިއިން ކޮންމެ ކަނބަލަކީވެސް އެގްޒެކެޓިވް ލެވެލްގައި ތިއްބެވި ފިރިހެން ބޭފުޅުންނާއި އެއްހަމައެއްގައި ކުންފުނި ކުރިއެރުވުމުގައި ރެއާ ދުވާލު މަސައްކަތް ކުރައްވާ މުވައްޒަފުންނެވެ.
އެމްޓީސީސީގެ ބަހުގެ ޚިދުމަތް ދިނުމުގައި އަދި ސެކިޔުރިޓީ ބެލެހެއްޓުމުގައިވެސް މިއަދު ހިތްވަރުގަދަ ކެރޭ ކަނބަލުން ހިމެނޭ
ކުންފުނީގެ ޚިދުމަތާއި 1996 ވަނަ އަހަރު ގުޅިވަޑައިގެންނެވި އަލްފާޟިލާ ފާތުމާތު ޖަބީން މިހާރު އަދާކުރައްވަމުން ގެންދަވަނީ ހިއުމަން ރިސޯސް ޑިވިޜަންގެ ޖެނެރަލް މެނޭޖަރގެ މަޤާމެވެ. ވޭތުވެދިޔަ 26 އަހަރު ދުވަހު ޖަބީން ވަނީ ކުންފުނީގެ އެކިއެކި ޑިޕާޓްމެންޓްތަކުގެ ސީނިއަރ މެނޭޖަރގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ޖަބީން ވިދާޅުވި ގޮތުގައި 1996 ވަނަ އަހަރު ކުންފުންޏާއި ގުޅުނުއިރު މެނޭޖީރިއަލް މަޤާމުތަކުގައި ތިބި އަންހެނުންގެ އަދަދު މަދުކަމަށެވެ. އަންހެނުންގެ އަދަދު މަދުނަމަވެސް ފާހަގަކުރެވުނީ ކުންފުނި ކުރިއެރުވުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަމެވެ. ސަބަބަކީ މިދެންނެވި މަދު އެހެންނަމަވެސް ކުޅަދާނަ އަންހެން ކަނބަލުންގެ ޝަޚްޞިއްޔަތުގެ ވަރުގަދަކަމާއި، މަސައްކަތުގެ ދާއިރާގައި ދެއްކެވި ފުރިހަމަ މިސާލުންނެވެ. މި ކަނބަލުންގެ ފަރާތުން ދަސްވި އެންމެ އިބްރަތްތެރި ފިލާވަޅަކީ ކުންފުނީގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މުހިންމުކަމެވެ.
މިއަދު ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޜަންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޖަބީނަށް ވަނީ ޗީފް އެގްޒެކެޓިވް އޮފިސަރގެ އިރުޝާދުގެ ދަށުން އަންހެނުންގެ ދައުރު ކުންފުނީގައި ފުޅާކުރުމަށް ލިބުނު ފުރުޞަތުގައި ޢަމަލީގޮތުން މަސައްކަތްކުރުމުގެ ނަޞީބު ލިބިވަޑައިގެންފައެވެ. ޖަބީން އެ ވިދާޅުވި ބަސްފުޅަކާއި އަޅުގަނޑު ދެބަހެއް ނުވަމެވެ. ކުންފުނީގެ ލީގަލް އެފެއާޒް ޑިވިޝަންގެ ޖެނެރަލް މެނޭޖަރގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވާ އަލްއުސްތާޛާ ފާތުމަތު އިނާޝާގެ ފަރާތްޕުޅުން ކުންފުންޏަށް ލިބެމުންދާ އަގުހުރި ޚިދުމަތަކީ ކުންފުނި ކުރިއެރުވުމުގައި އަންހެނުންގެ ރޯލުގެ މުހިންމުކަން ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ. 1998 ވަނަ އަހަރު ކުންފުންޏާއި ގުޅިވަޑައިގެންނެވި އަލްއުސްތާޛާ ފާތުމަތު އިނާޝާ ވަނީ ވޭތުވެދިޔަ 24 އަހަރު ކުންފުނީގެ އެކި މަޤާމުތައް ފުރުއްވާފައެވެ. އަދި މިވަގުތު "ކްލަބް އެމްޓީސީސީ" ގެ ރައީސާއަކީވެސް އިނާޝާއެވެ.
ކުންފުނީގެ މަސައްކަތަށް ނުކުމެވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް އަންހެން މާލިމީއެއްގެ ފަރާތުން ޓްރޭންވުމަށް ފުރުޞަތު ލިބިވައިގެންނެވި އިނާޝާ ވިދާޅުވާގޮތުގައި، ވަޒީފާގެ މައިދާނުގައި ލިބިވަޑައިގެންނެވި ހުރިހާ ކުރިއެރުމަކީވެސް އެމްޓީސީސީން ފަހިކޮށްދެއްވި ފުރުޞަތުތަކުން ލިބިވަޑައިގެންނެވި ކުރިއެރުންތަކެކެވެ. އިނާޝާ ވިދާޅުވާގޮތުގައި އެމްޓީސީސީއަކީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދޭ ކުންފުންޏެކެވެ. ކުންފުނީގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަޤާމު މިވަގުތު ފުރުއްވަމުން ގެންދަވާ އަލްފާޟިލާ މަރިޔަމް ޝާމިހާ މިކަމާ އެއްބަސްވެވަޑައިގަންނަވައެވެ. ޝާމިހާ ވިދާޅުވާގޮތުގައި ކުންފުނީގައި 25 އަހަރާ ގާތަށް މަސައްކަތް ކުރެވިފައިވާއިރު އަންހެނަކަށް ވީތީ ކުރިއަށް ނުދެވިދާނެ ކަމުގެ އިޙުސާސެއް ދުވަހަކުވެސް ނުކުރެވޭ ކަމަށާއި، ހުނަރާއި ފެންވަރު ދައްކާއިދޭނެ ފުރުޞަތުތައް ލިބިފައިވާ ކަމަށެވެ. ޝާމިހާ ވިދާޅުވާގޮތުގައި، އެންމެ މުހިންމީ އަންހެނަކަށް ވިޔަސް ފަސްނުޖެހި ވަރުގަދަ އަޒުމަކާއެކު ކަންކަމާ ކުރިމަތިލުމެވެ.
އެމްޓީސީސީއަކީ ހަމަގައިމުވެސް ވަޒީފާގެ މާޙައުލުގައި އަންހެނުންނަށް ކުރިއަށްދެވޭނެ މާޙައުލެއް ޤާއިމުވެފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި އެބޭފުޅާގެ ޓީމު އެއަމާޒަށް ކުންފުނީގެ މިސްރާބު ގެންދިއުމަށް ބާރުއަޅުއްވައެވެ. ކޮމްޕެނީ ސެކްރެޓަރީ އަލްފާޟިލާ އައިމިނަތު ޝިއުނާ އަޙުމަދު ސައީދު ކުންފުންޏާ ގުޅިވަޑައިގަތުމާއެކު އިޙުސާސްވީ ވަޒީފާގެ ގޮތުން ރޭގަނޑެއް، ހުކުރެއް ޗުއްޓީއެއް ނޯންނާނެކަމެވެ. ނަމަވެސް ޝިއުނާގެ އާއިލާގެ ކަންކަން ބަލަހައްޓަމުން ބުރަ ވަޒީފާއެއް އަދާކުރާއިރު، ހާލަތުގެ މައްޗަށް ގަދަވާން ލީޑަރުންގެ ފަރާތުން ހިތްވަރު ލިބިވަޑައިގެންނެވިކަމަށް ޝިއުނާ ވިދާޅުވެއެވެ. ޝިއުނާގެ ހުރިހާވެސް ޝުކުރެއް ރައްދުވަނީ އެމްޓީސީސީގައި އޮންނަ ދުޅަހެޔޮ ވަޒީފާގެ މާޙައުލަށާއީ ޓީމް އެމްޓީސީސީގެ ފަރާތުން ލިބޭ ހިތްވަރާއި އެއްބާރުލުމަށެވެ.
ތެދުފުޅެކެވެ. ކޮންމެ ކަނބަލަކީވެސް އާއިލާއެއް ބަލަހައްޓަމުން ވަޒީފާގެ ކަންކަން ބަލަހައްޓަމުން ޚިދުމަތް ކުރައްވާ ކަނބަލެކެވެ. "ވޯރކް-ލައިފް ބެލެންސް" ނުވަތަ ވަޒީފާއާއި ޒާތީ ދިރިއުޅުމުގެ ހަމަހަމަކަމަކީ މިއަދު ވަޒީފާގެ މާޙައުލުގައި ހަރަކާތްތެރިވާ ކަނބަލުން އެންމެ އިސްކަން ދެއްވާ އެއްކަންތަކެވެ. ގިނަ ފަހަރަށް ވަޒީފާތަކުން އަންހެން ބޭފުޅުން ކެނޑެނީވެސް މިދެންނެވި ކަންކަން ހަމަހަމަ ނުކުރެވި އާއިލާއަށް ދޭންވާ ސަމާލުކަން ނުދެވި ވަޒީފާވެސް ރަނގަޅަށް އަދާކުރަން އުނދަގޫ ވެގެންނެވެ. ނަމަވެސް އެމްޓީސީސީގެ ޓްރެކް ރިކޯޑް ތަފާތެވެ. އެމްޓީސީސީއަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ އަންހެން ބޭފުޅުން ގިނަ ކުންފުންޏެކެވެ. ކުންފުނީގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 20 ކަނބަލަކު މިހާރުވެސް ޚިދުމަތުގައި އެބަތިއްބެވިއެވެ. ލީގަލް އެފެއާޒް ޑިވިޝަންގެ އެޑްމިނިސްޓްރޭޝަން މެނޭޖަރ އެއްގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ޝިމްލާ ޝާކިރަކީ ކުންފުނީގައި 22 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޝިމްލާ ވިދާޅުވާގޮތުގައި، ރައްޔިތުންގެ ކުންފުނި އެމްޓީސީސީން ހިންގާ ކޮންމެ މަޝްރޫޢެއްވެސް ކާމިޔާބު ކަމާއެކު ނިންމާލެވެނީ އަންހެން މުވައްޒަފުންގެ ޝާމިލުވުންވެސް އޮވެގެންނެވެ. ޝިމްލާ އެ ވިދާޅުވި ބަސްފުޅަށް 28 އަހަރު ދުވަހު ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ އަލްފާޟިލާ ފަޒްނާ މުޙައްމަދާއި 22 އަހަރު ދުވަހު ކުންފުޏަށް ޚިދުމަތް ކުރައްވާފައިވާ އައިމިނަތު ރަޝީދާ އެއްބަސްވެވަޑައިގަންނަވައެވެ. މި ކަނބަލުން މާދަމާގެ ޖީލަށް ދޭ ނަސޭހަތަކީ ޚާއްޞަކޮށް އަންހެން ކުދިންނަށް ބުނެލަންއޮތީ ވަޒީފާގެ މުހިންމުކަން ދަނެ ހިތްވަރާއެކު ގަދައަޅާ މަސައްކަތްކުރާ ކޮންމެ ކުއްޖަކަށްވެސް ކާމިޔާބީ ވާނީ އެންމެގާތުގައި ކަމެވެ.
ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ދާގޮތް ބަލާ ކާމިޔާބު ކަމާއެކު މަޝްރޫޢުތައް ނިންމާ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނެވެ. އެ ޑިވިޜަންގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުންގެ ވާހަކަ މިއަދު ކުންފުނީގެ ވެރިން ދައްކަވަނީ ފަޚުރުވެރިކަމާއި ޝުކުރުވެރިކަމާއެކުއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއްފަހަރާ އެތައް މަޝްރޫޢެއް ޤާބިލުކަމާއެކު ކުރިއަށް ގެންދިއުމަށް އެމްޓީސީސީގެ ހުންގާނުގައި ތިއްބެވީ ފިސާރި ކަނބަލުންނެވެ. ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލާ ފާތުމަތު ރިފާޢުއާއި އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލާ އައިމިނަތު ރުފާއެވެ. ސަރވޭއިންގ އޮފިސަރ އަލްފާޟިލާ އަރީން އަލީ ޝަރީފާއި އެންވަޔަރަންމަންޓަލް އިންޖިނިއަރ އަލްފާޟިލާ އައިމިނަތު ހަނާން ޝަފީޤެވެ. އަދި އެސިސްޓެންޓް އާރކިޓެކްޓް މަރިޔަމް ޒުނާނަތްގެ އިތުރުން ޓެކްނިކަލް މަޤާމުތައް ފުރުއްވަމުން ގެންދަވާ ކަނބަލުންނެވެ. މިއިން ކޮންމެ ކަނބަލަކުވެސް އެމްޓީސީސީން އެބޭފުޅުންނަށް ހޯއްދަވައިދެއްވާ ސްކޯލަރޝިޕް އަދި ޓްރޭނިންގް ފުރުސަތުތައް ފާހަގަކުރައްވަނީ ޝުކުރުވެރިކަމާއެކުއެވެ. މިގޮތުން، އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ވަނީ 4 އަންހެން މުވައްޒަފަކަށް ކުންފުނީގެ ޚަރަދުގައި ސްކޯލަރޝިޕް ފުރުޞަތު އެވޯޑުކޮށްދެއްވާފައެވެ. ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފުން އެމްޓީސީސީ ސިފަކުރައްވަނީ ޓެކްނިކަލް މަޤާމުތަކަށް އަންހެނުން ރެކްރޫޓްކޮށް ޓެކްނިކަލް ރޮނގުތަކުން އަންހެނުން ކުރިއަށްދިއުމަށް ބާރުއަޅާ ކުންފުންޏެއްގެ ގޮތުގައެވެ.
އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް ބާރުއަޅާ ސީއީއޯ އާދަމް އާޒިމްއާއި އެބޭފުޅާގެ ޓީމަށް މިއަހަރަކީ ފަޚުރުވެރި ކާމިޔާބީއެއް އެރޮނގުން ހާޞިލްކުރެވުނު އަހަރެކެވެ. ސެކިޔުރިޓީ އޮފިސަރުންގެ ގޮތުގައި ވަޒީފާ އަދާކުރަމުން ދިޔަ ހުރިހާ މުވައްޒަފުން ދިވެހި މުވައްޒަފުންނަށް ބަދަލުކުރެވުމުގެ އިތުރުން 4 އަންހެން ކަނބަލުން މި ވަޒީފާ މިވަގުތު ފުރުއްވުމުން ދިޔުމަކީ ކުންފުންޏެއްގެ ނަޒަރުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. ރާއްޖޭގެ ފުރަތަމަ އަންހެން އާންމު ބަސް ޑްރައިވަރު އަލްފާޟިލާ ސައުސަން މުޙައްމަދު ޓްރޭނިންގް ފުރިހަމަ ކުރައްވާ ޚިދުމަތާއި ގުޅިވަޑައިގަތީ މިއަހަރު ތެރޭގައެވެ. ސައުސަން ވިދާޅުވި ގޮތުގައި އަންހެނަކު އެ މަސައްކަތް ކުރާތީ، ޢާއިލާ އަދި ރަހުމަތްތެރިންގެ ފަރާތުންވެސް ވަނީ ވަރަށް ބޮޑަށް މިކަމަށް ހިތްވަރު ލިބިފައެވެ. އަދި ކަސްޓަމަރުންގެ ފަރާތުންވެސް ހިތްވަރުގެ ބަސްތައް ލިބިފައިވާ ކަމަށް ސައުސަން އުފަލާއެކު ފާހަގަކުރެއްވިއެވެ. ވަކި މަސައްކަތްތަކަކީ ހަމައެކަނި ފިރިހެނުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގަ އަންހެނުންވެސް އެ މަސައްކަތްތަކަށް ނެރުމަކީ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް ގެންގުޅުއްވާ ސިޔާސަތެވެ.
"ގައުމެއް ހަމައެކަނި ފިރިހެން ބޭފުޅުންގެ މަސައްކަތުން ކުރިޔެއް ނުގެންދެވޭނެ. ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރު ފެންނަ ހެއްކަކީ ޤައުމެއް ބިނާކޮށް ކުރިއެރުވޭނީ ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ވަޒީފާގެ މާހައުލަށް ނުކުމެ މަސައްކަތް ކުރީމަކަން. އެއިރުން ޤައުމު ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ވަރަށް ރަނގަޅު "ސިނާޖީ" އެއް އެބަ ކްރިއޭޓް ކުރެވޭ" ސީއީއޯ އާދަމް އާޒިމް ލަންދޫ ބަނދަރު ހުޅުވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އެމްޓީސީސީގެ އަމާޒަކީ ސައުސަން ފަދަ އެތައް ކަނބަލުންނެއް އެމްޓީސީސީގެ ވަޒީފާތަކުން ކުރިއަށް އޮތް ތަނުގައި ފެނިގެން ދިއުމެވެ. ވެލްޑަރުންނާއި، ކާޕެންޓަރުންނާއި، ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، ލޯންޗް އޮޕަރޭޓަރުންނާއި، ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެން ކަނބަލުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. މިފަދަ ލިޔުމެއްގައި އެމްޓީސީސީ ފަދަ ބޮޑު ކުންފުންޏެއްގެ ހުރިހާ ކަނބަލުންގެ ވާހަކަ އެއްފަހަރާ ގެނެސްދިނުމަކީ ވަރަށްވެސް ދަތިކަމެކެވެ. ވީމާ، ލިޔުމުގައި ނެތްނަމަވެސް އެމް.ޓީ.ސީ.ސީގެ ކާމިޔާބީގައި އެކި އެކި ދާއިރާތަކުން ޚިދުމަތްކޮށްދީފައިވާ ހުރިހާ ކަނބަލުން ޝާމިލްވާނެހެން ކުންފުނީގެ ސީ.އީ.އޯ އާއި މެނޭޖްމަންޓްގެ ފަރާތުން ވަރަށްވެސް ޙާއްޞަ ޝުކުރެއް ރައްދުކުރެއެވެ. ރައްޔިތުންގެ ކުންފުނީގެ ޚިދުމަތުގައި ރައްޔިތުންގެ އަންހެން ދަރިން ތިބުމަކީ ޓީމް އެމްޓީސީސީއަށް ލިބޭ އަގުނުކުރެވޭނެ ބޮޑު އުފަލަކާއި ފަހުރެކެވެ.