"ޢީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން،" މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު، އާދެ! އެއަހަރުގެ ކުޑަ އީދު ދުވަހުގެ އިރު ފެނުން ތޮޅިލައިގެން އައި ވަގުތު، ހދ. އަތޮޅުގެ ރައްޔިތުންގެ ތެރޭ ގުގުމަމުން ދިޔަ ތަރާނާ އެވެ. އެ ރައްޔިތުންނަށް ލިބިފައިވާ އުފާވެރިކަން ރަމްޒުކޮށްދޭ އެންމެ ރިވެތި ލަފުޒުތަކެވެ. އެހެން ނުވާންވީ ކީއްވެތޯ އެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަށައިގެން ކަނޑު އޮންނަ ރާއްޖޭގެ، ކަނޑުދަތުރުފަތުރުގެ ހިދުމަތަށް އެހާތަނަށް އަންނަ އެންމެ ތާރީޙީ އިންގިލާބީ ބަދަލު، އެންމެ ފުރަތަމަ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ އެދުވަހުގެ މެންދުރުފަހު ހދ. އަތޮޅުގެ ރަށްތަކަށެވެ.
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރާއްޖެ ޓްރާންސްޕޯރޓް ލިންކް (އާރްޓީއެލް) ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ ދަށުން، ހދ. އަތޮޅުގެ 13 ރަށް ހިމެނޭހެން ފަސް ރޫޓެއްގެ ދަތުރުތައް ފެށުމާއެކު، އަތޮޅުގެ ރައްޔިތުން ރަށު ބަންދުން ވީއްލުނީ އެވެ. އަދި އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި ކަނޑުދަތުރުފަތުރުގެ ނިޒާމަށް އަންނާނެ އެންމެ ހެޔޮ ބަދަލު ފެށިގެން ދިޔައީ އެވެ.
މުޅި ރާއްޖެ ގުޅާލެވޭ އާރްޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އާރްޓީއެލް ފެރީ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ ޖެނުއަރީ 17، 2021 ގައެވެ. ދެވަނަ އަދި ތިންވަނަ ފިޔަވަހި އެމްޓީސީސީއާއި ސަރުކާރުން ހަވާލުކުރީ އޭޕްރީލް 14، 2022 ގައެވެ. ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) އަދި ދެވަނަ އާއި ތިންވަނަ ފިޔަވަހީގެ ޒޯން 2 (ނ، ރ ،ބ އަދި ޅ)، ޒޯން 3 (ކ، އއ، އދ، އަދި ވ)، ޒޯން 4 (މ، ފ، ދ، ތ އަދި ލ)، ޒޯން 5 (ގއ އަދި ގދ)، ޒޯން 6 (ސ އަދި ޏ)، އާއިއެކު، ޖުމްލަ 20 އަތޮޅު ހިމެނޭހެން މުޅި ރާއްޖެއަށް އާރްޓީއެލްގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ޒޯން އެކެއްގެ ހއ. ހދ. އަދި ށ. އަތޮޅަށާއި، ފޭސް ދޭއްގެ ދަށުން ޒޯން ދޭއްގެ ޅ. އަތޮޅަށް މިހާރު ވަނީ އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ދޭން ފަށާފަ އެވެ. އެއީ ބޮޑުތިލަދުންމަތީގެ 41 ރަށާއި ޅ. އަތޮޅުގެ 5 ރަށާއެކު، ޖުމްލަ 46 ރަށެވެ. ކުރިއަށް އޮތް ތަނުގައި ބާކީ 16 އަތޮޅަށް ހިދުމަތް ދޭން ފެށި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ އެއްވިއުގައަކުން ގުޅާލެވިގެންދާނެ އެވެ.
އާރްޓީއެލްގެ ފެރީ ހިދުމަތް ފެށިގެން މިވީ އެއް އަހަރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ހދ. އަތޮޅުގައި 101,802 ރައްޔިތުން، ހއ. އަތޮޅުގައި 89,993 ރައްޔިތުން، ށ. އަތޮޅުގައި 61,421 ރައްޔިތުން އަދި ޅ. އަތޮޅުގައި 9,111 ރައްޔިތުންނާ އެކު ޖުމްލަ 262,327 ރައްޔިތުން އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ބޭނުންކޮށްފައިވެ އެވެ. މި މުއްދަތުގައި ހދ. އަތޮޅުގައި 4,599 ދަތުރު، ހއ. އަތޮޅުގައި 5,546 ދަތުރު، ށ. އަތޮޅުގައި 3,280 ދަތުރު، ޅ. އަތޮޅުގައި 1,076 ދަތުރާ އެކު ޖުމްލަ 14,501 ޝެޑިއުލް ދަތުރު ވަނީ ކޮށްފަ އެވެ. ވަކިން ހާއްސަކޮށް ފާހަގަކޮށްލެވެނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް އެއްވެސް ދަތުރެއް ކެންސަލް ނުކޮށް ހަފްތާގެ ކޮންމެ ދުވަހަކު އާރްޓީއެލްގެ ދަތުރުތައް ކުރިއަށް ގެންދާ ކަމެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ހިދުމަތުގެ ދަށުން ފެރީ އަދި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް 514 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.
އާރްޓީއެލް ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދެ އެވެ. ފުރަތަމަ ޒޯނުގެ ތިން އަތޮޅާއި ދެވަނަ ޒޯނުގެ ޅ. އަތޮޅުގައި ހިދުމަތް ފަށާފައި މިވަނީ، ޒަމާނީ، ދުވެލި ހަލުވި އުޅަނދު ތަކެއްގަ އެވެ. މިގޮތުން ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުކުރެވޭނެ އެވެ. އެއާކޯން ކޮށްފައިވާ މިއުޅަނދުތައް ހުންނަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭ ގޮތަށް އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނޭ ގޮތަށް ފަރުމާކޮށްފަ އެވެ.
މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތުގައި ދަތުރުކުރާ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ދަފުތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި ސްކޫލް ކުދިން ޔުނިފޯމްގައި ތިބޭނަމަ، އެކުދިންނަށް ހިލޭ ދަތުރު ކުރެވެ އެވެ. އުޅަނދުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭނެ ޖާގަ ހާއްސަކޮށްފައި ހުރެ އެވެ. މިއީ ރާއްޖޭގެ މޫސުމާ، އޮއިވަރާ، ބާންޏާއި، ރާޅަށް ރިއާޔަތް ކުރެވިގެން، ދެ މޫސުމަށް ވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށްވެސް ގަދަ އުޅަނދުތަކެކެވެ. މި ހިދުމަތް ހަފްތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެ އެވެ.
އާރްޓީއެލް ހައި ސްޕީޑް ފެރީ ނިޒާމުގެ ޒަރީއާއިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ އެވެ. މިގޮތުން ލޯކަލް ޓޫރިޒަމް އަދި މި ފަހުން ތައާރަފު ކުރެވުނު ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކައިރި ރަށްރަށުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ތައުލީމު ހާސިލްކުރުމަށް ހުރި ފުރުސަތުތަކަށްވެސް ލުއިފަސޭހަކަން ލިބިގެންދާނެ އެވެ. ހަމައެހެންމެ އަތޮޅު ހޮސްޕިޓަލްތަކަށް އަދި އަތޮޅު ވެރިކަންކުރާ ރަށްރަށުން ބޭނުންވާ ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. ވީމާ އާރްޓީއެލް ހައި ސްޕީޑް ފެރީ ހިދުމަތުގެ ސަބަބުން ސިއްހީ އަދި އިދާރީ ހިދުމަތް ހޯދުމަށް، ދިރިއުޅޭ ރަށުން އިރާކޮޅު ފުރައިގެންގޮސް ހިދުމަތް ހޯދުމަށްފަހު، ހަމަ އެދުވަހު އެނބުރި އާދެވޭނެ މަގުވެސް މިވަނީ ފަހިވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، ހިންގާ މަޝްރޫއުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުމެވެ. ހަމަގައިމުވެސް، އެމަނިކުފާނުގެ ބަސްފުޅުގެ ތެދުކަން ބޮޑު ތިލަދުންމަތިންނާއި ފާދިއްޕޮޅު އަތޮޅުން މިއަދު އެދަނީ ފެންނަމުންނެވެ.
އާރްޓީއެލް ފެރީ ދަތުރުގެ ހިތްގައިމުކަމާއި، އުޅަނދުފަހަރުގެ ރީތި ކަމާއި، ހިދުމަތް ދޭން ތިބޭ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަމާއި، ޖީބަށް ލުއިވެގެން ދިޔަ ވަރާއި، އެރަށަށް ގޮއްސަ މިރަށަށް އާދެވޭލެއް އަވަސްކަމުގެ ވާހަކަ، މީސްމީޑިއާގައި ދައުރުނުވާ ދުވަހެއް، ނުދެއޭ ދެންނެވުން އެއީ ކުށް ބަހަކަށް ނުވާނެ އެވެ.
މި ހިދުމަތް ބޭނުންކުރަމުންދާ ރައްޔިތުންގެ ފަރާތުން ދަތުރުމަތީގައި ފެންނަމުންދާ ރަނގަޅު އާދަތަށް، ހިދުމަތް ފޯރުކޮށްދޭ ކުންފުނި އެމްޓީސީސީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގަ އެވެ. އަދި ހަމައެއާއެކު އެމްޓީސީސީގެ އަމާޒަކީވެސް ކަސްޓަމަރުންނާ ގާތުން ލުއި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިގޮތުން ކޮންމެ ފެރީއެއްގައިވެސް ކެޕްޓަނާއި ފަޅުވެރިންގެ ގޮތުގައި ތިބޭނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމާގުޅޭ ހާއްސަ ޓްރޭނިން ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންނެވެ.
ޝެޑިއުލާ އެއްގޮތަށް ފެރީ ގަޑިއަށް ފުރާތޯ އެ މުވައްޒަފުން ޔަގީން ކުރާނެ އެވެ. އެހެން ހައި ސްޕީޑް ފެރީތަކާއި ހިލާފަށް "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ފެރީތައް ވަކި ޝެޑިއުލަކަށް ކުރިއަށް ގެންދިޔުން ވެގެންދާނީ މި ހިދުމަތަށް ރައްޔިތުންގެ އިތުބާރު އެންމެ ބޮޑުވާ ސަބަބަށެވެ. އެމްޓީސީސީގެ ފެރީ ގަޑިއަށް ފުރުމަކީ ރައްޔިތުންގެ ތައުރީފު އަބަދުވެސް ލިބޭ ކަމެކެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައި ކައުންސިލްތަކުން އެ ކުންފުންޏަށް ފޮނުވާ ސިޓީތަކުގައިވެސް އެމްޓީސީސީން ފޯރުކޮށްދެމުންދާ ހިދުމަތަށް ތަޢުރީފުކޮށްފައިވެ އެވެ.
ޓެކްނޮލޮޖީއާއި ރައްޓެހި މި ޒަމާނުގައި އާރްޓީއެލްގެ ހިދުމަތްވެސް އެމްޓީސީސީން ފޯރުކޮށްދެމުންދަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިގޮތުން ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ ވަގުތަކުވެސް ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓް ފޯނުން، އޭނާ އެހުރި ތަނަކުން، ދަތުރުގެ ޝެޑިއުލް ބަލާލެވި، ޓިކެޓް ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެ އެވެ. ސްމާޓްފޯނެއް އަތުގައި ނެތް ބޭފުޅުންނަން، ޓިކެޓްގެ ނަންބަރު ދައްކާލައޮގެން ދަތުރުކުރެވޭނެ އެވެ. ޓިކެޓް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް، އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން ބޭނުންކުރެއްވޭނެ އެވެ.
ހއ. ހދ. ށ. އަދި ޅ. އަތޮޅުގެ ރައްޔިތުން ކަނޑުދަތުރުފަތުރު ކުރުމުގައި މިހާރު ތަޖުރިބާ ކުރަމުންދާ ލުއިފަސޭހަކަން ތަޖުރިބާ ކުރުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ތިބޭނީ ކެތްމަދުވެފަކަން ޔަގީނެވެ. ހަމަ މި ޔަގީންކަމާއެކު، ރައީސް ސޯލިހާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ދެއްވަނީ، ބާކީ 16 އަތޮޅަށްވެސް ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ހިދުމަތް ފެށިގެންދާނެ ކަމުގެ ޔަގީންކަމެވެ. މިއީ މުޅި ރާއްޖެއަށް އެކީ އެއްހަމައަކުން، ތަންފީޒުކުރެވޭނެ ވަކި ހާއްސަ ތަސައްވަރެއް ކަމަށް، ހއ. ދިއްދޫގައި އޮތް، އާރްޓީއެލް ބޮޑު ތިލަދުންމަތި ގުޅާލުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނާ މެދުވެސް ހަމަހަމަކަމާއެކު ކަންތައް ކުރުމެވެ. ރާއްޖޭގައި ކުޑައެއް ބޮޑެއް، އުތުރެއް ދެކުނެއް އަދި މެދުރާއްޖެތެރެއެއް ނެތި ހަމަހަމަކަން އޮންނަންޖެހޭ ކަމަށް ސަރުކާރުން ދެކެ އެވެ. އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތް ހަ ޒޯނެއްގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ހިދުމަތް ދޭ 82 އުޅަނދެއް އޮންނާނެ އެވެ. 180 އަށް ވުރެ ގިނަ ފެރީ ޓާމިނަލް ހުންނާނެ އެވެ. އަދި މި އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރެވިފައި ހުންނާނެ އެވެ. މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާވެގެން ދާއިރު އެތައް ސަތޭކަ ވަޒީފާ އަލަށް އުފެދިގެން ދާނެ އެވެ. މި މުވައްޒަފުންނަކީ ކޮންމެ މީހެއްގެ އެވްރެޖް މުސާރައަށް ބަލާއިރު، އެކަށީގެންވާ މުސާރައެއް ލިބޭ އަދި ހިދުމަތަށް ތަމްރީން ވެފައިވާ، ގާބިލު ބަޔަކަށް، ވެގެންދާނެ އެވެ.
ކޮންމެއަކަސް ރާއްޖޭގެ ރައްޔިތުން އާރްޓީއެލް ހިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގެންފިކަމުގެ އުފާވެރިކަން ރައީސް ސޯލިހާއި، އާރްޓީއެލް އާއި ގުޅޭ ސިޔާސަތުތައް ފަރުމާކޮށްދެއްވުމުގައި ވަރުބަލިކަމެއްނެތި އުޅުއްވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ހިދުމަތް ދިނުމުގައި އަވަދިނެތި މަސައްކަތްކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެބޭފުޅުންގެ ޓީމަށް މިއަދު އެބައޮތެވެ. ވޭތުވެގެން މިދިޔައީ އާރްޓީއެލްގެ ހިދުމަތުގެ އެއް އަހަރެވެ. މި އެއް އަހަރު ތެރޭގައި އާރްޓީއެލްގެ ހިދުމަތާ ގުޅޭގޮތުން ދެކެނީ ކިހިނެއްތޯ މަގުމަތިން ދިމާވި އިސްރައްވެއްސެއް ގާތު އަހާލީމެވެ.
"ރައްޔިތުން މާގަޔާވާ އާރްޓީއެލް އެއްނު ތިއީ! ބޭބެއަށް ހީވަނީ ކުރިއަށް އޮތްތަނުގައި އަދި މާފައްކާ ވާނެހެން!" އޭނާ ބުންޏެވެ.