އެމްޓީސީސީ

2.4 ބިލިއަން ރުފިޔާއާއެކު އެމްޓީސީސީއަށް ރެކޯޑް އާމްދަނީއެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ -- އެމްޓީސީސީގެ 42 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރަކަށް މިދިޔަ އަހަރު ވެއްޖެ އެވެ.

އެމްޓީސީސީގެ 2022 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ލިބުނެވެ.

މިއީ ކުންފުނީގެ 42 އަހަރުގެ ތާރީހުގައިވެސް މާލީ އަހަރެއްގައި މިހާތަނަށް ހާސިލުކުރި އެންމެ ބޮޑު އާމްދަނީގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ. އެމްޓީސީސީއަށް 2021 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 1.97 ބިލިއަން ރުފިޔާ އެވެ.

މާލީ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެމްޓީސީސީއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 324.16 މިލިއަން ރުފިޔާ ލިބުނެވެ. 2021 ވަނަ އަހަރު އެ އަދަދު ހުރީ 319.25 މިލިއަން ރުފިޔާގަ އެވެ.

އެމްޓީސީސީގެ ތާރީހުގައި ރިކޯޑު ކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ހާސިލުކުރެވުނު އަހަރަށް މިދިޔަ އަހަރުވި ނަމަވެސް ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2021 ވަނަ އަހަރަށްވުރެ 15.36 ޕަސަންޓު ދަށްވެފަ އެވެ.

ސަބަބެއްގެ ގޮތުގައި އެމްޓީސީސީން ފާހަގަކުރީ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދު އިތުރުވުމެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން 2022 ވަނަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއަކީ 229.53 މިލިއަން ރުފިޔާ އެވެ. 2021 ވަނަ އަހަރު އެ އަދަދު ހުރީ 271.82 މިލިއަން ރުފިޔާގަ އެވެ.

އެމްޓީސީސީ އިން މިދިޔަ އަހަރު ހާސިލުކުރި މާލީ ނަތީޖާއާއިއެކު ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން ޖުމްލަ ހިއްސާގެ ފައިސާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް މިއަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ.

އެމްޓީސީސީ އިން މިދިޔަ އަހަރު އުމްރާނީ ތަރައްގީގެ އާ 65 މަޝްރޫއުއަކާއި ހަވާލުވެ 42 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.