އެމްޓީސީސީން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ 65 ލޯންޗް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަލް ޝާލީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަބްދުﷲ ހުސައިން މުހައްމަދު އަލް ޝާލީ އެވެ.
ފެރީތައް ބަންނަން ހަވާލުކޮށްފައިވަނީ 537 މިލިއަން ރުފިޔާއަށް ދެ އަހަރުގެ މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
އާޒިމް މިއަދު ވިދާޅުވީ މަސައްކަތް ނިންމަން ދެ އަހަރު ދިން ނަމަވެސް ފެރީތައް ނިމޭ ވަރަކުން އިތުރު ސަރަހައްދުތަކުގައި އާރްޓީއެލްގެ ހިދުމަތް ފަށަމުންދާނެ ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި އާރްޓީއެލް ފެރީގެ ހިދުމަތުގައި މިހާރު ބޭނުންކުރާ ފެރީތަކަށްވުރެ މިއަދު ބަންނަން ހަވާލުކުރި ފެރީތައް ބޮޑު ވާނެ އެވެ. ބަންނަނީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. ނަމަވެސް ޑިޒައިން އެއްގޮތް ވާނެ އެވެ. އަދި ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތަސް އާރްޓީއެލްގެ ފެރީގެ ހިދުމަތް ހުއްޓާލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ފެރީ ހިދުމަތް މިއީ ސަރުކާރުން ރައްޔިތުންނަށް ދޭ އެންމެ ބޮޑު ހަދިޔާ. މިހަދިޔާ ދޫކޮށްލާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.
ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12 ވަނަ ދުވަހު އެވެ. މިހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. އޭގެފަހުން ހއ. އަތޮޅުގައި ފެށުމަށްފަހު މިމަހުގެ ތެރޭގައި ވަނީ ށ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ފަށާފަ އެވެ.
ޒޯން އެކެއްގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންދަނީ 30 ނޮޓްގެ ބާރުމިނުގައި ދަތުރުކުރާ 17 ފެރީ ބޭނުންކުރަމުންނެވެ. މިއުޅަނދުތައް ބަނދެފަވަނީ ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގަ އެވެ.
އާޒިމް ކުރިން ވިދާޅުވި ގޮތުގައި ފެރީގެ ނިޒާމު ފުރަތަމަ ފެށިއިރު ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް ހިދުމަތް ފެށި ފަހުން ލިބުނު ތަޖުރިބާއާ އެކު ވަރަށް ގިނަ ކަންކަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް ވިދާޅުވި އެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
އާރްޓީއެލްގެ އެޕްލިކޭޝަނާއި ވެބްސައިޓްގައިވާ ޕޯޓަލްގެ ތެރެއިން ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކަށް ޓިކެޓް ބުކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ. އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފެރީތަކުގައި ހިލޭ ދަތުރުކުރެވޭނެ އެވެ.
އާރްޓީއެލްގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފެރީތަކުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެ އެވެ.