ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް މިމަހުގެ 13 ވަނަ ދުވަހު ހުވަދު އަތޮޅުގައި ފެށުމަށް ނިންމައިފި އެވެ.
ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ހައި ސްޕީޑް ލޯންޗްތައް މިއަދު އެ އަތޮޅަށް ފުރުވާލުމުގެ ގޮތުން މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގައި އޮތް ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު ހުވަދު އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. އެކަމަކު ފެރީ ދަތުރުތަކަށް އަގު ނަގައިގެން ދަތުރުތައް ކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް ވިދާޅުވި އެވެ.
ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ހަ ސްޕީޑް ލޯންޗް ބޭނުންކުރަން ވަނީ ނިންމާފަ އެވެ. ނޫސްވެރިންނަށް މިއަދު ވަނީ މި ފެރީތައް ދައްކާލާފަ އެވެ.
އާޒިމް އިތުރަށް ވިދާޅުވީ ހުވަދު އަތޮޅުގައި ހިދުމަތް ފެށުމަށްޓަކައި 80 މުވައްޒަފުން ނަގައި އެމީހުންނަށް ބޭނުންވާ ތަމްރީންތައް ދެމުންދާ ކަމަށެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
އާރްޓީއެލްގެ ފެރީގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ 2022 ވަނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.
ހިދުމަތް ދޭން ފެށި ފަހުން ހދ. އަތޮޅުގެ އިތުރުން ހއ. އަތޮޅާއި، ށ. އަތޮޅުގެ އިތުރުން ޅ. އަތޮޅުގައި މިހާރު ވަނީ އާރްޓީއެލްގެ ފެރީގެ ހިދުމަތް ދޭން ފަށާފަ އެވެ.
ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ވަނީ 65 ފެރީ ބަންނަން އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ދުވަހު 65 ފެރީ ބަންނަން އަލް ޝާލީއާ ހަވާލުކޮށްފައިވަނީ 537 މިލިއަން ރުފިޔާ އަށެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ.