އެމްޓީސީސީ

މިނީ ބަހަށް މާދަމާ އަގު ނަގަނީ، މާރުނުކޮށްދޭނެ

އެމްޓީސީސީ އިން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް ދެމުންދާ މިނީ ބަހުގެ ހިދުމަތަށް މާދަމާ އިން ފެށިގެން އަގު ނަގާނެ ކަމަށާއި ޓިކެޓުގެ އަގު ނަގުދު ފައިސާ އިން ދައްކާނަމަ ސީދާ ހަތް ރުފިޔާ އިން ފައިސާ ދެއްކުމަށް އެމްޓީސީސީން އެދިއްޖެ އެވެ.

މިިދިޔަ ސެޕްޓެމްބަރު ފަސްވަނަ ދުވަހުން ފެށިގެން މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައިވާއިރު، ފުރަތަމަ 4 ހަފުތާ މި ހިދުމަތް ދީފައިވަނީ އެއްވެސް އަގެއް ނުނަގަ އެވެ. ނަމަވެސް މާދަމާ އިން ފެށިގެން މިނީ ބަހުގައި ކުރާ ދަތުރަކަށް ހަތް ރުފިޔާ ނަގަން ވަނީ ނިންމާފަ އެވެ. ޓިކެޓަށް އަގު ދައްކާއިރު ސީދާ ހަތް ރުފިޔާ ދެއްކުމަށް އެމްޓީސީސީ އިން އެދިފައިވެ އެވެ. އެ ކުންފުނީ މާރުނުކުރެވޭނެ ކަމަށެެވެ.

މީގެ އިތުރެން އާރްޓީއެލް ޓްރެވަލް އެޕް ބޭނުންކޮށްގެން ކިޔުއާރް ޓިކެޓް ގަނެގެން މިނީ ބަހުގައި ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގަން އުނދަގޫވާ މީހުންނަށް ބަހުގައި ކަރުދާސް ޓިކެޓް ވިއްކުމުގެ އިތުރުން، އިތުރު ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބަހުގައި ޓިކެޓް ގަނެގެން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ބަހުގެ ތެރޭގައި ފައިސާ މާރު ނުކުރެވޭނެ. މިގޮތަށް ހަމަޖެއްސުމުން ދަތުރުގެ ވަގުތު ސަލާމަތް ކުރެވޭ،" އާޒިމު ވިދާޅުވި އެވެ.

މީގެ އިތުރުން، ކަރުދާސް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނީ ހަމައެކަނި މާލޭގައި ކަމަށާއި، ބަސް ޓާމިނަލްތަކުން މި ޓިކެޓް ލިބެން ނުހުންނާނެ ކަމުގައިވެސް އާޒިމު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަހުގައި ދަތުރުކުރުމަށް އީއެމްވީ ކާޑު ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ތެރޭގައި އާރްޓީއެލް ދަތުރުތަކަށް ހާއްސަ ކާޑެއް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.