ބަސް ދަތުރުތައް

މާލޭގައި ހޯމަ ދުވަހު މިނީ ބަހުގެ ހިދުމަތް ފަށަނީ

Sep 2, 2022
1

މާލޭގައި މިނީ ބަހުގެ ހިދުމަތް އަންނަ ހޯމަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އެމްޓީސީސީގެ އޮފިޝަލަކު ވަނީ އަވަސް އަށް މިކަން ޔަގީންކޮށްދެއްވާފަ އެވެ.

މިނީ ބަހުގެ ދަތުރުތައް ފުރަތަމަ ދެ ހަފްތާ ކުރިއަށް ގެންދާއިރު އެއްވެސް އަގެއް ނުނަގާނެ އެވެ.

މާލޭގައި މިނީ ބަހުގެ ދަތުރެއްގެ އަގުގެ ގޮތުގައި ނެގުމަށް ނިންމާފައިވަނީ ހަތް ރުފިޔާ އެވެ.

މާލޭގައި އަންނަ ހޯމަ ދުވަހު މިނީ ބަހުގެ ހިދުމަތް ފެށުމަށް ނިންމާފައި މިވަނީ ތަޖުރިބާ ދަތުރުތައް ކުރާތާ ދެ ހަފްތާ ފަހުންނެވެ.

ސަރުކާރުން އިއްޔެ ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ މިނީ ބަހުގައި އުމުރުން ތިން އަހަރުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި އުމުރުން ދޮށީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ކޮންމެ ބަހެއްގައިވެސް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް އެއް ސީޓު ހާއްސަކޮށްފައިވެ އެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރާނީ މައިގަނޑު ދެ މަގަކުންނެވެ. އެއީ މަޖީދީ މަގާއި އަމީނީ މަގެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރަން ނިންމާފައިވެ އެވެ.

މި ދެ މަގުގައި ވެހިކަލް ޕާކް ކުރުން މަނާކޮށް، ކުރިން އެ މަގުގައި ވެހިކަލް ޕާކް ކުރި މީހުންނަށް މާލެ ސިޓީ ކައުންސިލުން ދަނީ ބައެއް ޕާކިން ޒޯންތައް ހަދައިދެމުންނެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށެންވާއިރު މަގުމަތީގެ ނިޝާންތައް އަލުން އާކޮށް ޓްރެފިކް ބޯޑުތައް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ހަރުކުރަމުންނެވެ.

މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. އިތުރު ފަސް މިނީ ބަސް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.

އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން ހއ. އަތޮޅާއި ހދ. އަތޮޅާއި އަދި ށ. އަތޮޅުގައ އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.