ބަސް ދަތުރުތައް

މިނީ ބަހުގެ ދަތުރުތަކަށް މާދަމާ އަގު ނަގާނެ

Sep 18, 2022
1

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ހިދުމަތަށް މާދަމާ މާލޭގައި އަގު ނަގަން ފަށާނެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މިއަދާ ހަމައަށް ހިދުމަތް ދޭނީ ދަތުރުތަކަށް އެއްވެސް އަގެއް ނުނަގަ އެވެ.

މާދަމާ ހިދުމަތަށް އަގު ނަގާއިރު ދަތުރަކަށް ނަގާނީ ހަތް ރުފިޔާ އެވެ.

އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.