ބަސް ދަތުރުތައް

މިނީ ބަހުގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ހިދުމަތަށް މާލޭގައި މިއަދު އަގު ނަގަން ފަށައިފި އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެވެ. މިއަދާ ހަމައަށް މިނީ ބަހުގެ ހިދުމަތް ދިނީ ދަތުރުތަކަށް އެއްވެސް އަގެއް ނުނަގަ އެވެ. މިނީ ބަހުގެ ހިދުމަތް ފެށި ފަހުން މިހާތަނަށް 130،000 މީހުން ވަރު ދަތުރުކޮށްފައިވެ އެވެ.

އަގު ނަގައިގެން މިނީ ބަހުގެ ހިދުމަތް މިއަދު ފެށިއިރު ދަތުރަކަށް ނަގަނީ ހަތް ރުފިޔާ އެވެ. ބަސް ދަތުރުތަކުގެ ޓިކެޓް ނަގަން ގަނޑުކޮށް ފައިސާ ހިފައިގެން އަންނަނަމަ މާރުކުރަން ނުޖެހޭ ގޮތަށް ފައިސާ ގެނައުމަށް އެމްޓީސީސީން އެދެ އެވެ. އެގޮތަށް ނިންމީ ފައިސާ މާރުކުރަން ވަގުތު ހޭދަވެ ދަތުރުތަކުގެ ޝެޑިއުލަށް ބަދަލު އަތުވެދާނެތީ އެވެ.

އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބެ އެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.