ބަސް ދަތުރުތައް

އިލެކްޓްރިކް ބަސްތައް އަންނަ މަހު މާލެ ގެންނަނީ

މާލޭގައި އެމްޓީސީސީން މިހާރު ދެމުންގެންދާ ބަހުގެ ހިދުމަތުގައި ބޭނުންކުރުމަށް އިތުރު އިލެކްޓްރިކް ބަސް ތަކެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވިދާޅުވީ ބަސްތައް ގެނައުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީން ކަމަށެވެ. ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ހަ އިލެކްޓްރިކް ބަސް މާލެ ގެނެސް، ނޮވެމްބަރު މަހުގެ ތެރޭގައި ބަސްތައް ހިދުމަތަށް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޓީސީސީން ވީކްލީކޮށް މި މައުލޫމާތު އަޅުގަނޑުމެންނާ އެބަ ހިއްސާކުރޭ. އަނެއްކާ ބަސްތައް ގެންނައިރު ޗާޖިން ސްޓޭޝަންތަކެއް ހަދަންޖެހޭނެތީވެ އެމަސައްކަތް ވެސް ހިނގަމުން އެބަދޭ،" ހަމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅިން އަލަށް ގެންނަ ނއިލެކްޓްރިކް ބަސްތައް ހުންނާނީ މާލޭގެ ޓްރެފިކާއި މާލޭގެ މަގުތައް އޮތް ގޮތް ކުރިން ދެނެގަނެ މާލޭގައި ދުއްވަން އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައި ކަމަށެވެ.

މާލޭގައި ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުން ކުރިންވެސް މަސައްކަތް ފެށީ އިލެކްޓްރިކް ބަސް ބޭނުންކޮށްގެން ކަމަށްވެސް ހަމަދު ވިދާޅުވި އެވެ. ނަމަވެސް މަގުމަތީގެ ބައެއް ކަންކަން ބޮއްސުންލަމުންދާތީ އާއި ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ތެޔޮ އަޅައިގެން ދުއްވާ ބަސްތަކެއް ބޭނުންކޮށްގެން އަވަހަށް ހިދުމަތް ފެށީ ކަމުގައިވެސް ވިދާޅުވި އެވެ.

"އިލެކްޓްރިކް ބަސްތައް ލިބުމާ އެކު މާލޭގައި މިހާރު ދުއްވާ ބައެއް ބަސްތައް އަޅުގަނޑުމެން އަތޮޅު ތެރެއަށް ބަދަލުކުރާ ގޮތަށް މިހާރު ވިސްނުން މިހުރީ،" ހަމަދު ވިދާޅުވި އެވެ.

ތެޔޮ އަޅައިގެން ދުއްވާ މިނީ ބަސް ބޭނުންކޮށްގެން މާލޭގައި މިނީ ބަހުގެ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ފެށީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މިހިދުމަތަށް މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަގު ނަގާ ގޮތަށް ކުރިން ހަމަޖައްސާފައިވީ ނަމަވެސް އެ ދުވަހުން ފެށިގެން އިތުރު ދެ ހަފްތާއަށް އަގު ނެގުން ސަރުކާރުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

މިނީ ބަހުގައި ކުރާ ދަތުރަކަށް ނަގަން ނިންމާފައިވަނީ ހަތް ރުފިޔާ އެވެ. މިނީ ބަހުގެ ހިދުމަތް ފެށި ފަހުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ބަހުގައި 120،000 މީހުން ދަތުރުކޮށްފައިވެ އެވެ.

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ބަހުގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ. އެފް ސްޓޯ އަދި ގޫގުލް ފްލޭ ސްޓޯރުން އާރްޓީއެލްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބެ އެވެ.

މިނީ ބަހުގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ މާލޭގެ ހަތަރު އަވަށް ކަވަރުކުރެވޭ ގޮތަށެވެ. ބަސް ދަތުރުކުރާ ރޫޓުތަކުގައި ޖުމްލަ 40 ބަސް ސްޓޮޕް ހަދާފައިވާއިރު ކޮންމެ ސްޓޮޕަކަށް ކޮންމެ 15 މިނެޓަކުން ބަސް ގާތްކުރާނެ އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގައި އުމުރުން ތިން އަހަރުން ދަށުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.