ބަސް ދަތުރުތައް

މާލޭގައި މިނީ ބަހުގެ ދަތުރަކަށް ހަތް ރުފިޔާ

މާލޭގައި މިނީ ބަހުގެ ދަތުރެއްގެ އަގުގެ ގޮތުގައި ހަތް ރުފިޔާ ކަނޑައަޅައިފި އެވެ.

މިމައުލޫމާތު މިއަދު ހާމަކުރީ ސަރުކާރުގެ މަޝްރޫއުތަކާއި ސިޔާސަތުތައް ހާމަކޮށް، ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ "ގަވަރުމަންޓް އޮފް މޯލްޑިވްސް"ގެ ޓްވިޓާ އެކައުންޓުން އާންމުކުރި އިންފޮގްރެފިކް ވީޑިއޯއެއްގަ އެވެ. ވީޑިއޯ އާންމުކުރި ފަހުން އެމްޓީސީސީން ވެސް ވަނީ ހަތް ރުފިޔާ އެއީ މިނީ ބަހުގެ ދަތުރަކަށް ނަގާ އަގު ކަމަށް އަވަސްއަށް ޔަގީންކޮށްދީފަ އެވެ.

ވީޑިއޯގައި ބުނެފައިވާ ގޮތުގައި މިނީ ބަހުގެ ދަތުރަކަށް ނަގާނީ ހަތް ރުފިޔާ އެވެ. މިނީ ބަހުގެ ހިދުމަތް ފަށާނެ ތާރީހެއް ސަރުކާރުންވެސް އަދި މިހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ އަކުން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ތަޖުރިބާ ދަތުރުތައް ކުރާތާ ދެ ހަފްތާ ވެއްޖެ އެވެ.

ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ މިނީ ބަހުގައި އުމުރުން ތިން އަހަރުގެ ކުދިންނާއި ޔުނީފޯމްގައި ތިބޭ ކިޔަވާ ކުދިންނާއި އުމުރުން ދޮށީ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. ކޮންމެ ބަހެއްގައިވެސް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް އެއް ސިޓު ހާއްސަކޮށްފައިވެ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާއިރު ބަސް ދަތުރުކުރާނީ މައިގަނޑު ދެ މަގަކުންނެވެ. އެއީ މަޖީދީ މަގާއި އަމީނީ މަގެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރަން ނިންމާފައިވެ އެވެ.

މި ދެ މަގުގައި ވެހިކަލް ޕާކް ކުރުން މަނާކޮށް، ކުރިން އެ މަގުގައި ވެހިކަލް ޕާކް ކުރި މީހުންނަށް މާލެ ސިޓީ ކައުންސިލުން ދަނީ ބައެއް ޕާކިން ޒޯންތައް ހަދައިދެމުންނެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށެންވާއިރު މަގުމަތީގެ ނިޝާންތައް އަލުން އާކޮށް ޓްރެފިކް ބޯޑުތައް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ހަރުކުރަމުންނެވެ.

މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. އިތުރު ފަސް މިނީ ބަސް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.

އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން ހއ. އަތޮޅާއި ހދ. އަތޮޅާއި އަދި ށ. އަތޮޅުގައ އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.