އެމްޓީސީސީން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކުން (އާރްޓީއެލް)ގެ ހިދުމަތް ހުވަދު އަތޮޅު ފަށައިފި އެވެ.
ގދ. ތިނަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ހުވަދު އަތޮޅަށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ހުވަދު އަތޮޅުގައި މިއަދު އާރްޓީއެލްގެ ހިދުމަތް ފެށި ނަމަވެސް މިދަތުރުތަކަށް އަގު ނަގާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް
- ފުރަތަމަ ޒޯން: ހއ | ހދ | ށ
- ދެވަނަ ޒޯން: ނ | ރ | ބ | ޅ
- ތިންވަނަ ޒޯން: ކ | އއ | އދ | ވ
- ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
- ފަސްވަނަ ޒޯން: ގއ | ގދ
- ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ
ފެރީގެ ހިދުމަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހދ. އަތޮޅުގައި ފެށީ 2022 ވަނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ. މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްތަކެއް ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމުގައި ސަރުކާރުން ބުނެ އެވެ.
ހުވަދު އަތޮޅުގެ އިތުރުން އާރްޓީއެލް ފެރީގެ ހިދުމަތް މިވަގުތު ދެނީ ހއ، ހދ، ށ އަދި ޅ. އަތޮޅު ގައެވެ.
ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިހާރު ވަނީ 65 ފެރީ ބަންނަން އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ދުވަހު 65 ފެރީ ބަންނަން އަލް ޝާލީއާ ހަވާލުކޮށްފައިވަނީ 537 މިލިއަން ރުފިޔާ އަށެވެ.
ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.
އާރްޓީއެލްގެ ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފެރީގެ ކިއުއާރް ޓިކެޓް ލިބޭނެ އެވެ.