ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެކުނުގެ ރަށްތައް މިއަހަރު ނިމުމުގެ ކުރިން ގުޅާލާނަން: ރައީސް

މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ އަތޮޅުތައް އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް ފެއްޓުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުވަދު އަތޮޅާއި ފުވައްމުލަކު އަދި އައްޑޫއަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭނެ ކަމަށެވެ.

"މިގޮތަށް ކުރިއަށް ގޮސް ރާއްޖޭގެ ހުރިހާ ރަށެއް އާރްޓީއެލުން ގުޅާލާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވަނީ މިއަދު ރާއްޖޭގެ ދެ ސަރަހައްދެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ފޯރުކޮށްދެމުން ދާކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ބޮޑުތިލަދުންމަތި އަދި ފާދިއްޕޮޅުގެ ހުރިހާ ރަށަކަށް ކޮންމެ ދުވަހަކުވެސް އާރްޓީއެލް ފެރީގެ ހިދުމަތް ލިބޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދާނީ އެއްރަށް އަނެއް ރަށާއި އަދި އެއް އަތޮޅު އަނެއް އަތޮޅާއި ގުޅޭ ގޮތަށް އުފެދޭ ދަތުރުފަތުރުގެ ނިޒާމަކުން ކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ގައުމީ ފެރީ ނިޒާމުގައި އަތޮޅުތައް ޒޯންތަކަށް ބެހިފައިވާ ގޮތް

  • ފުރަތަމަ ޒޯން: ހއ | ހދ | ށ
  • ދެވަނަ ޒޯން: ނ | ރ | ބ | ޅ
  • ތިންވަނަ ޒޯން: ކ | އއ | އދ | ވ
  • ހަތަރުވަނަ ޒޯން: މ | ފ | ދ | ތ | ލ
  • ފަސްވަނަ ޒޯން: ގއ | ގދ
  • ހަވަނަ ޒޯން: ފުވައްމުލައް | އައްޑޫ ސިޓީ

ގައުމީ ފެރީ ނިޒާމު ނުވަތަ އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12 ވަނަ ދުވަހު އެވެ. މިހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. އޭގެފަހުން ހއ. އަތޮޅުގައި ފެށުމަށްފަހު މިމަހުގެ ތެރޭގައި ވަނީ ށ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ފަށާފަ އެވެ.

ގައުމީ ފެރީ ނިޒާމުގެ ދަތުރުތަކުގައި ރަށްތައް ގުޅާލުމަށް ނިންމާފައިވަނީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކަކުންނެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތަކުގެ މެދުގައި ދުވަހުން ދުވަހަށް ކުރާ ދަތުރުތަކެވެ. ނަން-ކޮމިއުޓް ލިންކަކީ ތަންކޮޅެއް ދުރުގައިވާ ދެ ރަށެއްގެ ދެމެދުގައި ކުރާ ދަތުރުތަކެކެވެ. މިކަހަލަ ދަތުރުތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަން ނުޖެހޭ އެއާޕޯޓް ދަތުރުތަކާއި ވިޔަފާރީގެ ބޭނުމުގައި ކުރާ ދަތުރުތައް ހިމެނެ އެވެ. ހައިވޭ ލިންކަކީ އެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބާ، އަނެއް ސަރަހައްދުގެ ދަތުރުފަތުރުގެ ހަބް ގުޅުވާލުމަށް ކުރާ ދިގު ދަތުރުތަކެކެވެ.