އެމްޓީސީސީ

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީގެ ސާފު ފައިދާ ފަސް މިލިއަނަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީ އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 664.44 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 41.77 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 6.17 މިލިއަން ރުފިޔާ ލިބުނެވެ.

މި އަދަދަކީ މި މުއްދަތުގައި ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ފައިދާއަށްވުރެ ދަށް އަދަދެކެވެ. ސަބަބެއްގެ ގޮތުގައި އެމްޓީސީސީ އިން ފާހަގަކުރީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަަދި ހާއްސަކޮށް ތެލުގެ އަގު އުފުލުމުގެ ސަބަބުންނާއި ބޭރު ފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ހަރަދު އިތުރުވުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރެވެ.

ނަމަވެސް ހާލަތަށް ބަލައި ކުންފުނީގެ މެނޭޖްމަންޓުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ހާސިލު ކުރެވުނު ކުރިއެރުމެއް ކަމުގައި އެމްޓީސީސީ އިން ދެކެވެ.

އެމްޓީސީސީ އިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކި މަރުހަލާތަކުގައި 196 މަޝްރޫއެއްގެ މަސައްކަތް ކުރި އެވެ. ފުރަތަމަ ކުއާޓަރުގައި ތިން މަޝްރޫއެއް ނިންމާލިއިރު އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވެ އެވެ. އަދި އާ ހަ މަޝްރޫއެއްގެ މަސައްކަތް ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ.