މިދިޔަ އަހަރަކީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ނުރައްކާތެރި ވަބާގައި ޖެހި، ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދަށް އުނދަގޫ ދަތި ދުވަސްތަކެއް ކަނޑައްތު ކުރި އަހަރެކެވެ. ނަމަވެސް، އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅައި ރާއްޖެ ދިޔައީ ތަރައްގީގެ ދަތުރުގައި ކުރިއަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ވީ ގިނަ އުމްރާނީ ތަރައްގީގެ ވައުދުތަކުގައި ކުލަ ޖައްސާލަ ދިން އެއް މުއައްސަސާއަކީ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ ކަމާމެދަކު އެއްވެސް ޝައްކެތް ނެތެވެ. މީގެ 41 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އުފެދުނު އެމްޓީސީސީ ވެގެން ދިޔައީ ވޭތުވެދިޔަ ތިން އަހަރުގައި ރާއްޖެއަށް ބޭނުންވާ އުމްރާނީ ތަރައްގީ ގެނެސްދިނުމުގައި ސަރުކާރުގެ އެންމެ އިތުބާރު ލިބުނު ކުންފުނިކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މީގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން ބޭނުންވާ ސްޕީޑްގައި މަޝްރޫއުތައް ކުރިއަށް ގެންގޮސް ދިވެހި ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގެންދިޔައިރު، އެކުންފުނީގެ ހިއްސާދާރުންވެސް ތިބީ އުފަލުން ފޮޅިފަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
މިއަދު އާންމުކުރި އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ނަތީޖާއަށް ނަޒަރު ހިންގާލާއިރު، ހަތަރުވަނަ ކުއާޓާރުގައި ޖުމުލަ 625.70 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާ: 408.76 މިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 66.51 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާ: 98.77 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފަ އެވެ.
އަދި 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާއި ހަމައަށް ޖުމުލަ 1.96 ބިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 1.36 ބިލިއަން ރުފިޔާ) ވިޔަފާރިކޮށްގެން، ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 264.45 މިލިއަން ރުފިޔާ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 220.75 މިލިއަން ރުފިޔާ) ރިކޯޑްކުރެވިފަ އެވެ. މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ރިކޯޑް ކުރެވިފައިވާ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 52.27 މިލިއަން ރުފިޔާގެ ސާފު ފައިދާ، 2020 ވަނަ އަހަރުގެ މިމުއްދަތުގެ ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު 80.94 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއި އަޅާ ބަލާއިރު، ދައްކަމުގައި ވިޔަސް މުޅި 2021 ވަނަ އަހަރުގެ ޖުމުލަ ނަތީޖާ އަކީ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި މާލީ އަހަރެއްގެ ގޮތުގައި ރެކޯޑްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރެވުނު އަހަރު ކަމަށް އެމްޓީސީސީން ބުނެ އެވެ.
މިވޭތުވެދިޔަ އަހަރު އެމްޓީސީސީއަށް އެންމެ ގިނަ ކާމިޔާބީ ހާސިލް ކުރެވިފައިވާ އެއް ދާއިރާއަކީ އިމާރާތް ކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާ އެވެ. އެމްޓީސީސީ އަކީ އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏެވެ. އުމްރާނީ ތަރައްގީ އާއި އިމާރާތްކުރުމުގެ ސިނާއަތުގެ ތެރެއިން ބަނދަރު ހެދުން، ބިން ހިއްކުން، ގޮނޑުދޮށް ހިމާޔަތްކުރުން، ގޮނޑުދޮށް ހެދުން އަދި ޝީޓް ޕައިލްކުރުމުގެ މަސައްކަތުގައި ހުނަރުވެރި ގާބިލް ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ވަނީ އެންމެހާ ކަސްޓަމަރުންނާއި ރައްޔިތުންގެ މަގުބޫލުކަން ހޯދާފަ އެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އިތުރު ދާއިރާތަކުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހޯދާ، އެ ދާއިރަތަކުގައި އެމްޓީސީސީގެ ފަންވަރާއި، ފެންވަރު ވަނީ މަސައްކަތުން ދައްކާފަ އެވެ.
މީގެ ތެރޭގައި އެއާޕޯޓާއި، މަގު ހެދުމާއި، ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތަކާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ވެސް ހިމެނެ އެވެ. މިދިޔަ އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ދިގު ތާރީހުގައި ބައިނަލްއަގްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެ ގޮތުން އެންމެ ބޮޑު މަޝްރޫއު ފުރިހަމަ ކޮށްދިންވެސް އަހަރެވެ. "ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް: ރެކްލެމޭޝަން އޮފް ތަރި އައިލެންޑްސް" މަޝްރޫއުގެ މަސައްކަތް ނިންމާ ކްލައިންޓާއި ރަސްމީކޮށް ހަވާލުކުރެވުނު ތާރީހީ ރަސްމިއްޔާތު ބޭއްވުނީ ނޮވެމްބަރު 25، 2021 ގައެވެ. މި މަޝްރޫއުގެ އަގަކީ 26.29 މިލިއަން ޑޮލަރެވެ. އަދި މިއަދު އެމްޓީސީސީ އަކީ އެއްފަހަރާ 70 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏެކެވެ. ހަމަގައިމުވެސް އެމްޓީސީސީގެ މަޝްރޫއެއް ކުރިއަށް ނުދާ އެންމެ އަތޮޅެއްވެސް މިވަގުތު ރާއްޖޭގައި ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. އަދި މިވަގުތު އެކި މަރުހަލާތަކުގައި 103 މަޝްރޫއެއްގެ މަސައްކަތް އެކުންފުނިން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ޢާންމު ދަތުރުފަތުރުގެ ހިދުމަތަކީ ވެސް އެމްޓީސީސީގެ ކާމިޔާބީގެ ދުވެލީގެ އަވަސްމިން ވަޒަންކުރެވޭ އެއް ހިދުމަތެވެ. މިއަދު އެމްޓީސީސީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުންޏެވެ. މިހާރު ދުވާލަކު 15،000 މީހުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން ގެންދެ އެވެ. އަދި މުޅި ރާއްޖޭގައި ކުންފުނިން ގާއިމްކޮށްފައިވާ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ނިޒާމާއި ގްރޭޓާ މާލެ ސަރަހައްދުގައި ދެވޭ އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތުގައި އަހަރަކު ހަ މިލިއަން ފަސިންޖަރުން މިހާރު ދަތުރުކުރެ އެވެ.
އެމްޓީސީސީގެ ފެރީ ހިދުމަތަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައީ ރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މިދިޔަ އަހަރު ތެރޭ އެމްޓީސީސީ އާއި ހަވާލުކުރި ހިސާބުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން އެކެއްގެ (ހއ. ހދ. ށ.) އަތޮޅަށް ހިދުމަތް ދޭން ވާންޖެހޭ ތައްޔާރީތައް އެމްޓީސީސީން މިހާރު ދަނީ ވަމުންނެވެ. މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދު އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބޭނެ އެވެ. އަދި ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ އެވެ.
އެމްޓީސީސީގެ ދަށަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދެމުންގެންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތް ބަދަލުކުރެވުނީވެސް މިދިޔަ އަހަރު ތެރޭގަ އެވެ. އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލާމު އަތޮޅު (ގަމާއި ފޮނަދޫ) އަދި ލ. އިސްދޫ ކަލައިދޫގައި ދެމުންގެންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީގެ ދަށަށް ބަދަލުވެގެން ދިޔަ އެވެ. މި ބަދަލާއެކު މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް މިދިޔަ އަހަރު ތެރޭ އެމްޓީސީސީ ވެގެންދިޔަ އެވެ.
އެމްޓީސީސީގެ އިންޖިނިއަރިން އަދި ޑޮކިންގް ހިދުމަތް ފެށިފައިވަނީ ކުންފުނީގެ އުޅަނދުތަކާއި ވެހިކަލްތަކަށް ބޭނުންވާ މަރާމާތުތައް ކުރުމަށް ކަމުގައިވިޔަސް، މިހާރު މި ހިދުމަތަކީ އާންމު ފަރާތްތަކަށް ހުޅުވާލެވިފައިވާ ހިދުމަތެކެވެ. މާލެ އަތޮޅު ތިލަފުށީގައި ގާއިމްކޮށް ހިންގަމުންދާ އެމްޓީސީސީ ބޯޓްޔާޑަކީ އެއްފަހަރާ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮތް ބޯޓްޔާޑެކެވެ. 2017 ވަނަ އަހަރު ހިދުމަތަށް ނެރެވުނު 200 ޓަނުގެ ބޯޓް ހޮއިސްޓާ އެކު އެމްޓިސީސީ ބޯޓްޔާޑް ވެފައިވަނީ ޑޮކްކުރުމަށް ޖާގައިގެ ގޮތުން ރާއްޖޭގެ އެންމެ ތަނަވަސް އެއް ބޯޓްޔާޑަށެވެ. އެމްޓީސީސީން ވަނީ މިދާއިރާ އިން އައު އުސްމިންތަކަކަށް ދަތުރުކޮށްފަ އެވެ. މިގޮތުން، އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީޒް (އައިއޭސީއެސް) ސަޓިފައިޑް ވެލްޑާސް މިހާރު އެމްޓީސީސީ ބޯޓުޔާޑްގައި މަސައްކަތްކުރެ އެވެ. ބޭރު ގައުމުތަކުގެ އުޅަނދުފަހަރުތަކަށް އެމްޓީސީސީ ބޯޓްޔާޑުން މިހާރު ދަނީ ހިދުމަތް ދެމުންނެވެ. އަދި އޮޑިދޯނިފަހަރު ބަނުމުގެ ވިޔަފާރިއަށް ވަނުމުގެ ގޮތުން 75 ފޫޓުގެ ފައިބަރު ފެރީއެއް ޑިޒައިންކޮށް އޮޑި ބަނުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށައިފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވާ ފަދައިން، 1980 ގައި އެމްޓީސީސީ އުފެދުނީއްސުރެ ކުންފުނީގެ ކުރިއެރުމުގެ ފަހަތުގައި ވަނީ އެމްޓީސިސީގެ ޓީމެވެ. އެމްޓީސީސީގެ ކާމިޔާބީގެ ސިއްރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުންފުނީގެ ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމުގައި ރެޔާއި ދުވާލު މަސައްކަތްކުރާ އެމްޓީސީސީގެ ހީވާގި މުވައްޒަފުންނެވެ. މިހެންކަމުން މުވައްޒަފުން ތަމްރީން ކުރުމަށާއި ގާބިލު މުވައްޒަފުން ވަޒީފާތަކަށް ނެރުމަށް ވެސް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށް ދިޔަ "ހުނަވަރު ލައިސެންސިންގް ޕްރޮގްރާމް" ގެ ދަށުން 23 މީހުން ޝޯޓްލިސްޓް ކުރެވި 15 މީހުން ވަނީ ޕްރޮގްރާމް ފަށާފަ އެވެ. މި މީހުން މަސައްކަތް ކުރަމުންދަނީ ޏ. ފުވައްމުލަށް، ގދ. ތިނަދޫ އަދި ލ. ފޮނަދޫގަ އެވެ. މީގެތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީ އެކްސްކަވޭޓަރު އޮޕަރޭޓަރުންގެ ގޮތުގައި ދަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި ހަމަ އެ އަހަރު ފެށުނު "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް" ގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ތެރޭ 100 މީހުން ތަމްރީން ކުރެވިގެންދާނެ އެވެ.
މުޖުތަމައުގެ ކަންކަމުގައި ބައިވެރިވުމުގެ ރޫހަކީ ވެސް ކުންފުނި އުފެދުނީއްސުރެ އެމްޓީސީސީގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. ކުންފުނީގެ ތަސައްވުރާއި ކުންފުނިން އަގުވަޒަންކުރާ ކަންކަމުގައި، ކުންފުނިން ހިންގާ ވިޔަފާރީގެ ހަރަކާތްތައް މެދުވެރިކޮށް ކުންފުނީގެ އިޖުތިމާއީ ޒިންމާ ތަންފީޒުކުރަމުން ގެންދެވެ އެވެ. މީގެ މަގްސަދަކީ އިގްތިސާދީ ނަފާ ފޯރުކޮށްދީ، ހަމަޖެހުން ބޮޑު ދެމެހެއްޓެނިވި މުޖުތަމައުއެއް ބިނާކުރުމަށް ހިއްސާވުމެވެ. އެމްޓީސީސީން އިޖްތިމާއީ ޒިންމާއަށް ދީފައިވާ ސަމާލުކަމުގެ ހަގީގީ އަސްލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ހެޔޮކޮށް ހިތައި، ރައްޔިތުންނަށް ކޮށްދެވެން ހުރި އެއްވެސް ކަމެއް ދޫނުކޮށްލުމަށް ދެއްވާފައިވާ ނަސޭހަތެވެ. އެމަނިކުފާނުގެ އިރުޝާދާއެކު އެމްޓީސީސީން ވޭތުވެ ދިޔަ ދެ އަހަރު ތެރޭ ވަނީ ޖުމްލަ 365 އިޖްތިމާއީ ޒިންމާއާއި ގުޅުންހުރި މަސައްކަތެއް، 93 ރަށެއްގައި ކުރިއަށް ގެންގޮސްފަ އެވެ. މިދިޔަ އަހަރު އިޖުތިމާއީ ޒިންމާއަށް ހިންގާފައިވާ ހަރަދުގެ ތެރޭގައި، އަތޮޅު ތެރޭގައި ހިންގިފައިވާ މަސައްކަތްތަކުގެ އިތުރުން، ހުޅުމާލޭ ހާފުވޭ ހައުސްގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ހަރަދާއި، އާޓިފިޝަލް ބީޗުގައި ހާއްސަ އެހީއާއް ބޭނުންވާ މީހުންނަށް ބޭނުންކުރުމަށް އެޅުނު ރޭމްޕަށް ހިނގި ހަރަދު ހިމެނެ އެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިޔުމެވެ. ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާންމު ރައްޔިތުން، ވޭތުވެދިޔަ 41 އަހަރު ދެގޮތެއް ނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. ކުންފުނީގެ ހީވާގި އިހްލާސްތެރި ވެރީންނާއި މުވައްޒަފުން މި އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރަމުންދާނެ ކަމާމެދަކު ޝައްކެތް ނެތެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރާއި އަދި ކުރިއަށް އޮތް އަހަރުތަކަކީވެސް ކުންފުނީގެ ތާރީޚުގައި ރަންއަކުރުން ލިޔެލެވޭ އަހަރުތަކެއް ކަމުގައި ހެދުމުގެ ތަޅުދަނޑި އޮތީ ހަމަ ޓީމް އެމްޓީސީސީގެ އަތްމަތީގަ އެވެ.