އެމްޓީސީސީ

އާންމު ދަތުރުފަތުރުކުރުމުގައިވެސް ހިތްހެޔޮކަމަކީ ސަޅި ކަމަކަށް ހަދަމާ

Dec 7, 2022

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާއި 2500 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން މަޝްހޫރުވެފައިވަނީ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމަށް ނަމޫނާ ސިފަތަކެއް ލިބިގެންވާ ބައެއްގެ ގޮތުގަ އެވެ.

އިހުގެ ވާހަކަތަކުގައި ބުނާފަދައިން މިއީ މަޣްރިބްކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ ކިޔާ ދަންނަކަލޭގެފާނު ރާއްޖެއަށް ވަޑައިގެން ރާއްޖެ އިސްލާމް ކުރައްވައި ދިރުވި އިސްލާމްދީންގެ މަތިވެރި ނޫރުގެ ހުޅުކޮޅުން ދިވެހިން ދަސްކުރި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި ދުރޫސުލް އަޚްލާގުގެ ސިފަތަކެވެ. 21 ވަނަ ގަރުނުގެ ދުވަސްތައް ގުނަމުން ގެންދާއިރު، މިދެންނެވި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި، ދުރޫސުލް އަޚްލާގުގެ ސިފަތައްވަނީ އަދިވެސް ދިވެހި ސަގާފަތުގެ ތެރޭގައި ލާމެހިފަ އެވެ. މިއަދު ދިރިއުޅުމުގެ ރިވެތި އާދަތައް ކޮންމެވެސް މިންވަރަކަށް ފަނޑުވަމުން އައިނަމަވެސް، އަދިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި ހަމައަށްވެސް، ދަތުރުކުރާ ކޮންމެ ދޭސީއެއްވެސް އަދި ބިދޭސިއެއްވެސް ޤަބޫލުކުރާ ހަގީގަތަކީ ދިވެހިންނަކީ ހިތްހެޔޮ ބަޔެއްކަމެވެ.

މިސާލަކަށް އާންމު ދަތުރުފަތުރަށް ބަލައިލަމާ ހިންގަވާށެވެ. މިއީ ދުވާލަކު އެތައް ބަޔަކު ބޭނުންކުރާ މުހިންމު ޚިދުމަތެކެވެ. ކުދިބޮޑު އެންމެނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކު ބޭނުންކުރާ މި ޚިދުމަތް އަޅުގަނޑުމެން އެކަކު އަނެކަކުގެ ޙައްޤުތަކަށް ވިސްނައި އިޙްތިރާމްކޮށްގެން ނޫނީ، ރަނގަޅު ފެންވަރަކަށް ލިބިދެވޭނީ ކިހިނަކުން ބާވައޭ؟ ހިތަށް ގެންނަވާށެވެ.

މަތީގައިވާ ދެ މަންޒަރަށް ބަލައިލަމާހެވެ. ކަނާތްފަރާތުގައި އެވާ މަންޒަރުން އެ ފެންނަނީ ބަހުގެ ގޮނޑީގައި ކުރަހާ މަންޒަރެވެ. މިއީ މިހާރު ވަރަށް އާންމު ކަމަކަށްވަނީވެފައެވެ. ބަހުގައި ބައެއްފަހަރު ލިޔެފައި އަދި ކުރަހާފައި ހުންނަ ނޭދެވޭ އެއްޗެހީގެ ސަބަބުން ބަސް ޝެޑިއުލުން ނަގައި އެ ކުރެހުންތައް ފިލުވަންޖެހިފައިވެސް އެބަހުރި ކަމަށް އެމްޓީސީސީ އޮފިޝަލުން މަޢުލޫމާތު ދެއެވެ. މިފަދަ ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ބަހުގައި ދަތުރުކުރާ ކުދިބޮޑު އެންމެންނަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ.

ވީމާ، މިފަދަ ނާތަހުޒީމު ޢަމަލުތަކުން މި ޚިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުންވެސް އެކަހެރިވުމަކީ ބަސް ރީތިކޮށް ބޭއްވުމަށާއި ބަހުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކެއްގެ ކަރާމަތައްޓަކައި ވަރަށް މުޙިންމު ކަމެކެވެ. ވާތްފަރާތުގައި އެވާ ދެވަނަ މަންޒަރުގައި އެ ފެންނަނީ ވަކި ފަރާތްތަކަކަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެކެވެ. އެގޮތުން މި ގޮނޑިތައް ހާއްސަކުރެވިފައިވަނީ މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ބަލި މީހުންނަށާއި، ހާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނަށެވެ. އެހެންކަމުން މި ބަޔާންކުރެވުނު ގިންތީގެ ފަރާތެއް ބަހަށް އަރައިފިނަމަ އެ ފަރާތަކަށް މި ގޮނޑި ދޫކޮށްލުމަކީ ރީތި އަދި ސަޅިކަމެކެވެ. ނަމަވެސް ހިތާމައަކީ މިހެން ކަންތައް ނުވާކަމެވެ.

އެމްޓީސީސީ ބަސް އޮޕަރޭޝަންސްގައި އުޅުއްވާ މުވައްޒަފުން ހާމަކުރިގޮތުގައި ބަޔެއް ކަސްޓަމަރުން މި ގޮނޑިތަކަށް ހާއްސަކުރެވިފައިވާ ފަރާތެއް ބަހަށް އެރުމުންވެސް ގޮނޑިން ތެދުވުމުގެ ވިސްނުމެއް ނުހުރެއެވެ. އަދި ބަސް އެޓެންޑަންޓު ސީޓު ދިނުމަށް ބުނުމުންވެސް އެކަމާ އިންކާރުކުރާ ފަހަރުވެސް މަދެއްނޫނެވެ.

އެހެންކަމުން ޤަބޫލްކުރަންޖެހޭ ހަޤީޤަތަކީ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކުރިން އޮތް ރިވެތި އާދަތައް ފަނޑުވަމުންދާކަމެވެ. އަދި މި އާދަކާދަތައް އަޅުގަނޑުމެން ދިރުވައި އާލާކުރަން އެބަޖެހޭކަމެވެ. ބަހަށް އަރައިފިނަމަ ބަހުގެ ކުރިމަތީ ސީޓައް ފައި ނަގައިގެން ތިބޭ އެތައް ޒުވާނުންނެއް ފެނުމަކީ މިއަދު އާންމު ކަމެކެވެ. މިއީ އިހުގައި ކާބަފައިން އަދަބުކުޑަ ހަޑި ކަމެއް ކަމަށް ބުނެދީ އުޅޭ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިން ފޯރުކޮށް ދީފައިވާ އެންމެ އަގުބޮޑު އެއް ތަރިކައަކީ، ރިވެތި އަޚްލާގާއި އާދަކާދަތަކެވެ.

މި ކަންކަން ދަރިންނަށް ދަސްކޮށްދީ، އެކަކު އަނެކަކަށް ހަނދާންކޮށްދޭން އެބަޖެހެއެވެ. މިކަން މި މަގުން ކުރެވިއްޖެނަމަ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް މި ރިވެތި އަޚްލާގައި އަދަބުތައް އިސްކުރެވެން ފެށޭނެއެވެ. އެއްބައިވަންތަ އަދި އެކުވެރި މުޖުތަމައަކުން ފެންނާނީ އަބަދުވެސް ހިތްހެޔޮކަމާއި، އެކުވެރިކަމެވެ. ހަމަ އެހެންމެ ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ، އަޅުގަނޑުމެން ދިވެހިންނަކީ ސާފުތާހިރު ކަމަށްވެސް އެހާމެ ލޯބިކުރާ ބައެއްކަމެވެ. ގޭތެރޭގެ ސާފުކަމާއި ރީތިކަމަށްވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސަމާލުކަން ދެވެއެވެ. އަދި މީރުވަސް ދުވާ ސެންޓު ޖަހައިގެން ބޭރަށް ނިކުތުމަކީ އަޅުގަނޑުމެންގެ ހަށީގައި ހަރުލާފައި ހުންނަ ރިވެތި އާދައެކެވެ.

މިފަދަ ރީތި އާދަ ތަކެއްގެ ވެރިބަޔަކު، އާއްމު ދަތުރުފަތުރުގެ ޚިދުމަތް ބޭނުންކުރާއިރު، ޚިދުމަތް ހޯދަން އަރާ ބަހުގެ އެކި ދިމަދިމާގައި ކުނި ހުރެއްޖެނަމަ، އަޅުގަނޑުމެން ދިވެހިންނަށް، އެފަދަ ކަންކަމެއް ކަމަކު ނުދާނެކަން ޔަޤީންނެވެ. މިސާލަކަށް ނުބައި ވަހެއް ދުވިޔަސް ހިތްހަމައެއް ނުޖެހެވޭނެއެވެ. ހިތްހަމަނުޖެހޭ ކަމުނުދާ ކަންކަން ބަދަލުކޮށްލެވޭނީވެސް ހަމަ އަޅުގަނޑުމެންނަށެވެ.

އަމިއްލަ މީހާގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަހުގައި ކައިބޮއި ނުހެދުމާއި، ބަހަށް ކުނި ނޭޅުމާއި، ބަހުގައި އަޑުގަދަ ނުކުރުމާއި ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކުމާއި، ބަހުގައި ގްރެފިޓީ ކުރެހުމަށް ނޫނެކޭ ބުނެ، ބަހުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަކީ، ސަޅިކަމަކަށް އެބަ ވާންޖެހެއެވެ. މިއީ ރައްޔިތުންގެ ތަކެއްޗެވެ، އެންމެން ބޭނުންކުރާ އެއްޗިއްސެވެ. މިތަކެއްޗަށް އެކެއްގެ ފުށުން ގެއްލުމެއް ލިބުނަސް ޚިދުމަތް ހޯއްދަވާ އެންމެންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަން ދަންނަން ޖެހެ އެވެ.

މިއަދު ގްރޭޓަރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްފަސޭހަ ކަމާއެކު ދަތުރު ކުރެވޭނީ ހިތްހެޔޮކަމަކީ ސަޅި ނުވަތަ "ކޫލް" ކަމަކަށް ހަދައިގެންނެވެ. ދިވެހިންގެ ކިބައިގައި އެންމެ އިހުއްސުރެން ހަރުލާފައި ހުރި ރިވެތި އަޚްލާގީ ސިފަތައް ދަމަހައްޓައިގެންނެވެ. ބަހަށް އަރާ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނަށް އިސްކަންދީ، އިސްރައްވެހިންނަށް އެހީތެރިވެދީ، އެބޭފުޅުންނަށް އިޚްތިރާމްއަދާކުރުން އެއީ ސަޅި ކަމެއްކަމުގައި ދެކިގެންނެވެ. ހަމައެގޮތަށް އަނެކާ އާއި މެދު ވިސްނުމުގެ ފިކުރު އިސްކޮށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސަރަހައްދުން، އެފަރާތްތަކަށް ޖާގަ ދިނުންވެސް އެއީ "ކޫލް" ކަމެއް ގޮތުގައި ދެކިގެންނެވެ. މިއީ މިހާރުވެސް ފެންނަ ރީތީ އާދަތަކެއް ނަމަވެސް، މަދުން ނަމަވެސް އަޅުގަނޑުމެންނަށް މިފަދަ އާދަތަކާއި ބީރަށްޓެހި ވެވޭ މަންޒަރު އެބަފެނަ އެވެ.

ބައެއް ފަރާތްތަކުން ބަހުގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާކަން އެއީ ހިތާމަޔާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަދި ފޯނުން އަޑުބާރުކޮށް ލަވަޖާހާ ކައިރީގައި ތިބި އެންމެންނަށް އުނދަގޫވާނެހެން ޢަމަލުތައް ބެހެއްޓޭކަންވެސް ފާހަގަކުރެވެ އެވެ. އެކަކު އަނެކާއަށް އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާ ކުރެވޭނީ މިފަދަ ނޭދެވޭ ޢަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުވެގެންނެވެ. މުޖުތަމައެއްގެ އެންމެންގެ އުފާވެރިކަން ބިނާވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، ހިތްހެޔޮކަމާއެކު މުއާމަލާތުކުރާ މިންވަރުގެ މައްޗަށެވެ. އެންމެންގެ ބަދަހިކަމަށް އަބަދުވެސް ހިތްހެޔޮކަން އިސްކުރުމަކީ ވަރަށްވެސް ސަޅިކަމަކަށް އެބަ ހަދަންޖެހެއެވެ.'

މަގުމަތީގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުންވެސް އާންމު ދަތުރުފަތުރު ކުރުމަށް ކަނޑައަޅައިފައިވާ ބަސްތަކަށް ބަލައިގެން ދުއްވުން މުހިންމެވެ. އެގޮތުން ބަހުގައި ބްލައިންޑް ސްޕޮޓްތަކެއް ހުރިކަން ދަނެ، ބަހާއި ދުއްވާ އެހެނިހެން އުޅަނދުތަކާއި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުން މުހިންމެވެ. ބަހުގެ ކުރިމަތިން ނުގަވާއިދުން ކުއްލިއަކަށް ޓޭކްއޯވަރ ކުރުމާއި ބަހުގެ ކުރިމައްޗައް ކުއްލިއަކަށް ނުކުތުމަކީ، ވަރަށް ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަމެއްކަން ދަނެ، މިކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެއެވެ.

ޖާގަ އޮއްވާ ބަހަށް ކުރިޔަށް ދިޔުމަށް ޖާގަ ނުދިނުމާއި ބަސް ސްޓޮޕްތަކުގައި އެހެން އުޅަނދުތައް ޕާކްކޮށްފައި ނުވަތަ ހުއްޓައިގެން އޮތުމަކީ ބަހުގައި ތިބޭ ހުރިހާ އެންމެންނަށް ދަތިވާނެ ކަމެއްކަން، އެބަ ހަނދާންކުރަން ޖެހެއެވެ. ޝެޑިއުލްއަކާއި އެއްގޮތަށް ބަހުގެ ޚިދުމަތް ދިނުމަށް މާލޭގެ މަގުތަކުގައި ދަތިތަކެއް ހުރިކަން ހުރިހާ ބޭފުޅުން ޤަބޫލު ކުރައްވާނެއެވެ. ވީމާ، ހުރިހާ ބޭފުޅުންވެސް މަގުމަތީގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކަކު އަނެކަކުގެ ހައްޤަށް އިޙްތިރާމްކޮށް އެއްބާރުލުން ދީގެން މެނުވީ، ރަނގަޅު ފެންވަރަކަށް ބަހުގެ ޚިދުމަތް ދިނުމަކީ އެ ޚިދުމަތްދޭ ފަރާތައް އުނދަގޫ ކަމަކަށް ވާނެކަން އެބަ ޤަބޫލުކުރަން ޖެހެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވަގުތުކުޑަތަންވުމުން އެދާންޖެހޭ ތަނަކަށް ދިޔުމުގެ ސަގާފަތަކީ މިހާރު ބަދަލުކުރަންޖެހިފައި އޮތް މުހިންމު އާދަކާދައެކެވެ. އޮފީހަށް ވިޔަސް އަދި ސްކޫލަށްދާން ކަމުގައިވިޔަސް، އެންމެން އެއް ގަޑިއަކަށް ނިކުތުމަކީ ތޮއް ޖެހުން އިތުރުވާނެ ކަމެކެވެ. އަދި ކޮންމެ ދިވެއްސަކު މަގުމަތީގައި ސައިކަލެއް ނުވަތަ ކާރެއް ގެންގުޅުމަކީވެސް މާލޭގެ މަގުތަކަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެން އަންނާނޭ ކަމެކެވެ. އޭގެ ބަދަލުގައި ބަހުގެ ޚިދުމަތް ގިނަ ބަޔަކު ބޭނުންކޮށްފިނަމަ މި ސައިކަލުތަކާއި ކާރުތައް މަގުމަތީގައި މަދުވެ ތޮއްޖެހުމަށް ހައްލެއް ލިބިދާނެއެވެ. އަދި އެންމެންވެސް ދުރާލާ ތައްޔާރުވެ ނިކުތުމަކީ ސަޅިކަމަކަށް ހަދަންވީއެވެ. ބޭރުގެ ތަހުޒީބު މުޖްތަމަޢުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ އޮފީހަށް ސްކޫލަށްދާން އެ ކުރާދަތުރު، އެންމެ ފަހު 15 މިނެޓުގެ ބަހަށް މަޑުކުރުމުގެ ބަދަލުގައި 35 މިނެޓު ކުރިޔަށް އޮތް ބަހަށް ރާވައިގެން ދަތުރު ރާވާ މަންޒަރެވެ. އޭރުން ގަޑިއަށް ދެވުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. އަދި އެއްކަލަ ކިޔުވެސް އިސާހިތަކު ފިލައިގެން ހިނގާދާނެއެވެ. "ރައްކާވެތިބިއްޔާ ދަތުރޭ"، މިހެން ބުނެވެނީ ކަމެއް ވެގެންނެވެ. އެކަމުން ލިބޭ ފައިދާއާއި މަންފާ އިތުރުވާތީއެވެ.

މުޖުތަމައުގެ ހުރިހާ ފަރުދުންނަށް މި ހިއްސާކޮއްލި ކަންކަން ސަޅިވެއްޖެނަމަ، އެންމެންގެ މޫނުމަތިންވެސް ފެންނާނީ ހިނުތުންވުމެވެ. އުޖާލާކަމެވެ. ހިތްފަސޭހަ ކަމާއެކު ދަތުރުކޮށްލެވޭ ގޮތްވުމަކީ ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ކުރުކޮށް ދަންނަވާނަމަ، އެންމެން އެއްވާނެއްގައި އަތުގުޅާލައިގެން އެއް އަޒުމެއްގައި ނިކުމެ "ހިތްހެޔޮކަމަކީ ސަޅިކަމަކަށް ހަދަމާ" ހިނގާށެވެ.