ބޮލީވުޑް

ކެޓުރީނާގެ އިޝްތިހާރު: ފޭނުންގެ ސުވާލުތައް ވިކީއަށް!

ކެޓުރީނާ ކައިފް ވަރަށް ފަހުން ރާއްޖެ އައިސް އިޝްތިހާރެއް ޝޫޓް ކޮށްފައި ވެއެވެ. މިއީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޭނާ އެ ބްރޭންޑެއް އިޝްތިހާރު ކުރަމުން އަންނަ މެންގޯ ބުއިމެއްގެ އިޝްތިހާރެކެވެ. އިޝްތިހާރުގައި ކެޓުރީނާ އާއެކު ބައިވެރިވެފައި ވަނީ ދާދިފަހުން ރިލީޒްކުރި "ގެހެރާއިޔާން" ގެ އެކްޓަރު ދޭރިޔާ ކަރްވާ އެވެ.

މި އިޝްތިހާރުގެ ވީޑިއޯ މިހާރު އިންޓަނެޓުގައި ވައިރަލްވެފައިވާއިރު އިޝްތިހާރުގައި ފެންނަނީ ދޭރިޔާ އާއި ކެޓުރީނާ ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގައި ތިއްބަ އެވެ. ދެ މީހުންގެ އަތުގައި ދެ ބްރޭންޑެއްގެ އަނބު ޖޫސް ދެ ފުޅި އޮތެވެ. ދޭރިޔާ ބުނަނީ އޭނާއަށް އެންމެ މީރީ އޭނާ އަތުގައިވާ ބްރޭންޑްގެ ޖޫސް ކަމަށެވެ.

އެހެންވެ ކެޓުރީނާ، ދޭރިޔާގެ ލޯ މަތީގައި ފޮތިގަނޑެއް ބަނދެފައި ދެން ވަސް ބަލައިގެން ކޮން ބްރޭންޑެއްގެ ޖޫހެއްތޯ މީރީ ބުނަން އެދެ އެވެ. އަދި ހުރިހާ އެންމެން ވެސް މި ޗެލެންޖް ގަބޫލު ކުރަން ތައްޔާރުތޯ ކެޓުރީނާ ސުވާލު ކުރެ އެވެ.

މި އިޝްތިހާރު ބަލާފައި ފޭނުން ކެޓުރީނާގެ ފިރިމީހާ ވިކީ ކޯޝަލް އަށް ސުވާލުތައް ކުރަން ފެށީ ދޭރިޔާ އާއި ކެޓުރީނާގެ ކެމިސްޓްރީ އާދަޔާޚިލާފަށް ރަނގަޅުވީމަ އެވެ. އަދި މި އިޝްތިހާރުގައި ދޭރިޔާ އަށް "ބޭބީ" އޭ ކިޔާފައި ކެޓުރީނާ ގޮވީމަ އެވެ.

ވިކީ ޓެގްކޮށް ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތަކުގައި "ބާއީ ނިކަން ބަލާބަލަ މިއޮއް ކަމެއް. ކިހިނެތަ މިވަނީ؟" ފަދަ ސުވާލުތައް ކޮށްފައިވެއެވެ.

އަދި ދޭރިޔާ އާއި ކެޓުރީނާގެ ޖޯޑު ވަރަށް ގުޅޭކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ. އަދި ކެޓުރީނާ އުޅޭ ތަނެއް ވިކީ އަށް އެނގޭތޯ ވެސް ބައެއް މީހުން އޭނާ އާ ސުވާލުކޮށްފައި ވެއެވެ.

އަންހެނުންގެ ދުވަހަށް ޚާއްސަކޮށް ވިކީ ޝެއާ ކުރި ފޮޓޮއަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. މި ފޮޓޯގައި ފެންނަނީ އޭނާގެ މަންމަގެ އުނގުގައި އަންހެނުން ކެޓުރީނާ އިން ތަނެވެ. އަދި މިއީ އޭނާގެ "މުޅި ދުނިޔޭ" ކަމަށް ފޮޓޯގެ ކެޕްޝަންގައި ވިކީ ލިޔެފައި ވެއެވެ.