ވިކީ ކޯޝަލް އަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ވެދާނެ ކަމަކަށް މީގެ ތިން ހަތަރު އަހަރެއް ކުރިން ކެޓުރީނާ ކައިފްގެ ޚިޔާލަށް ވެސް ނާދެ އެވެ. އޭގެ ފަހުން ބައްދަލުވެ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެގެން ކައިވެނިކުރީ އެވެ.
ކެޓުރީނާ ދާދިފަހުން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ވިކީގެ "މަންމަރުޒިޔާން"ގެ ޕްރޮމޯއެއް އޭނާއަށް ދެއްކީ "ޒީރޯ"ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ އެވެ. އެ ޕްރޮމޯ ބަލާފައި އޭނާއަށް ވިކީ އަކީ ކާކުކަން ނޭނގި އާނަންދް ކައިރީގައި އެއީ ކާކުތޯ ސުވާލު ކުރި އެވެ.
"މަންމަރްޒިޔާން" އަކީ 2018ގައި ރިލީޒްކުރި ވިކީ އާއި ތާޕްސީ ޕަންނޫ އަދި އަބީޝެކް ބައްޗަން ކުޅެފައިވާ ފިލްމެކެވެ.
އަނުރާގް ކަޝޭޕް ޑައިރެކްޓްކުރި މި ފިލްމު ޕްރޮޑިއުސްކުރީ އާނަންދް އެލް ރާއީގެ އަމިއްލަ ފިލްމު ކުންފުންޏަކުންނެވެ.
ކެޓުރީނާ ބުނި ގޮތުގައި އެ ޕްރޮމޯ ބަލާފައި ފުރަތަމަ ފަހަރަށް އޭނާއަށް ވިކީ ފާހަގަ ކުރެވުނެވެ. އަދި އޭނާގެ ޕާފޯމަންސް ހާދަ މޮޅޭ ހިތަށް އެރި އެވެ.
"އާނަންދު އަހަންނަށް ޕްރޮމޯ ދެއްކުމުން ވިކީއަށް އިޝާރާތްކޮށް އަހަރެން އެހިން އެއީ ކާކުހޭ؟ އެ ދުވަހު އަހަންނަށް އެނގުނީ ވިކީ އަކީ ކާކުކަމާއި އޭނާއަކީ ކިހާ މޮޅު އެކްޓަރެއްކަން. އޭގެ ތިން އަހަރު ފާއިތުވީއިރު ވިކީ ރަނގަޅަށް ދަސްވެ އޭނާ ދެކެ ލޯބިވެ ކެޓުރީނާ ވަނީ އޭނާއާ ކައިވެނިވެސް ކޮށްފަ އެވެ.
ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހުން ނިމުނު ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވި ކަރަން ކައިރީ ކެޓުރީނާ ބުނި ގޮތުގައި ވިކީއާ ރައްޓެހިވުމުގެ ކުރިން އެއީ ކާކުކަން މާބޮޑަކަށް ނޭނގެ އެވެ.
"ވިކީގެ ނަމަކީ ހަމައެކަނި އަހަރެން އަޑުއަހާ ނަމަކަށް ވެފައި އޭރު އޮތީ. ނަމަވެސް އޭނާއާ ގުޅިގެން އެއްވެސް މަސައްކަތެއް ކުރާނެ ފުރުސަތެއް ނުލިބޭ. އެކަމަކު ފުރަތަމަ ބައްދަލުވުމާއެކު ވެސް އަހަރެންގެ ހިތް އޭނާއަށް ދެވިއްޖެ. އެއީ އަހަރެން އެއްގޮތަކަށް ވެސް އުންމީދުކުރި ކަމެއް ނޫން. ތަގްދީރުގައި އެކަން ވާން އޮތީމަ ވީ ކަމެއް. އަހަރެން ބުނާނީ އަހަންނާއި ވިކީގެ ގުޅުމުގައި އަޖައިބު ގިނަ ގުނަ އިއްތިފާގުތަކެއް ދިމާވިޔޭ. މިހާރު އެ ކަންކަމަށް ވިސްނާލުމުން ހަގީގަތެއް ކަމަށް ގަބޫލުކުރަން ވެސް ދަތި،" ކެޓުރީނާ ބުންޏެވެ
ކެޓުރީނާ އާއި ވިކީ ކައިވެނިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު އެމީހުން ލޯބީގެ ގޮތުން ގުޅިގެން އެކަން ސިއްރުކޮށްގެން އުޅޭތާ ތިން އަހަރު ވެއްޖެ އެވެ.