ބޮލީވުޑް

ވިކީ ދުވަހަކުވެސް އަހަރެންގެ ރާޑަރަކަށް ނާރާ: ކެޓްރީނާ

ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ އެންމެ ފަހު އެޕިސޯޑުގައި ސިދާންތު ޗަތުރަވޭދީ އާއި އިޝާން ޚައްތަރު އަދި ކެޓުރީނާ ކައިފް އެކުގައި ބައިވެރި ވެފައި ވެއެވެ.

މި ޝޯގައި ވާހަކަދައްކަމުން ކެޓުރީނާ ވަނީ އޭނާގެ ފިރިމީހާ ވިކީ ކޯޝަލްއާ ބައްދަލުވީ ގޮތާއި އެމީހުންގެ ލޯބި ފައްކާވީ ގޮތް ވެސް ކިޔައިދީފަ އެވެ.

ކެޓުރީނާ އާއި ވިކީ ކައިވެނި ކުރިއިރު އެ ދެ މީހުން އެކުގައި އެންމެ ފިލްމެއް ވެސް ކުޅެފައެއް ނުވެ އެވެ. އެހެންވެ އޭނާގެ ރާޑަރަށް ވިކީ ނާރާ ކަމަށް ކެޓުރީނާ ބުންޏެވެ.

"އަހަންނަކަށް އޭނަޔާ ގުޅޭ މާގިނަ މައުލޫމާތެއް އޭރަކު ނޭނގޭ. ދޭތެރެއަކުން އޭނާގެ ނަން އަޑުއިވޭ ނަމަވެސް އެއްވެސް ކަހަލަ ގުޅުމެއް ނެތް،" ކެޓުރީނާ ބުންޏެވެ.

ނަމަވެސް ވިކީ އާއި ފުރަތަމަ ބައްދަލުވީ ފަހަރު ވެސް ކެޓުރީނާއަށް ވިކީ ވަރަށް ކަމުދިޔަ އެވެ.

"ފުރަތަމަ ބައްދަލުވުމުން ވެސް އަހަރެންގެ ހިތް އޭނާއަށް ހަދިޔާ ކުރެވުނު،" ކެޓުރީނާ ބުންޏެވެ.

ވިކީ މާކަމުދާ މީހަކަށް ވެގެން އެ ވާހަކަ ކެޓުރީނާ ކިޔައިދިނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޑައިރެކްޓަރު ޒޯޔާ އަޚްތަރަށެވެ.

ކެޓުރީނާ އާއި ވިކީގެ ލޯބީގެ ހުޅުކޮޅު ދިއްލުނީ އޭގެ ފަހުން ޒޯޔާ ބޭއްވި އޭނާގެ އުފަން ދުވަހުގެ ޕާޓީއެއްގެ ތެރެއިން ދެ މީހުން ބައްދަލުވެގެންނެވެ.

އެމީހުންގެ ލޯތްބަކީ އޭނާ އުންމީދުކޮށްގެން ހުރި ކަމެއް ނޫން ކަމަށާއި ތަގްދީރުގެ ނިޔާ ކަމަށް ކެޓުރީނާ ގަބޫލު ކުރެ އެވެ. ސަބަބަކީ ވިކީއާ ފުރަތަމަ ބައްދަލުވީ ދުވަހުން ފެށިގެން ހުރިހާ ކަމެއްވެސް ވަމުން ދިޔައީ އެ ދެ މީހުން ގުޅުމަށް މަގުފަހިވާ ގޮތަށް ކަމަށް ވީތީ އެވެ.

"މިއީ ތަގްދީރުގައިވާ ގޮތޭ އަހަރެން މި ބުނަނީ ހަމަ ހަގީގަތުގައި ވެސް އެކަންވީ އެގޮތަށް ކަމަށް ވާތީ. ވަރަށް އުންމީދު ނުކުރާ ކަހަލަ ގިނަ ކަންތައްތަކެއް އަދި ގަބޫލުކުރަން ދަތި ގިނަ ކަންތައްތައް އެ ދުވަސްވަރު ހިނގައިދިޔަ. އެ ކަންތައްތައް ވަމުން ދިޔަ ގޮތުން މިއީ ހަމަ ހަގީގަތެއް ބާއޭ އަހަރެންގެ ހިތަށް އެރި،" ކެޓުރީނާ ބުންޏެވެ.

ފުރަތަމަ ބައްދަލުވުމަށްފަހު ވިކީ އާއި ކެޓުރީނާގެ ލޯބީގެ ގުޅުން ވަރުގަދަވަމުން އައީ ބާރު ސްޕީޑުގަ އެވެ. ނަމަވެސް އެމީހުންގެ ގާތް އެކުވެރިންނަށް ނޫނީ އެމީހުން މިކަމެއް ނާންގަ އެވެ.

އިންޑިއާގެ ނޫސްތަކުން މި ދެ ތަރިންގެ ލޯބީގެ ވާހަކަތައް ގެނެސްދެމުން ދިޔައިރު ވިކީ އާއި ކެޓުރީނާ އަދި އެމީހުންގެ އެކުވެރިން ތިބީ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އެންމެ ފަހުން މިއީ ތެދު ވާހަކައެއްކަން ޔަގީންކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދެ މީހުން ކައިވެނި ކުރުމުންނެވެ.