އަންހެނުން ކެޓުރީނާ ކައިފްއާ ގުޅޭ ގޮތުން ކޮމެންޓެއް ކުރުމަށްފަހު ވިކީ ކޯޝަލް ބިރުގަނެފި އެވެ.
ވިކީ ބުނި ގޮތުގައި އޭނާގެ މި އިންޓަވިއު ކެޓުރީނާއަށް ފެނިއްޖެނަމަ މިއަދު ގެއިން ކާކަށް ނުލިބޭނެ އެވެ. އޭނާ މި ވާހަކައެއް ދެއްކީ ޖޯކަކަށް ހަދައިގެންނެވެ.
އިންޑިޔާގެ ނޫހަކަށް ވިކީ މި އިންޓަވިއު ދިނީ އޭނާ ކުޅުނު "ގޯވިންދާ މޭރާ ނާމް" ރިލީޒްކުރާ ދުވަސް ކައިރިވެފައިވާތީ އެ ފިލްމު ޕްރޮމޯޓު ކުރުމުގެ ގޮތުންނެވެ.
ޝަޝާންކް ޚައިތާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ބޫމީ ޕެޑްނޭކަރް އާއި ކިއާރާ އަދުވާނީ ބަތަލާގެ ބައިކުޅެފައި ވެއެވެ.
މި އިންޓަވިއުގައި ބައިވެރިވި އެކްޓަރުންނާ ނޫސްވެރިއަކު ކުރި ސުވާލަކީ އެމީހުން އެންމެ ކޯރިއޮގްރާފް ކޮށްދޭން ބޭނުންވާ އެކްޓަރަކީ ކޮބައިތޯ އެވެ. އެކި ތަރިން އެކި ޖަވާބުދިން އިރު ވިކީ ބުނީ ކެޓުރީނާ ކަމަށެވެ.
"އަހަރެން ބޭނުމީ ކެޓުރީނާ އަށް ކޯރިއޮގްރާފް ކޮށްދޭން. އޭނަ ނަށާލެއް ދެން މާ ގޯހެއް ނޫން. އަދި ކެޓުރީނާ ވަރަށް ހުނަރުވެރި. ނަމަވެސް މިހާރަށް ވުރެ ރަނގަޅަށް އޭނާއަށް ނަށާ، އެކްޓް ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ،" ވިކީ ބުންޏެވެ.
މި ހުރިހާ ފާޑުކިޔުމަކަށްފަހު ވިކީ ބުނީ މި އިންޓަވިއު ބަލާފައި ކެޓުރީނާ މިރޭ އޭނާއަށް ކާން ނުދޭނެ ކަމަށެވެ. އެހެން ބުނުމާއެކު އެތާ ތިބި އެންމެން ވަރަށް ބާރަށް ހީނގަތެވެ.
ކައިވެންޏަށްފަހު އޭނާގެ ހަޔާތަށް އައި ބަދަލުތަކަކީ ކޮބައިތޯ ނޫސްވެރިޔާ ކުރި ސުވާލުގެ ޖަވާބުގައި ވިކީ ބުނީ އެއްވެސް ބަދަލެއް އައި ކަމަކަށް ގަބޫލުނުކުރާ ކަމަށެވެ. ނަމަވެސް ކަންތައްތައް ކުރިއަށް ވުރެ ރަނގަޅުކުރަން މަސައްކަތް ކުރާ ކަމަށެވެ.
"ދިރިއުޅުން ކުރިއަށް ވުރެ މާރަނގަޅުވެއްޖެ. ހިތްހަމަޖެހުން ލިބިއްޖެ. ރޫހަށް ހަމަޖެހުން ލިބިއްޖެ. ވަރަށް ރަނގަޅޭ އިހްސާސްތައް ބުނެވޭނީ،" ވިކީ ބުންޏެވެ.
"ގޯވިންދާ މޭރާ ނާމް"ގައި ވިކީ ކުޅެނީ އަންހެނުން މަރާލިކަމުގެ ތުހުމަތު ބޮލުގައި އެޅިފައިވާ ކޯރިއޮގްރާފަރެއްގެ ރޯލެވެ. ނަމަވެސް މަރުވެފައިވާ މީހާގެ ހަށިގަނޑެއް ނުފެނެ އެވެ.
އަންނަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު މި ފިލްމު ރިލީޒްކުރާނީ އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ ޑިޒްނީ+ހޮޓްސްޓާ އިންނެވެ.