ބޮލީވުޑް

ވިކީ-ކެޓުރީނާ ކައިވެންޏަށް ދައުވަތު ނުދިނީމަ ލަދުގަތް: ކަރަން

ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ އާ ސީޒަން ނިމުމަކަށް އައިސްފައިވާއިރު މި ޝޯގައި އޭނާ ވަނީ ވަރަށް ގިނަ ފިލްމީ ތަރިންގެ ގިނަ ސިއްރުތަކެއް ފަޅާ އަރުވާލާފަ އެވެ. އަދި ޚުދު އޭނާއަށް ދިމާވި ބައެއް ކަންކަން ވެސް ކަރަން ކިޔައިދީފައި ވެއެވެ.

ޝޯގައި ބައިވެރިވި ފިލްމީ ތަރިންގެ ބޮޑެތި ސިއްރުތައް މި ޝޯގެ އެކި އެޕިސޯޑުތަކުގައި އެމީހުންގެ އަނގައިން ކިޔައިދޭން ކަރަން ވަނީ މަޖުބޫރުކޮށްފަ އެވެ. އެގޮތުން ރަންބީރު ކަޕޫރާ ލޯބީގެ ގޮތުން ގުޅުނު ގޮތުގެ ވާހަކަތައް އާލިއާ ބަޓް ކިޔައިދީފައި ވެއެވެ.

އަނަންޔާ ޕާންޑޭ އާއި ރުޅިވި ކަން އިޝާން ޚައްތަރު ޔަގީން ކޮށްދިނެވެ. އަދި ކާރްތިކް އާރްޔަން އާ ރައްޓެހިވެގެން ކުޑަ ދުވަސްކޮޅަކު އުޅުނުކަން ސާރާ އަލީ ޚާން ކިޔައިދީފައި ވެއެވެ.

މި ޝޯގެ ފަހުގެ އެޕިސޯޑުތަކުގައި ވާޙަކަ ދައްކަމުން ކަރަން ބުނި ގޮތުގައި ކެޓުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ލޯބީގެ އޮށް ވެސް އިންދީ އޭނާ އެވެ. ނަމަވެސް އެ ދެމީހުންގެ ކައިވެންޏަށް އޭނާއަކަށް ދައުވަތެއް ނުދެ އެވެ.

"ވިކީ-ކެޓުރީނާ ކައިވެނިކުރަން އުޅުނުއިރު އަހަރެންނަށް ދައުވަތު ނުދިނުން ވީ ވަރަށް ލަދުވެތި ކަމަކަށް. ސަބަބަކީ އެމީހުންނަށް ލޯބިވާނެ މަގު ފަހިކޮށްދިނީ އަހަރެން. އެހެންވެ މީހުން އަހަންނާ ދިމާލަށް ބުނޭ ކީއްވެހޭ އެމީޙުން ރައްޓެހިވެގެން އުޅޭ ވާޙަކަ ނުބުނެ ސިއްރުކޮށްގެން އުޅުނީ. އަނެއްބަޔަކު ބުނޭ ދެ މީހުން ގުޅުވައިދިން މީހާއަށް ކައިވެންޏަށް ދައުވަތު ނުދިނީ ކީއްވެހޭ؟ އެއްވެސް މައްސަލައެއް އުޅެނީހޭ ތި މީހުންގެ މެދުގައި؟ މިއީ ވަރަށް ލަދުގަންނަން ޖެހުނު ކަމެއް،" ކަރަން ބުންޏެވެ.

ޑިސެމްބަރު 9، 2021ގައި ވިކީ އާއި ކެޓުރީނާ ކައިވެނި ކުރަންދެން ވެސް އެ ދެ މީހުންގެ މެދުގައި އެއްވެސް ގުޅުމެއް އޮންނަ ކަމަކަށް އެމީހުން މީޑީއާގައި އެއްބަހެއް ނުވެ އެވެ. އަދި ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެ މީހުންގެ އެކުވެރިންނަށް އެކަން އެނގުނަސް އެއްވެސް މީހަކަށް ފާޅުގައި އެ ވާހަކަ ދައްކާކަށް ނުކެރުނެވެ.