"ސްޓޫޑަންޓް އޮފް ދަ އިޔާ" އިން 2012 ގައި ސިދާރްތު މަލްހޯތުރާ އާއި، ވަރުން ދަވަން އަދި އާލިއާ ބަޓް ބޮލީވުޑަށް ތައާރަފްކުރީ ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. އެހެންކަމުން މިއަދު ކަރަން ހުރީ އުފަލުން ފޮޅިފަ އެވެ. އަދި ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާގެ ތިން ދަރިވަރުންގެ ކައިވެނި ވެސް ކޮށްދެވުނީމަ އެވެ.
މީގެ ކުރިން އާލިއާ ބަޓް ވަނީ ރަންބީރު ކަޕޫރާ ކައިވެނި ކޮށްފަ އެވެ. އަދި ވަރުން ދަވަން ވެސް ވަނީ އޭނާގެ ކުޑައިރުގެ ލޯބިވެރިޔާ ނަތާޝާ ދަލާލްއާ ކައިވެނި ކޮށްފަ އެވެ. ތިންވަނަ ދަރިވަރު ސިދާރްތު އިއްޔެ ވަނީ އޭނާގެ "ޝޭރްޝާހް"ގެ ބަތަލާ ކިއާރާ އަދުވާނީއާ ކައިވެނި ކޮށްފި އެވެ.
އިންޑިއާގެ ޖެއިސަލްމާރްގެ ސޫރްޔާގަރް ޕެލަސްގައި އޮތް ސިދާރްތު އާއި ކިއާރާގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށްފަހު ކަރަން ވަނީ އިންސްޓަގްރާމްގައި އަލަތު ކައިވެނީގެ ދެމަފިރިންނާ ގުޅޭ ގޮތުން އޭނާގެ ހިތުގައި އޮތް ޝުއޫރުތައް ބަންޑުން ޖަހާލާފަ އެވެ.
"އަހަރެންނަށް ސިދް (ސިދާރްތު) އާ ފުރަތަމަ ބައްދަލުވީ މީގެ 15 ވަރަކަށް އަހަރު ކުރިން. އެއީ ވަރަށް ހިތްވަރުގަދަ، މަޑުމައިތިރި އަދި ވަރަށް ސެންސިޓިވް މީހެއް. އޭގެ އެތައް އަހަރެއް ފަހުން އަހަރެންނަށް ކިއާރާ އާ ބައްދަލުވީ. ކިއާރާގެ ވެސް ސިދާރްތުއާ ހަމަ އެއްވަރަކަށް ހިތްވަރުގަދަ ކަމާއި މަޑުމައިތިރިކަން އަދި ސެންސިޓިވް ކަން ހުރި. ދެން މި ދެ މީހުން އެކަކު އަނެކަކާ ބައްދަލުވި. އެހާތަނުން އަހަންނަށް އިހްސާސްވި މި ދެމީހުންގެ ފަރާތުން ވަރަށް އަދަޔާޚިލާފު ޖާދޫއެއް ކަހަލަ ލޯބީގެ ވާހަކައަކަށް ވުޖޫދު ވާނޭ،" ސިދާރްތު އާއި ކިއާރާގެ ކައިވެނީގެ ވަރަށް ލޯބި ފޮޓޮއަކާއެކު ކަރަން ޝެއާކުރި މެސެޖުގައި ލިޔެފައި ވެއެވެ.
އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައި ދެ މީހުން އެކުގައި ކައިވެނީގެ އަހުދާއި ވައުދުވީއިރު އެތަނުގައި ހާޒިރުވެ ތިބި އެންމެންނަށް ވެސް އެ މީހުންގެ މެދުގައި އޮތް އަގުމާތް ލޯތްބާއި އެނާޖީ އިހްސާސް ކުރެވުނު ކަމަށެވެ.
"އަހަރެން ވަރަށް ފަޚުރުވެރިވެފައި އެތާގައި އިނިން. އެ ދެމީހުންނަށް އަހަރެންގެ ހިތުގައި އޮތް ލޯބި ބުނެދޭން ވެސް ނޭނގޭ. ވަރަށް ލޯބިވޭ ސިދް. ވަރަށް ލޯބިވޭ ކީ (ކިއާރާ). މިއަދު ތި ގުޅުނު ގުޅުން އަބަދުގެ އަބަދަށް ދެމިއޮތުން އެދެން،" ކަރަން ލިޔެފައި ވެއެވެ.
މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވި މީހަކު ބުނި ގޮތުގައި ލަވަ ޕާޓީގައި ކަރަން ހިތް ފުރެންދެން ނެށި އެވެ. މި ހަފުލާގައި އެންމެ ގަދަޔަށް ނެށީ ޝާހިދު ކަޕޫރާއި ކަރަން ކަމަށްވެސް އެމީހާ ބުންޏެވެ.
"ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ކަރަން ވަނީ ސިދާރްތުގެ ކައިވެނި ޕާޓީގައި އޭނާ އާއި ޝާހިދު ކަޕޫރު "ޑޯލާރޭ ޑޯލާ" އަށް ނަށާނެ ކަމަށް ވައުދުވެފަ އެވެ. ނަމަވެސް އޭނާ މި ލަވައެއް ނެށިކަމެއް ޔަގީނެއް ނޫނެވެ.
ކަރަންގެ މި ޕޯސްޓަށް ކޮމެންޓުކުރި މީހުން ވަނީ އޭނާގެ ތިން ދަރިވަރުން ވެސް މިހާރު ކައިވެނިން ގްރެޖުއޭޓް ވެފައިވާތީ މަރުހަބާ ކިޔާފަ އެވެ. އަދި ސިދާރްތު އާއި ކިއާރާގެ ލޯތްބަކީ ވެސް ކަރަން އިންދި ލޯބީގެ އޮށަކުން ފެޅި ލޯބީގެ ގަހެއް ކަމަށް ބައެއް މީހުން ސިފަ ކޮށްފައި ވެއެވެ.