ބޮލީވުޑް

ސިދާރްތު އާއި ކިއާރާގެ ކައިވެނީގެ ފޮޓޯ ފޭނުން ހެއްވާލައިފި

"ކައިވެނި ކޮށްފިއޭ" އިންޑިއާގެ ޖެއިސަލްމާރުގެ ސޫރްޔާގަރް ޕެލަސްގައި ތިބި ބޭންޑް މެމްބަރުންގެ ތެރެއިން މީހަކު ގޮވާލި އަޑު އިވުނެވެ. ޕެލަސްގެ ބޭރުގައި ތިބި ނޫސްވެރިންނާއި ފޮޓޯގްރާފަރުންނަށް މިއަޑު އިވުމުން ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ ކައިވެނިކޮށްފިކަން ޔަގީންވި އެވެ. ނަމަވެސް އެމީހުން އިންތިޒާރު ކުރީ ދެމަފިރިންގެ ގޮތުގައި މަޝްހޫރު ދެ ތަރިން ނުކުމެ ފޮޓޮއެއް ނަގަން ދޭނެ ފުރުސަތަކަށެވެ. ނަމަވެސް އެމީހުންނަށް ފުރުސަތު ދިނުމުގެ ކުރިން ކިއާރާ އާއި ސިދާރްތު ވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯ އިންސްޓަގްރާމްގައި އަޕްލޯޑު ކޮށްފަ އެވެ.

އަންގާރަ ދުވަހު މެންދުރުފަހު އޮތް ކައިވެނީގެ މިރަސްމިއްޔާތަށްފަހު އަލަތު ކައިވެނީގެ ދެމަފިރިން ކުރި ފުރަތަމަ ޕޯސްޓް ޚާއްސަކުރީ އެމީހުންގެ ލޯބީގެ ފެށުން ކަމަށްވާ "ޝޭރްޝާހް" އަށެވެ.

"މިހާރު އަހަރެމެން ދެ މީހުން މުޅި އުމުރަށް ބުކިން ހަދައިފީމެވެ." އަލަތު ކައިވެނީގެ ފޮޓޯއާ އެކު ލިޔެފައިވާ ކެޕްޝަނުގައި ވެއެވެ. މިއީ "ޝޭރްޝާހް" ނިމޭ ތަނުން ބުނާ ޖުމްލަ އެކެވެ.

މި ފޮޓޯއާއެކު "ޝޭރްޝާހް" ބަލާފައި އޭގެ ނިންމުމާ މެދު ދެރަވެފައި ތިބި މީހުންނަށް އުފާވެރި ކަމަކަށް ވެއެވެ. ބައެއް މީހުން ބުނަނީ އެމީހުންނަށް ހީވީ "ޝޭރްޝާހް" އަށް އުފާވެރި ނިމުމެއް އައީ ކަމުގަ އެވެ.

އެހެން ފޭނަކު ބުނީ މިއަދު އަނެއްކާ އަލުން "ޝޭރްޝާހް" ބަލާލާހިތް ވެއްޖެ ކަމަށެވެ. އަދި މިއީ އެ ފިލްމުގެ ފޭނުން ބަލަން ބޭނުންވި ކަހަލަ ނިމުމެއް ކަމަށެވެ.

ކިއާރާގެ މަޑު ފިޔާތޮށިކުލައިގެ ކައިވެނީގެ ހެދުން ޑިޒައިން ކޮށްފައިވަނީ މަނީޝް މަލްހޯތުރާ އެވެ. މި ހެދުމާއެކު އޭނާ ބޭނުންކޮށްފައިވަނީ ޑައިމަންޑާއި އެމެރަލްޑްގެ ގަހަނާ ސެޓެކެވެ.

ކިއާރާ ބޮލީވުޑަށް ތައާރަފްވީ ކަރަން ޖޯހަރްގެ "ލަސްޓް ސްޓޯރީޒް" އިންނެވެ. ސިދާރްތު ތައާރަފްވީ ކަރަންގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިންނެވެ.

ކިއާރާ އާއި ސިދާރްތުގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ބޮލީވުޑުގައި ތިބި އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މަދު ބައެކެވެ. މީގެތެރޭގައި ކަރަން ޖޯހަރް، ޝާހިދު ކަޕޫރުގެ ދެމަފިރިން، ޖޫހީ ޗައުލާގެ ދެމަފިރިން ހިމެނެ އެވެ. އަދި އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނުގެ އަންހެން ދަރިފުޅު އީޝާ އަމްބާނީގެ ދެމަފިރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ. އީޝާ އަކީ ކިއާރާއާ އެއް ކްލާހެއްގައި ކިޔެވި އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ.