ބޮލީވުޑް

މުމްބައި ރިސެޕްޝަންގައި ކިއާރާ ލާފައި ހުރި ހެދުމަށް ފާޑުކިޔުން

ކައިވެނީގެ ހަފުލާގައި އެމީހަކު ލާނީ އެ މީހަކަށް އެންމެ ރީތި ޑިޒައިނެއްގެ އެންމެ ރީތި ހެދުމެކެވެ. އެއީ ފަހަރެއްގައި އެހެން މީހުންނަށް އެހާ މުނާސަބު އަދި ރީތި ހެދުމަކަށް ނުވުމަކީ މައްސަލައެއް ނޫނެވެ.

ކިއާރާ އަދުވާނީގެ ކަންތައް ކުރީ މިގޮތަށެވެ. ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ކައިވެންޏަށް ޒުވާން ޖޯޑު ވަނީ ބޮލީވުޑްގައި ތިބި އެމީހުންގެ އެކުވެރިންނަށް ޚާއްސަކޮށް މުމްބައިގައި ބޭއްވި ޕާޓީގައި އޭނާ ލައިގެން ހުރީ އޭނާއަށް އެންމެ ފަސޭހަ އަދި ރީތި ހެދުމެވެ. ނަމަވެސް އިންޓަނެޓުގައި މި ފޮޓޯތައް ވައިރަލްވުމާއެކު ވަރަށް ގިނަ މީހުންގެ ފާޑުކިޔުން ކިއާރާ އަށް އަމާޒުވި އެވެ. އޭނާ ލައިގެން ހުރި ހެދުން މުނާސަބަތާ ނުގުޅޭ ކަމަށް ބުނެ އެވެ.

ގިނަ މީހުން ހީކުރީ ކިއާރާ ލާނީ އިންޑީއާ އަންހެނުން ކައިވެނިކުރާއިރު އަޅާ ކަހަލަ ޓްރެޑިޝަނަލް ހެދުމެއް ކަމަށެވެ. އަދި އެ ހެދުމާއެކު ރަނުގެ ގަހަނާ ވެސް އަޅާނެ ކަމަށެވެ. ނަމަވެސް ކިއާރާ އަޅައިގެން ހުރީ ހުދާއި ކަޅުގެ ވެސްޓާން ހެދުމެކެވެ.

ހިންދޫން ކައިވެންޏަށްފަހު ނިތްކުރީ ހާކާ ކުލަ ހާކާފައި ނެތިގެންނާއި މަންގަލްސޫތުރަ (ކަރުގައި އަޅާފައި އޮންނަ ކައިވެނީގެ ހާރު) އަދި ޗޫޅާ (އަލަށް ކައިވެނިކުރާ ހިންދޫ އަންހެނުން އަޅާ ރަތްކުލައިގެ ތަނޑިބައި) ނެތިގެން ވެސް ބައެއް މީހުން ފާޑު ކިއެވެ.

"އޭނަ އެހެން ޑިޒައިނެއް ހޯދަންޖެހޭ. ވަރަށް ކަމުނުދާ ގޮތަކަށް ހެދުން އަޅާފައި ހުރީ،" ކިއާރާ އަށް ފާޑުކިޔާ، މީހަކު ކުރި ޓުވީޓެއްގައި ވެއެވެ.

އެހެން މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ކިއާރާ ހީވަނީ އެވޯޑު ޝޯ އަކަށް ގޮސް ހުރި ހެންނެވެ. ކައިވެނީގެ ރިސެޕްޝަންގައި ހުރިހެން ހިއެއް ނުވެ އެވެ.

"ހޮލީވުޑް ވެސް މި ޓްރެޑިޝަންތައް މިހާރު ގަބޫލުކުރޭ. އަދި ޓޮލީވުޑް މީހުން ވެސް ގަބޫލުކުރޭ. ނަމަވެސް ބޮލީވުޑް މީހުން މިފަދަ ސަގާފަތްތައް ގަބޫލުނުކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް،" އެހެން މީހަކު ލިޔެފައި ވެއެވެ.

ކިއާރާ އާއި ސިދާރްތުގެ މުމްބައި ރިސެޕްޝަނަށް ހިންދީ ފިލްމު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުން ދިޔަ އެވެ. އޭގެ ތެރޭގައި ކާޖޮލް އާއި އަޖޭ ދޭވްގަން، ވަރުން ދަވަން، އާލިއާ ބަޓް، ރަންވީރު ސިންގް، އަނަންޔާ ޕާންޑޭ، ކްރީތީ ސެނޯން، އަދިތުޔާ ރޯއި ކަޕޫރު ހިމެނެ އެވެ.