ބޮލީވުޑް

ކައިވެނީގައި ޖަހަން "ރާންޖާ" ނޫން ލަވައެއް ކިއާރާ ބޭނުމެއް ނުވި

"ޝޭރްޝާހް"ގެ ލޯބިލޯބި ޖޯޑު ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ހަގީގީ ފެއަރީޓެލް ވެޑިން މިދިޔަ ހަފުތާގައި ބާއްވާފައިވާއިރު ކައިވެނީގެ މުޅި ތީމް ވެސް އެމީހުން ޚާއްސަކޮށްފައިވަނީ "ޝޭރްޝާހް"ގެ މިއުޒިކަށެވެ.

ސިދާރްތު އާއި ކިއާރާ ކައިވެނިކުރާ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު އެމީހުން އިންސްޓަގްރާމްގައި ޝެއާ ކޮށްފައިވާއިރު ކިއާރާ ކައިވެނިކުރަން އަންނައިރުވެސް ބެކްގްރައުންޑުން އިވެމުން ދިޔައީ "ޝޭރްޝާހް"ގެ އެންމެ ރީތި ލަވަ "ރާންޖާ" އެވެ.

އެނޫން އެއްވެސް ލަވައެއް އޭނާގެ ކައިވެނީގައި ޖަހާކަށް ކިއާރާ ބޭނުމެއް ނުވި އެވެ.

ކިއާރާ އާއި ސިދާރްތުގެ ވެޑިން ވީޑިއޯ

ސިދާރްތު އާއި ކިއާރާގެ ވެޑިން ފޮޓޯގްރާފަރުންގެ ޓީމުން ބުނި ގޮތުގައި "ރާންޖާ"އަކީ ވަރަށް ދެރަވާ ލަވައެއް ނަމަވެސް އެމީހުންގެ ކައިވެނީގައި އެ ލަވަ ޖަހަން ކިއާރާ ބޭނުންވީ ކަމަށެވެ.

"އަހަރެމެން ވަރަށް ބުނިން އެއީ ވަރަށް ދެރަވާ ލަވައެއް ނޫންހޭ. ކައިވެންޏެއްގައި ޖަހާކަށް އެ ލަވަ ކަމަކު ނުދެކޭ. އެކަމަކު ކިއާރާ ބުނި އެއީ އެމީހުންގެ (އޭނާ އާއި ސިދާރްތު) ލަވައޭ،" ފޮޓޯގްރާފަރުންގެ ޓީމުގައި ހިމެނޭ މެންބަރަކު ބުންޏެވެ.

މި ލަވައިގެ ލިރިކްސް ކައިވެންޏާ ނުގުޅޭތީ އެ ޓީމުން ވަނީ ލިރިކްސް އަލުން އެ ކައިވެންޏާ ގުޅޭ ގޮތަށް ބަދަލުކޮށް އަލުން އެ ލަވަ ރެކޯޑް ކޮށްފަ އެވެ. އެހެންކަމުން އެ ލަވަ މި ކައިވެނީގައި އިވެމުން ދިޔައިރު ތަފާތު ޖާދޫއެއް އިހްސާސް ކުރެވުނުކަމަށް ކައިވެނީގައި ބައިވެރިވި ގިނަ ބަޔަކު ބުނެފައި ވެއެވެ.

ކިއާރާ އާއި ސިދާރްތުގެ ލޯބީގެ ގުޅުން ފެށިފައިވަނީ "ޝޭރްޝާހް"ގެ ޝޫޓިން ފެށުމާއެކުގަ އެވެ. އަދި ފިލްމުގައި އެމީހުން ކުޅެފައިވަނީ ލޯބީގެ ދެވަނަ މިސާލެއް ނެތް ފަދަ ދެ ލޯބިވެރިއެއްގެ ކެރެކްޓާ އެވެ. މި ފިލްމަށް އެމީހުންގެ އުފާވެރި ކައިވެނި ޚާއްސަކުރީ އެހެންވެ އެވެ.