ބޮލީވުޑް

ކެޓުރީނާ ހަގީގަތުގައި ވެސް ބަނޑުބޮޑީތަ؟

ކެޓުރީނާ ކައިފް ބަނޑުބޮޑުވެގެން އުޅޭ ވާހަކަ އިންޑިޔާގެ އެކި ނޫސްތަކުން އިއްޔެ އިން ފެށިގެން ގެންދަނީ ލިޔަމުންނެވެ. މި ވާހަކަ ވިކީ ކޯޝަލްގެ އާއިލާގެ މީހުން ދޮގުކުރެ އެވެ. ނަމަވެސް ހަމަ ހަގީގަތުގައި ވެސް ކެޓުރީނާ ބަނޑުބޮޑުކަމަށް ވަރަށް ޔަގީންކަމާއެކު ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.

ވިކީ އާއި ކެޓުރީނާގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި ކެޓުރީނާ އިނީ ބަލިވެ އެވެ. ނަމަވެސް އެހާ އަވަހަށް އެ ވާހަކަ މީހުންނަށް އަންގަން ދެ ފަރާތުގެ އާއިލާގެ މީހުން ގަބޫލެއް ނޫނެވެ. ބަނޑުބޮޑު ނޫންކަމަށް ބުނެ ވާހަކަ ދައްކަނީ އެހެންވެ އެވެ.

ކެޓުރީނާ އާއި ވިކީ މިހާރު ވެސް އުޅެނީ ޗުއްޓީއަކަށް އެމެރިކާ އަށް ގޮހެވެ. މި ދުވަސްތަކަކީ ކެޓުރީނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ކަމަށް އެކުވެރިޔާ ބުންޏެވެ. އަދި އޭނާގެ ފިލްމުތަކުގެ ޝޫޓިންގްތައް ހުރި ގޮތުން އޭނާ ބަނޑުބޮޑަސް އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށް ވެސް އެކުވެރިޔާ ބުނެފައި ވެއެވެ.

ކެޓުރީނާ މިހާރު ކުރަމުން ދަނީ "މެރީ ކްރިސްމަސް" ކިޔާ ފިލްމެއްގެ މަސައްކަތެވެ. އެ ފިލްމުގައި ބައިވެރިވާ މީހުން ވެސް ބުނަނީ ކެޓުރީނާ ބަނޑުބޮޑު ނޫން ކަމަށެވެ. އެކަމަކު އެކުވެރިޔާ ބުނަނީ ބަލިވެ އިނދެ ފުރަތަމަ ތިން މަސް އަދި ހަމަ ނުވާތީ އެކަން އިއުލާން ކުރަން ވިކީ ވެސް ކެޓުރީނާ ވެސް ބޭނުން ނުވަނީ ކަމަށެވެ.