ދީން

ބާމިންހަމް ޔުނިވަސިޓީން ފެނުނީ ހަލީފާއިންގެ ދައުރުގެ މުސްހަފެއް ކަމަށް ބެލެވޭ: އިލްމުވެރިން

Dec 24, 2015

އިނގިރޭސި ވިލާތުގައި ހުންނަ ބަމިންހަމް ޔުނިވަސިޓީން މިދިޔަ ޖުލައި މަހު ފެނުނު ކީރިތި ގުރުއާނުގެ ދުވަސްވީ ކޮޕީއަކީ، މުސްލިމުންގެ ފުރަތަމަ ހަލީފާ އަބޫބަކުރުގެފާނުގެ ޒަމާނުގައި ލިޔެ ރައްކާކޮށްފައިވާ ކޮޕީއެއް ކަމަށް ލާފާކުރެވޭ ކަމަށް ބައެއް ދީނީ އިލްމުވެރިން ބުނެފި އެވެ.

ބަމިންހަމް ޔުނިވަސިޓީގައި ޕީއެޗްޑީ އަށް ކިޔަވަމުންދިޔަ ދަރިވަރަކު ރޭޑިއޯ ކާބަން ޑޭޓާ އެއް ހެދުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އެ ފޮތަކީ މީގެ 1،370 އަހަރު ކުރިން ލިޔެފައިވާ ފޮތެއް ކަމަށާ އެއީ ދުނިޔޭގައި މިހާރު އޮތް ކީރިތި ގުރުއާނުގެ އެންމެ ދުވަސްވީ ފޮތް ކަމަށް ފޮތް ދިރާސާކުރާ އިލްމުވެރިން އިއްތިފާގުވެއެވެ.

ދަ އިންޑިޕެންޑެންޓް ނޫހަށް ދިން އިންޓަވިއުއެއްގައި، ޔޫއޭއީގެ މުހައްމަދު ރާޝިދް އަލް މަޚްތޫމް ފައުންޑޭޝަންގެ މެނޭޖިން ޑިރެކްޓަރު، ނައު ޖަމާލް ބިން ހުވަރައިބް ވިދާޅުވީ، ބަމިންހަމް ޔުނިވަސިޓީން ފެނުނު ދުވަސްވީ ހަތިމަކީ އަބޫބަކުރުގެފާނުގެ ޒަމާނުގައި އަބޫބަކުރުގެފާނުގެ ޒަމާނުގައި ލިޔުއްވި އެންމެ ފުރަތަމަ ފޮތްތަކުގެ ތެރެއިން ފޮތެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ކީރިތި ރަސޫލާ ސުވަރުގެވަޑައިގެންނެވުމަށްފަހު، ކީރިތި ގުރުއާން އެއްފޮތެއްގައި ލިޔެ ޖަމާކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މުސްލިމުންގެ ފުރަތަމަ ހަލީފާ އަބޫބަކުރު ގެފާނެވެ. އަބޫބަކުރުގެފާނުގެ ބެއްލެވުމުގެ ދަށުން އެ މަސައްކަތް ކުރެއްވުމަށް އިސްކުރެއްވީ އުމަރުގެފާނާއި ޒައިދުގެފާނެވެ. އަބޫބަކުރުގެފާނު މުސްލުމުންގެ ހަލީފާއަކަށް އިސްކުރެވުނީ މީލާދީން 632 ވަނަ އަހަރުގައި ކަމަށް ތާރީހީ ފޮތްތަކުގައި ބުނެފައިވެ އެވެ.

"ބަމިންހަމް އިން ފެނުނު ކީރިތި ގުރުއާން ލިޔެފައިވާ މުސްހަފަށް ބަލާއިރު އެއީ ވަރަށް ކުރީގައި މަދު ބަޔަކު ކޮށްފައިވާ މަސައްކަތެއްކަން ހާމަވޭ. އެހެން ކަމުން އެންމެ ބޮޑަށް ބެލެވެނީ އެ މުސްހަފަކީ އަބޫބަކުރުގެފާނުގެ ޒަމާނުގައި ލިޔެވުނު ފޮތެއް ކަމަށް،" ހުވަރާބީ ވިދާޅުވި އެވެ.

ހުވަރާބީ ވިދާޅުވީ، 200 ސަފުހާ އެކުލެވޭ އެ މުސްހަފަކީ މިހާތަނަށް ފެނިފައިވާ އެންމެ ދުވަސްވީ ކީީރިތި ގުރުއާން ފޮތް ކަމަށް ވާތީ، އެއީ މުސްލިމުންނަށާއި، އިސްލާމީ ފިގުހު އުނގެނޭ ދަރިވަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި މައްސަލާގައި ބަމިންހަމް ޔުނިވަސިޓީގައި އިސްލާމް އަދި ކްރިސްތިއަން ކިޔަވައިދޭ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ތޯމަސް ވިދާޅުވީ، އެ މުސްހަފަކީ އަބޫބަކުރުގެފާނުގެ ހިލާފަތުގައި ލިޔެވުނު ފޮތެއްކަން ޔަގީންކޮށް ނުބުނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ޔުނިވަސިޓީން ހެދި ރޭޑިއޯ ކާބަން ޑޭޓާ ބުނާ ގޮތުން، ކަންބަޅީއާއި ބަކަރީގެ ހަމުގައި ލިޔެފައިވާ އެ މުސްހަފު ލިޔެފައިވަނީ އަބޫބަކުރުގެފާނު ދުނިޔެ ދޫކުރެއްވިތާ ބަރާބަރު 20 އަހަރު ފަހުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ، އެ މުސްހަފަކީ އަބޫބަކުރުގެފާނުގެ ހިލާފަތުގައި ލިޔުނު މުސްހަފެއްކަން ޔަގީން ނުވިޔަސް، އެއީ ކީރިތި ރަސޫލާއަށްފަހު އިސްލާމީ ހިލާފަތާ ހަވާލުވެވަޑައިގެންނެވި ހަލީފާއިންގެ މަސައްކަތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މުސްހަފަކީ މީލާދީން 568 އާއި 645 ވަނަ އަހަރާ ދެމެދުގެ ލިޔުމެއް ކަމަށް ގަބޫލްކުރެވެ އެވެ.

އަބޫބަކުރުގެފާނަށް ފަހުގައި ގުރުއާން ލިޔެ ޖަމާކުރެއްވުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރެއްވީ މުސްލިމުންގެ ތިން ވަނަ ޚަލީފާ އުސްމާނުގެފާނުގެ ދުވަސްވަރެވެ.